ސާފް ސުޒުކީ ކަޕް

ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ބޭއްވުމާމެދު ކަންބޮޑުވުން ފާޅުކުރީ ރާއްޖޭން އެކަނި

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވާ ގައުމު ކަމަށްވާ އިންޑިއާ އިން ޖޫން މަހު އެ މުބާރާތް ބާއްވަން ބޭނުންވިޔަސް، ރަމަޟާން މަހާ މުބާރާތް ދިމާވާނެތީ ކަންބޮޑުވުން ފާޅުކުރީ ރާއްޖޭން އެކަނި ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކުރިން މި އަހަރުގެ ފަހުކޮޅަށް ސާފް ޗެމްޕިއަންޝިޕް ޝެޑިއުލްކޮށްފައި އޮތް ނަމަވެސް، މި މުބާރާތް ބޭއްވޭނީ ޖޫން މަހު ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ ސާފް އަށް އަންގައިފަ އެވެ. އޭއައިއެފްއެފްގެ ޖެނެރަލް ސެކްރެޓަރީ ކުޝާލް ދާސް ވިދާޅުވީ އިންޑިއާގައި މުބާރާތް ބޭއްވޭނީ ޖޫން މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު އެވެ. ޖޫން މަހުގެ 16 ވަނަ ދުވަހުގެ ކުޅޭ ވޯލްޑް ކަޕްގެ ކޮލިފައިން މެޗަށް ފަހު، ސާފް ޗެމްޕިއަންޝިޕް ބާއްވައިފި ނަމަ، މުބާރާތް ދިމާވާނީ ރަމަޟާން މަހަށެވެ.

ބައްސާމް ވިދާޅުވީ ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ބާއްވަން އިންޑިއާ އިން ބޭނުންވިޔަސް، އަދި އިންޑިއާ އިން ޖޫން މަހު މުބާރާތް ބާއްވަން މުޅިން ނުނިންމާ ކަމަށެވެ.

"މުބާރާތް ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް ކޮންފޯމްކުރާނެ ކަމަށް ބުނެފައިވަނީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ޝޭހު ސަލްމާންއާއެކު ސާކުގެ ފުޓްބޯޅައިގެ ޖަމިއްޔާތަކުގެ ވެރިން ބޭއްވި ބައްދަލުވުމުގައި، މި ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭ މަޝްވަރާތަކައް ކުރެވުނު ކަމަށެވެ.