ކުޅިވަރު

ޗެލްސީ އަށް ހަތް ޕޮއިންޓްގެ ލީޑެއް

Apr 26, 2017

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަން އަތުން 4-2 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީގެ ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ޗެލްސީ އަށް ދެން ލަނޑު ޖަހައިދިނީ ގެރީ ކޭހިލް އަދި އެޑަން ހަޒާޑެވެ.

މި މެޗުގައި ސައުތުހެމްޓަންގެ ދެ ލަނޑު ވެސް ޖެހީ ޗެލްސީގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އޮރިއޮލް ރޮމެއޫ އަދި ރަޔަން ބާޓްރަންޑެވެ.

ޗެލްސީ ތާވަލްގެ އެއްވަނައިގައި އޮތީ 78 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 71 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލީގުގައި މިރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެ ނަމަ، ޗެލްސީގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ލީގު ޗެމްޕިއަންކަން ހޯދުމަށް ޗެލްސީ އަށް ބޮޑު ފިޔަވަޅެއް އެޅިއްޖެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ފިޔަވަޅެއް. ޔުނައިޓެޑް އަތުން އަހަރަމެން ބަލިވެފައި އޮތުމުން މިއީ ނަފްސާނީ ގޮތުން ވެސް ކުޅުންތެރިންނަށް ފައިދާ ކުރާނެ މޮޅެއް،" ކޮންޓޭ ބުންޏެވެ.