ޑޮނަލްޑް ޓްރަމްޕް

ބޮޑުފާރަށް ބޭނުންވާ ފައިސާ ބަޖެޓުން އުނިކޮށް، ޓްރަމްޕް އަމާންދީފި

Apr 26, 2017
1

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ވައުދުފުޅާ އެއްގޮތަށް މެކްސިކޯ އާއި އެމެރިކާއާ ދެމެދު ބިނާ ކުރަން އުޅޭ ފާރަށް ބޭނުންވާ ފައިސާ، މި ހަފުތާގައި ޕާލަމެންޓަށް ހުށަހަޅާ ބަޖެޓުން އުނިކުރައްވަން ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕްގެ އިސް މުރުޝިދު ކަލިއަނީ ކޮންވޭ ވިދާޅުވި ކަމަށް ބީބީސީއިން ބުނީ އަންނަ ހުކުރު ދުވަހު ފާސްކުރާ ބަޖެޓްގައި ފާރުގެ މަސައްކަތަށް ބޭނުންވާ ފައިސާ ނުހިމެނޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޓްރަމްޕް ވިދާޅުވެފައި ވަނީ މެކްސިކޯ މަގުން އެމެރިކާއަށް ގަވައިދާ ހިލާފަށް މީހުން އެތެެރެވުން ހުއްޓުވަން ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގައި ވަރުގަދަ ފާރެއް ލައްވާނެ ކަމަށެވެ. އަދި އެފާރު ބިނާ ކުރުމަށް ދާ ހަރަދު ހޯދާނީ މެކްސިކޯއިން ކަމަށް ވެސް އޭނާ އޭރު ވިދާޅުވި އެވެ.

މި ހަފުތާގައި އެމެރިކާގެ ޕާލަމެންޓަށް ހުށަހަޅާ ބަޖެޓްގައި ފާރަށް އެއްވެސް ފައިސާއެއް ހިމަނައިފި ނަމަ ބަޖެޓް ފާސްކުރިޔަ ނުދޭނެ ކަމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އިންޒާރުކޮށްފަ އެވެ. އެގޮތަށް އެކަން ވެއްޖެ ނަމަ އެމެރިކާ ސަރުކާރު ހުއްޓުމަކަށް އަންނާނެ އެވެ. އެހެންވެ ޓްރަމްޕް އަމާން ދެއްވައި ފާރަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރައްވަން ނިންމެވީ ސަރުކާރު ހުއްޓުމަކަށް އަޔަނުދިނުމަށް ކަމަށް ބެލެވެއެވެ.

ފާރަށް ބޭނުންވާ ފައިސާ ނުހިމަނައި ބަޖެޓް ފާސްކުރަން ތައްޔާރުވެފައި ވިޔަސް، ޓްރަމްޕް އަދިވެސް ވިދާޅުވަމުން ގެންދަވަނީ ފާރު ބިނާ ކުރުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ. މީޑިއާގެ ބައެއް މީހުންނާއެކު ބޭއްވެވި އަމިއްލަފުޅު ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓްތަކާ ހަވާލާދީ ބީބީސީއިން ބުނީ ފާރު ބިނާ ކުރުމަށް ބޭނުންވާ ފައިސާ ހޯއްދަވަން އޭނާ ދެން މަސައްކަތްކުރައްވާނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށެވެ. -- ބީބީސީ