- ޓީޓީއެމް އޮތީ ޖުލައި 12-13 އަށް
- މި ފެއާގައި 150 އެޖެންޓުން ބައިވެރިވޭ
- ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާ
ދުބާއީގައި މިހާރު ކުރިއަށްދާ، އެރެބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިޝްތިހާރު ކުރަން ގިނަ މަސައްކަތް ތަކެއް ފަށައިފި އެވެ.
ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ އޭޓީއެމް ފެއާގައި ޓީޓީއެމް އިޝްތިހާރު ކުރުމުގެ ގޮތުން ތަފާތު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.
ޓީޓީއެމް ފެއާ އޮންނާނީ ޖުލައި މަހުގެ 12-13 ދެ ދުވަހު އެވެ. މި ފެއާގެ އެއްބައި އޮތީ ދަރުބާރުގޭގަ އެވެ. އަދި ގާލާ ނައިޓް އޮންނާނީ އަދާރަން ރިސޯޓުގަ އެވެ.
ޓީޓއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި މަގުސަދުގައި ބާއްވާ ފެއާގެ ޕްރިމިއަމް އެގްޒިބިޓަރުންގެ ގޮތުގައި އަދާރަން ރިސޯޓާއި ޔުނިވާސަލް ރިސޯޓުގެ އިތުރުން ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތަކާއި ބަރޮސް މޯލްޑިވްސްގެ އިތުރުން ވިލާ އެންޑް ރިސޯޓުވެސް ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ސަންލޭންޑް ޖާނީގެ ކޮކޯ ކަލެކްޝަން ރިސޯޓާއި ކޮކޯ ބޮޑު ހިތި އަދި ކުޑަ ހިތި ރިސޯޓުގެ އިތުރުން ވެސް ގިނަ ރިސޯޓުތަކެއް ހިމެނެ އެވެ.
މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.