އެކްސިޑެންޓް

އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހަކު މާލެ ގެނެސްފި

އައްޑޫ ސިޓީ ލިންކު ރޯޑުގައި ރޭގެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނޭ މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.

އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ގެނައީ 61 އަހަރުގެ މީހެކެވެ. އެމީހާ މާލެ ގަނެއައީ އެކްސިޑެންޓްގެ ސަބަބުން އޭނާގެ މޭ ކަށިގަނޑުގެ ކަށިގަނޑެއް ބިންދައިގެން ދިއުމުގެ ސަބަބުން ކަމަށް ހިތަދޫ ރީޖަަނަލް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު ނަޖީބް މިއަދު ވިދާޅުވި އެވެ.

ނަޖީބް ވިދާޅުވީ، މިއަދު މެންދުރު 1:20 ހާއިރު އޭނާ މާލެ ފޮނުވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރަށް ދެން އެ މީހާއަށް ފަރުވާ ދެވޭނީ މާލެއިން ކަމަށްވާތީ ކަމަށެވެ.

އިއްޔެގެ އެކްސިޑެންޓުގައި ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އަނެއް ދެ މީހުންގެ ހާލު މިހާރު ރަނގަޅެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

އައްޑޫ ސިޓީގެ ލިންކް ރޯޑަކީ އެކްސިޑެންޓް ގިނަ މަގެކެވެ. އެ މަގުގައި ހިނގި އެކްސިޑެންޓްތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.