ދުނިޔެ

ޔޫރަޕުން އިޒްރޭލު ބާރުވެރި ކުރުވަނީ!

Apr 25, 2017

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ މުއްސަނދި ކަމުން ބޮޑު ފައިދާއެއް ނެގޭ ފަދަ އެއްބަސްވުމެއްގައި ޔޫރަޕްގެ ތިން ގައުމަކުން މިހާރު ވަނީ ސޮއިކޮށްފަ އެވެ. އިޓަލީއާއި ސައިޕްރަސް އާއި ގްރީސް އިން އެއްބަސްވެފައި ވަނީ އިޒްރޭލުން އެތަންތަނަށް ގުދުރަތީ ގޭހުގެ ހޮޅިތައް އެޅުމަށެވެ. އެގޮތަށް ކަންތައް ކޮށްފި ނަމަ މެދު އިރުމަތީގެ ހަކަތައިގެ މައިގަނޑު އެކްސްޕޯޓަރަކަށް އިޒްރޭލު ވާނެއެވެ. އެއީ ފަލަސްތީނު މީހުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ މަޝްރޫއެކެވެ. ހާއްސަކޮށް ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެކަމާ ހިތާމަ ކުރެއެވެ. އެހެނީ އެމީހުންނަކީ ގުދުރަތީ ވަސީލަތްތައް އިންތިހާައަށް ގިނަ އަމިއްލަ ބިމުގައި އެވަސީލަތްތަކުން މަހުރޫމް ކުރެވިފައިވާ ބަޔަކަށް ވާތީއެވެ.

"އިޒްރޭލާ އިޓަލީއާ ސައިޕްރަސްއާ ގްރީސްއާ ދެމެދު ގާއިމްކުރާ ޕައިޕްލައިން އެގްރިމެންޓުން ފައިދާކުރާނީ ހަމަ އެކަނި ހިފާފައިވާ ބިންތަކުން ސީދާ ގޮތެއްގައި ފައިދާ ނަގާ ކޯޕަރޭޝަންތަކަށް އެކަންޏެއް ނޫން. ފަލަސްތީނުގެ ބިންތައް ބައްދުކޮށްފައި ބާއްވަން އިޒްރޭލަށް އެކަމުން ބާރު ލިބޭނެ. އަނެއްކާ އެއީ ހިސާރު ދަމަހައްޓަން ޔޫރަޕުން ކުރާ ތާއީދަކަށް ވެސް ވާނެ،" ފަލަސްތީނު މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ އަލް ހައްގު ޖަމާއަތުގެ ޖެނެރަލް ޑައިރެކްޓަރު ޝަވާން ޖަބަރިން އަލްޖަޒީރާއަށް ވިދާޅުވެފައި ވެއެވެ.

އިޒްރޭލާއި ގްރީސްއާއި ސައިޕްރަސްއާއި އިޓަލީގެ މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ފޯ ކްލައިމެޓް އެކްޝަން އެންޑް އެނަޖީ އިން ވަނީ މިހިނގާ އޭޕްރިލްމަހު ގުޅިފައިވާ މުއާހަދާއެއް އެކުަލަވާލާފަ އެވެ. އެ މުއާހަދާގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއަކީ އިޒްރޭލާއި ސައިޕްރަސް އިން ދާދި ފަހުން ހޯދާފައިވާ ގުދުރަތީ ގޭސް ގްރީސް މެދުވެރިކޮށް ޔޫރަޕަށް އެތެރެ ކުރާނެ ޕައިޕްލައިނެއް އެޅުމެވެ.

އިޒްރޭލުގެ އެނާޖީ މިނިސްޓަރު ޔުވާލް ސްޓެއިނިޒް ވިދާޅުވެފައިވާ ގޮތުގައި އެ ޕައިޕްލައިން ވާނީ ކަނޑު ހުރަސްކޮށް ދުނިޔޭގައި މިހައިތަނަށް އަޅާ އެންމެ ދިގު އަދި އެންމެ ފުނުން ގެންދާ ޕައިޕްލައިނަށެވެ. އިޒްރޭލުން މި މަޝްރޫއު ސިފަކުރަނީ މެޑިޓަރޭނިއަންގެ ގައުމުތަކުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ. ޔޫރަޕިއަން ޔޫނިއަނުން ދެކެނީ އެއީ އެޖަމާއަތުގެ ގައުމުތަކުން ރަޝިޔާގެ ގުދުރަތީ ގޭހަށް ބަރޯސާ ކުރާ ކުރުން ނިމުމަކަށް ގެނެސްދޭނެ ކަމެއްގެ ގޮތުގައެވެ.

ލެވިއަތަން ގޭސްފީލްޑް ގެ ނަންދީފައިވާ ގޭސް ރިޒާވް އިޒުރޭލުން ހޯދީ 2010 ވަނަ އަހަރުއެވެ. ހިފާފައިވާ ފަލަސްތީނުގެ ކަނޑުގެ ސަރަހައްދުން ހޯދި އެ ރިޒާވްގެ ސަބަބުން ހަކަތަ އިމްޕޯޓް ކުރާ ގައުމެއްގެ ގޮތުގައި އިޒްރޭލް އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ ބަދަލުގައި އެގައުމު މިހާރު ވެފައި ވަނީ ހަކަތަ އެކްސްޕޯޓް ކުރާ މައިގަނޑު ގައުމަކަށެވެ. ލެވިއަތަން ގޭސް ފީލްޑުން ގޭސް ގަންނަން ފުރަތަމަ އެއްބަސްވީ ވެސް މެދުއިރުމަތީގެ އަރަބި ގައުމަކުންނެވެ. އުރުދުން އިން އިޒްރޭލާއެކު މިދިޔަ އަހަރު ގާއިމްކުރި އެއްބަސްވުމުގެ އަގަކީ 10 ބިލިޔަން ޑޮލަރެވެ. އެ އެއްބަސްވުމުގެ ދަށުން އިޒްރޭލުން އުރުދުންއަށް 15 އަހަރު ދުވަސް ތެރޭގައި 8.5 މިލިޔަން ކިއުބިކް މީޓަރުގެ ގޭސް ފޯރުކޮށްދޭނެ އެވެ.

އުރުދުންއާއި ޔޫރަޕްގެ މި ފިޔަވަޅުގެ ސަބަބުން ފަލަސްތީނު މީހުންގެ ހައްގުތަކަށް ޓަކައި ބައިނަލް އަގުވާމީ ގޮތުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ. އެކަން އިޒްރޭލުން ވަނީ ހާމަވެސް ކޮށްފައެވެ.

" ގޭސް އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ލިބުމުން ބައިނަލް އަގުވާމީ ފިއްތުންތަކުން އަސަރު ނުކުރާ ބަޔަކަށް އަހަރެމެން ވާނެ. ބޮއިކޮޓް ކުރުންތަކުގެ ގެއްލުންވާ ބައެއްގެ ގޮތުގައި ތިބޭކަށް އަަހަރެމެން ބޭނުމެއް ނޫން،" ގޭސް މަޝްރޫއާ ބެހޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވެއެވެ.