މިއުޒިކް

ޕްރިޔަންކާއަށް ހާއްސަކުރާ އަލްބަމްގެ ޝޫޓިންއަށް ސުނީތާ ލަންކާއަށް

މިއީ ސުނީތާ އަލީގެ ހުވަފެނެކެވެ. ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި ޕްރިޔާންކާ ޗޯޕްރާގެ ސުޕަ-ފޭނެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައިވާ ސުނީގެ އެއް ހުވަފެނަކީ އޭނާ ސިލްސިލާކޮށް ނޭރޭ ލަވަ އަލްބަމް "ހިތް ދީވާނާ" ގެ ސީޑީއެއް ޕްރިޔަންކާއަށް ހަދިޔާ ކުރުމެވެ. މިފަހަރު ނެރޭ "ހިތް ދީވާނާ ހަތެއް" ހާއްސަ ކުރަނީ ވެސް ޕްރިޔަންކާ އަށެވެ. މިފަހަރު ނެރެނީ "ޕްރިޔަންކާ ސްޕެޝަލް: ހިތްދީވާނާ ހަތެއް" އެވެ.

"ޕްރިޔަންކާ ސްޕެޝަލް" ގެ ނަމުގައި ހިތް ދީވާނާ ސިލްސިލާގެ ހަތް ވަނަ ނަމްބަރު ނެރޭތީ ބަޔަކު މީހުން ސުނީއަށް މަލާމާތެއްވެސް ކޮށްފާނެ އެވެ. ހަގީގަތުގައި ސުނީއަށް މަލާމާތް ކުރުމުގެ ފުރުސަތެއް ނެތެވެ. އެއީ ޓުވިޓާ ތެރެއިން ފެށުނު އެ "ލޯބީ"ގައި ދެ ފަހަރަކު ސުނީތާ ޕްރިޔަންކާއާއި ބައްދަލުކޮށްފައިވާތީ އެވެ. އެންމެ މަޝްހޫރު ބައްދަލުވުމަކީ، ގަލޮޅު ދަނޑުގައި ބޭއްވި ނިއުއިޔާ ޝޯއަކަށް ޕްރިޔާންކާ ގެނެސްގެން ސްޓޭޖުމަތިން ޕްރިޔާންކާ ބައްދަލުވެ ބައްދާލުމެވެ.

ހިތް ދީވާނާ ސިލްސިލާގެ ދަށުން އެންމެ ފަހުން ސުނީ ގެނެސްދީފައިވަނީ 2014 ވަނަ އަހަރު "ސުނީ ސްޕެޝަލް" ގެ ލަވަތަކެކެވެ. އެ ސިލްސިލާގެ ސީޑީއެއް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.

ހިތް ދީވާނާ ހަތެއްގައި 10 ލަވައެއް ހިމެނެ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ އެއް ވަނަ ލައިޝާ ޖުނައިދުގެ ލަވައެއް ވެސް ހިމެނެ އެވެ. މި އަލްބަމްގެ ޝޫޓިން އަށް ސުނީ މިވަނީ ސްރީލަންކާއަށް ފުރާފަ އެވެ. އަލްބަމްގެ ގިނަ ލަވަތަކެއް ރާއްޖޭގައިވެސް ޝޫޓު ކުރާނެ އެވެ.

ސުނީއާ އެކު މި އަލްބަމްގެ ލަވަތަކުން ފެނިގެންދާނެ ކަމަށް ބެލެވެނީ މުޅިން އާ ތަރިންނެވެ. މި އަލްބަމުގައި ވެސް ބޮޑަށް ހިމެނޭނެ ކަމަށްވަނީ ނަށާ ލަވަތަކެވެ.

މިހާރު އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ޕްރިޔަންކާއަށް ހާއްސަކޮށްގެން ނެރޭ މި އަލްބަމްގެ އެއްވެސް ލަވަޔަކުން ޕްރިޔަންކާ ފެނިދާނެތޯ އެވެ. އެ އަލްބަމްގެ ލަވަޔަކުން ޕްރިޔަންކާ ފެނުމަކީ ސުނީގެ އުންމީދެއް ކަމަށް ޖީކިއު އަށް ސުނީ ދިން ހާއްސަ އިންޓަވިއުއެއްގައި މިވަނީ ބުނެފަ އެވެ. އެހެން ކަމުން މި ދައުވަތު މިހާރު ޕްރިޔަންކާއަށް ވާނީ ލިބިފަ އެވެ.

ޕްރިޔަންކާގެ ލަވައެއް ފެންނާނެ ކަމެއްވެސް ނުވަތަ ނޫން ކަމެއްވެސް އެނގޭނީ މި އަލްބަމް ރިލީޒް ކުރުމުންނެވެ. މި އަލްބަމް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ނޭނގެ އެވެ. މިއީ ސުނީގެ ފޭނުންނަށް އޭނަ ދޫކޮށްލާ ހަދިޔާ އެކެވެ.