ކުޅިވަރު

ފަހު ވަގުތުގައި އެތުލެޓިކޯއަށް ހިތްދަތި ކަން

Apr 26, 2017

ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި، 1-0 ބަލިވެ، ތާވަލުގެ ތިން ވަނަ މަގާމުގައި ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު އެތުލެޓިކޯއަށް ބަންދު ވެއްޖެ އެވެ.

މާދަމާ ރޭ، ސެލްޓަވީގޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލުގެ ތިން ވަނައިގައި އޮތް، ސެވިއްޔާއަށް އެތުލެޓިކޯއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަ ކުރެވޭނެ އެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެންޖެހޭ، އެތުލެޓިކޯއަށް ވިޔަރެއާލްއާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމަކެވެ.

ރޭގެ މެޗުގައި، ވިޔަރެއާލްގެ ކޮޅަށް، އެތުލެޓިކޯއިން 23 ހަމަލާ އުފެއްދިއެވެ. އޭގެ ތެރެއިން ނުވަ ހަމަލާ ސީދާ ގޯލާ އަމާޒުވާ ގޮތަށް ފޮނުވާ ލެވުނު ނަމަވެސް، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިޔަރެއާލްގެ ކީޕަރު އެންޑްރެސް ފެނާންޑޭޒް ވަނީ އެ ހަމަލާތައް ދިފާއު ކޮށްފަ އެވެ.

އެތުލެޓިކޯއަށް ދެ ވަނަ ހާފުގައި ކުރިމަތިވީ އެހެން މައްސަލަ އެކެވެ. ނިކޮލަސް ގައިޓަންގެ ބަދަލުގައި ކުޅެން އެރި ޔެނިކް ކަރާސްކޯއަށް އަނިޔާވުމެވެ. ކަރޯސްކޯގެ ކޮނޑުހުޅަށް ލިބުނު އަނިޔާއާ ގުޅިގެން، ބަދަލު ކުރުމަށްފަހު އޭނާ ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ، ފެނާންޑޯ ޓޯރޭޒް އެވެ.

މެޗުގެ 82 ވަނަ މިނެޓްގައި ވިޔަރެއާލް މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ރޮބާޓޯ ސެރިއާނޯ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ މެޗުގައި އޭނާ ޓީމަށް ލިބުނީ އަމިއްލައަށް އެޅި ބޭހުގެ ރަހައެއް ކަމަށެވެ.

"މިހަލަ މެޗުތަކުގައި އަހަރެމެން ވާނީ ވަރަށް ގިނައިން މޮޅުވެފައި، އެކަމަކު މިއަދު އަހަރެމެން ބަލިވެއްޖެ، އެއީ ކުޅިވަރުގައި ހިމެނޭ ބައެއް، އަހަރެމެން ވަރަށް ރަނގަޅަށް ކުޅެފިން، ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިން، އެޓީމަށް ގިނަ ޕްރެޝަރުތަކެއް ދިން، ނަމަވެސް މިއަދު ބޯޅަ ގޯލް ތެރެއަށް ވަންނަން ބޭނުން ނުވީ، އަދި އަހަރެމެންގެ ފައިނަލު ޕާސްވެސް އެކިއުރޭޓެއް ނޫން، ވިޔަރެއާލްގައި ވެސް އެބައޮތް ވަރަށް ވަރުގަދަ ޓީމެއް، އެޓީމު ޑިފެންސްގައި ވަރަށް ވަރުގަދަ، އަހަރެމެން އުފެއްދި ފުރުސަތުތަކުގެ ބޭނުމެއް އަހަރެމެންނަށް ނުކުރެވުނު، ނަމަވެސް އެޓީމުން އުފެއްދި ފުރުސަތުގެ ބޭނުން އެޓީމުން ހިފައިފި،" ސިމިއޯނޭ ބުންޏެވެ.