ދުނިޔެ

މިސައިލުން ދިފާއުވާ ނިޒާމު އެމެރިކާއިން ދެކުނު ކޮރެއާއަށް ގެންގޮސްފި

Apr 26, 2017
1

އުތުރު ކޮރެއާއިންް މިސައިލްތައް ޓެސްޓް ކުރުމާއި އެގައުމުން ނިއުކްލިއަ ޓެސްޓެއް ކޮށްފާނެތީ ސަރަހައްދަށް ނުތަނަވަސްކަން ވެރިވެފައި ވަނިކޮށް މިސައިލުން ދިފާއުވާ ނިޒާމެއް އެމެރިކާއިން ދެކުނުކޮރެއާއަށް މިއަދު ގެންގޮސްފިއެވެ.

ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) އަކީ ބެލިސްޓިކް މިސަައިލުން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ނިޒާމެކެވެ. އެ ނިޒާމު ދެކުނު ކޮރެއާއަށް ގެންދަން އުޅޭކަން އެމެރިކާއިން އިއުލާން ކުރުމުން ދެކުނުކޮރެއާގެ އެތައް ސަތޭކަ ރައްޔިތުންނެއް އެކަމާ ދެކޮޅަށް މުޒާހަރާ ކުރިއެވެ. އަދި އެގައުމުގައި އަންމަ މޭމަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ އުއްމީދީ ކެންޑިޑޭޓް ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ދެކުނުކޮރެއާގެ ރިޔާސީ ކެންޑިޑޭޓް މޫން ޖައެ ގެ ތަރުޖަމާނު ވިދާޅުވީ އެގައުމަށް ތާޑް ގެންދަން އެމެރިކާއިން ނިންމި ނިންމުމަކީ އާއްމުންގެ ހިޔާލަށް ފަރުވާލެއް ނުބަހައްޓާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިިހަމަ ނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ދެކުނު ކޮރެއާގައި އާ ސަރުކާރެއް ގާއިމް ކުރެވެންދެން އެކަން މަޑު ޖައްސައިލުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.





މިސައިލުން ދިފާއުވާ ނިޒާމު ދެކުނު ކޮރެއާގައި ރުކުރުވާލަން ދެކުނުކޮރެއާއާއި އެމެރިކާއިން އެއްބަސްވީ މިދިޔަ 2016 ވަނަ އަހަރުއެވެ. އެކަމަށް ދެބައިމީހުން އެއްބަސްވީ އުތުރުކޮރެއާއިން ދީފާނެ މިސަައިލް ހަމަލާއަކުން ދެކުނުކޮރެއާ ދިފާއުކުރުމަށެވެ. އެމެރިކާއާއި ދެކުނުކޮރެއާގެ އެ އެއްބަސްވުމަށް ޗައިނާއިން އޭރުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޗައިނާއިން ބުނެފައި ވަނީ އުތުރުކޮރެއާއަށް ހުރަސް އެޅުމަށް އެމެރިކާގެ މިސައިލް ޑިފެންސް ނިޒާމުން މާބޮޑު ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް އަސަރުކުރާނެ ކަމަށް ވެސް ބުންޏެވެ.

ދެކުނުކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނީ ތާޑްގެ ބައެއް ބައިތައް ބަހައްޓާފައި ވަނީ އެގައުމުގެ ދެކުނުގެ ސަރަހައްދެއްގައިވާ ގޮލްފް ކޯޒްއެއްގެ ގޮތުގައި ކުރިން ބޭނުންކުރި ތަނެއްގައި ކަމަށެވެ. އެނިޒާމު ފުރިހަމައަށް ހިންގަން ފެށޭވަރު ވާނީ މިއަހަރު ނިމޭ ހިސާބުގައެވެެ.