ދުނިޔެ

ޗައިނާއިން އުފެއްދި މަތިންދާބޯޓް އުފުލާ ފުރަތަމަ މަނަވަރު ބާލައިފި

ވަރުގަދަ އަސްކަރީ ބާރަކަށް ވުމަށްޓަކައި ޗައިނާ މީހުން އަމިއްލައަށް ބަނދެފައިވާ މަތިންދާބޯޓް އުފުލާ ފުރަތަމަ މަނަވަރު އިއްޔެގައި އިފްތިތާހުކޮށްފިއެވެ.

ޗައިނާއިން އިފްތިތާހު ކުރި މަނަވަރަކީ އެގައުމުގެ ކަނޑުގެ ސިފައިންގެ ފްލީޓަށް ލިބުނު އެފަދަ ދެވަނަ މަނަވަރެވެ. އެމަނަވަރު ބޭލުމާ ހަމައަށް ޗައިނާއިން ގެންގުޅުނީ އެހެން ގައުމަކުން ގަނެގެން މަރާމާތުކޮށްފައިވާ މަނަވަރެކެވެ. މަތިންދާބޯޓް އުފުލާ މަނަވަރެއް ޗައިނާއިން އިފްތިތާހުކޮށްފައި މިވަނީ އުތުރުކޮރެއާގެ ނިއުކްލިއަ މައްސަލައާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ނުފޫޒު ގަަދަ ކުރުމުގެ މައްސަލަ ހޫނުވެފައިވާ ދުވަސްވަރެއްގައެވެ. މަނަވަރު އިފްތިތާހު ކުރީ ޗައިނާގެ ކަނޑުގެ ސިފައިންގެ ލަޝްކަރު އެކުލަވައިލިތާ 68 އަހަރު ފުރުން ފާހަގަކުރިތާ އެއްދުވަސް ފަހުންނެވެ.

ޗައިނާގެ އަސްކަރީ މާހިރުންނާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ މަތިންދާބޯޓް އުފުލާ މަނަވަރު އިފްތިތާހުކުރި ނަމަވެސް އެ މަނަވަރު ބޭނުން ކުރަން ފެށޭވަރު ވާނީ 2020 ވަނަ އަހަރު ކަަމަށެވެ. އެއީ އެމަނަވަރަށް ބޭނުންވާ އާލާތްތަކާއި ހަތިޔާރުތައް ހަމަކުރަން ވަގުތު ނަގާނެތީއެވެ.

މަތިންދާބޯޓް އުފުލާ މަނަވަރެއް ޗައިނާއިން ބަންނަމުން އަންނަކަން ތަންކޮޅެއް ކުރިއްސުރެ އޮތީ ހާމަވެފައެވެ. އެއީ އަސްކަރީ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުންނާއި ޗައިނާގެ މީޑިއާތަކުން، މަނަވަރުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތައް އާއްމުކުރުމުންނެވެ. އެ މަަސައްކަތް ކުރަމުން އަންނަ ކަން ޗައިނާ ސަރުކާރުން ފުރަތަމަ ކަށަވަރުކޮށްދީފައި ވަނީ 2015 ވަނަ އަހަރުއެވެ.

ޗައިނާއިން ބޭލި މަނަވަރަކީ 50000 ޓަނުގެ ބުރަދަން އުފުލޭ ، އެގައުމުގައި އުފައްދައި ބޭނުންކުރަމުން އަންނަ ޝެންޔަން -15 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓް އޮޕަރޭޓް ކުރެވޭނެ މަނަވަރެކެވެ.