އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓެއް ނުވަތަ މިސައިލް ޓެސްޓެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ހަނގުރާމަމަތީ ސަބްމެެރިން އެއް ދެކުނުކޮރެއާއަށް ހިނގައްޖެއެވެ.
މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ހުންނަ، ޔޫއެސްއެސް މިޗިގަން ނަމަކަށް ކިޔާ ސަބްމެރިން ދެކުނުކޮރެއާއަށް ދިޔައީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން އަންނަ މަތިންދާބޯޓް އުފުލާ މަނަވަރު ޔޫއެސްއެސް ކާލްވިންސަން ހިމެނޭ މަނަވަރުތަކުގެ ފްލީޓާ ގުޅުމަށް ކަމަށް ބީބީސީ ބުންޏެވެ.
އުތުރުކޮރެއާގެ ސިފައިންގެ ލަޝްކަރުތަކުގެ 85 ވަނަ އަހަރީ ދުވަސް އެގައުމުން ފާހަގަކުރާނީ މިއަދުއެވެ. މީގެ ކުރިން އެފަދަ ދުވަސްތައް ފާހަގަކުރި އިރު އެގައުމުން ވަނީ ޓެސްޓްތައް ކޮށްފައެވެ. އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ހިނގި ވަރުގަދަ ޒުވާބުގެ ސަބަބުން ކޮރެއާ ސަރަހައްދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.
އުތުރުކޮރެއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އާދަޔާ ހިލާފު ބައްދަލުވުމެއް މާދަނާ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބާއްވަން އެމެރިކާ ސަރުކާން ވަނީ ނިންމާފައެވެ. އެ ބައްދަލުވުމަށް އެމެރިކާ ސެނެޓްގެ ހުރިހާ މެމްބަރުން ދާން ވައިޓްހައުސް އިން ވަނީ އެދިފައެވެ.
ނިއުކްލިއަ ހަކަތައިން ދުއްވާ ޔޫއެސްއެސް މިޗިގަން ދެކުނު ކޮރެއާއަށް އައީ 154 ކްރޫޒް މިސައިލާއި ކުދި ސަބްމެރިންތައް ހިފައިގެން ކަމަށް ދެކުނު ކޮރެއާގެ ޗޯސަން ލިބޯ ނޫހުން ބުންޏެވެ. އެނޫހުން ބުނީ ހާއްސަ އޮޕަރޭޝަންތައް ހިންގާ އެމެރިކާ ސިފައިންގެ 60 މީހުން ވެސް ސަބްމެރިންގައި އައި ކަަމަށެވެ.
އުތުރުކޮރެއާއަށް އެމެރިކާގެ ބާރުވެރިކަން ދައްކައިލުމަށް ޔޫއެސްއެސް ކާލްވިންސަން ގްރޫޕުން ހިންގާ ކުރިއަށް ގެންދަން ރާވާފައިވާ ތަމްރީނު ހަރަކާތުގައި ޔޫއެސްއެސް މިޗިގަން ވެސް ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޔޫއެސްއެސް ކާލްވިންސަން ފައްތައިލެވިދާނެ ކަމަށް އުތުރުކޮރެއާއިން ކުރިން ވަނީ ބުނެފައެވެ.
"ނިއުކްލިއަ ހަކަތައިން ދުއްވާ އެމެރިކާގެ އެއާކްރާފްޓް ކެރިއާ އެންމެ ހަމަލާއަކުން ފައްތައިލަން އަހަރެމެންގެ އިންގިލާބީ ބާރުތައް ތިބީ ތައްޔާރަށް،" އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ރަސްމީ ނޫސް ރޮޑޯން ސިން މަންގައި ޝާއިއު ކުރި ލިއުމެއްގައި ބުނެފައި ވެއެވެ.
ކާލްވިންސަން ފްލީޓް ކޮރެއަން ޕެނިންސިއުލާ ކައިރިއަށް ދަތުރު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ ކޮރެއާއާ އެމެރިކާއާއި ދެމެދު އުފެދިފައިވާ ޒުވާބު ހޫނުވުމުން އެމެރިކާގެ މަސްލަހަތުތަކަށް ހަަމަލާދީފާނެ ކަމުގެ ބިރު އުތުުރު ކޮރެއާއިން ދައްކަން ފެށުމުންނެވެ.
އެމެރިކާގެ މަނަވަރުތައް ކޮރެއާ ކައިިރިއަށް ދަތުތު ކުރާނެ ކަމަށް އެމެރިކާއިން ބުންޏަސް އެ ފްލީޓް މިހާރު އޮތީ ކިހާ ހިސާބެއްގައި ކަމެއް އެމެރިކާއަކުން ނުބުނެއެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ހޮނިހިރު ދުވަހު ވިދާޅުވީ ދުވަސްކޮޅެއްގެ ތެރޭގައި މަނަވަރުތައް ކޮރެއާ ކައިރިއަށް ދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ