ދުނިޔެ

ހައިހޫނުކަމުގައި ތިބި ޔަމަނު މީހުނަށް އަރަބިން އެހީވާން އދ. ގޮވާލައިފި

Apr 25, 2017
1

ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ޔަމަނުގެ ރައްޔިތުންނަށް ގަލްފުގެ ގައުމުތަކުން އެހީތެރިވާން ޖެހޭނެ ކަމަށް އދ. ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓާ ސްޓެފަން އޮބްރިއެން ވިދާޅުވެއްޖެ އެވެ.

ޔަމަނު މީހުންނަށް އެހީފޯރުކޮށްދޭން މިއަހަރަށް ބޭނުންވާ 2.1 ބިލިޔަން ޑޮލަރު ހޯދަން ބާއްވާ ބޮޑު މަހާސިންތާ ފެށުމުގެ އެއް ދުވަސް ކުރިން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އޮބްރިއެން ވިދާޅުވެފައި ވަނީ ޔަމަނުގެ ހައިހޫނު ކަމަކީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއަށް ބަދަލުވަމުންދާ ކަމަށެވެ.

"ހާއްސަކޮށް ސަރަހައްދުގެ ގައުމުތަކަށް އަޅުގަނޑު ގޮވައިލަން މިހަމަނުޖެހުމުގައި ފިތިފައި ތިބި ޔަމަނު ރައްޔިތުންނަށް އެހީތެރިވާން އިސްނެގުމަށް،" އޭނާ ވިދާޅުވެފައި ވެއެވެ.

ޔަމަނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ ފޯރުކޮށްދޭން އދ. ގެ އެހީދޭ އެޖެންސީއަށް އަދި ލިބިފައިވަނީ ބޭނުންވާ ފައިސާގެ އެންމެ 15 ޕަސެންޓެވެ. ލިބުނު ފައިސާގެ ތެރޭގައި މެދުއިރުމަތީގެ ގައުމަކުން ދިން އެއްވެސް އެއްޗެއް ނުހިމެނެ އެވެ. ޔަމަނުގައި ހިނގާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 17 މިލިޔަން މީހުންނަށް ކާނާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ޔަމަނުގެ ޖުމްލަ އާބާދީއަކީ 26 މިލިޔަން މީހުންނެވެ.

ޔަމަނުގައި ހަނގުރާމަ ހިނގަމުން ދަނީ އެގައުމުގެ ވެރިރަށް ސަންއާއާއި އެހެން ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ ހޫސީ ހަނގުރާމަވެރިންނާއި އެގައުމުގެ ސަރުކާރަށް ތާއީދުކުރާ އަރަބި ގައުމުތަކުގެ ލަޝްކަރުތަކާ ދެމެދުގަ އެވެ. އަރަބި ގައުމުތަކުގެ ލަޝްކަރުތަކުގައި އިސްވެ އުޅެނީ ސައުދީ އަރަބިއްޔާއިންނެވެ. ޔަމަނު ހަނގުރާމަށް ދެ އަހަރު ވިއިރު އެ ހަނގުރާމައިގައި އާއްމުންގެ 10000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.