ދިވެހި މިއުޒިކް އިންޑަސްޓްރީގައި ފަހުގެ ތާރީހެއްގައި ކުރެވުނު އެންމެ ފާހަގަ ކޮށްލެވޭ ކައިވެންޏަށް މީރާ މުހައްމަދު މާޖިދު އަދި އަބްދުﷲ ފާލިހުގެ ކައިވެނި ވާނެ އެވެ. މިމަހު 15 ދުވަހު މި ޖޯޑުގެ ކައިވެނި ކުރިއިރު އެތައް ބަޔަކު ވަނީ ސްނެޕްޗެޓު މެދުވެރިކޮށް އެ މަންޒަރު ބަލައި އެ ކައިވެނީގައި ބައިވެރިވެފަ އެވެ.
ވަރަށް ސިއްރުން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސްނެޕްޗެޓް މެދުވެރިކޮށް ކައިވެނީގެ ރަސްމިއްޔާތުވަނީ ފޭނުންނާ ހިއްސާކޮށްފަ އެވެ. މީރާ އާއި ފާލިހު ވަނީ ސްނެޕްޗެޓް މެދުވެރިކޮށް އެމީހުންގެ ހަނީމޫންގެ ބައެއް މަންޒަރުތައް ވެސް ހިއްސާކޮށްފަ އެވެ. މީރާ އާއި ފާލިހު ހަނީމޫން ހޭދަކޮށްފައިވަނީ ސިންގަޕޫރުގަ އެވެ.
މީރާ އިއްޔެ ކުރި ސްނެޕެއްގައި ވަނީ "ބާއި ބާއި ސިންގަޕޫރު" ޖަހާފަ އެވެ. އެހެން ކަމުން މީރާމެން ހަނީމޫން ހޭދަކުރީ ސިންގަޕޫރުގައިކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ހަނީމޫން ނިންމާލީކަމެއް އަދި ޔަގީނެއް ނޫނެވެ.
މީރާމެން ކައިވެނިކޮށް ހަފްލާ ބާއްވާފައިވަނީ އިންޑިއަން ތީމަކަށެވެ. ކައިވެނީގެ ރަސްމިއްޔާތުގައި މީރާގެ އަތުގައި ހީނާފަތް އަޅާފައިވާއިރު ހެދުން ވެސް އަޅާފައިހުރި އިންޑިއާގެ ސަގަފަތާއި އެއްގޮތަށް ޓޮޕަކާއި ދިގު ތިރި އެކެވެ. ބޭނުން ކޮށްފައި ހުރި ގަހަނާތައް ވެސް ހުރީ އިންޑިއާގެ ސަގާފަތާއި ގުޅުވާލާފަ އެވެ. ސްނެޕްޗެޓް ސްޓޯރީތަކުން ފެންނަ ގޮތުގައި ފާލިހު ވެސް ލާފައި ހުރީ އިންޑިއާގެ ސަގާފީ ހެދުމެއް ކަމަށްވާ ޝަރުވާނީ އެކެވެ.
މީރާއަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ކާމިޔާބު ތަރި އެކެވެ. މީރާގެ މަގުބޫލުކަން އާންމުންގެ ތެރޭގައި ކުއްލިއަކަށް ބޮޑުވެ ގޭތެރޭގައި ހިފައިގެންގުޅޭ ނަމަކަށް "މީރާ" ބަދަލުކޮށްލީ ޓީވީއެމްގެ ކާމިޔާބު އެހަނދާނުގައި ޝޯތަކެވެ. މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖު އައްމަޑޭއާ އެކު މީރާ ރިކޯޑްކުރި "އަދު މިހާލާތު" ވެގެން ގޮސްފައި ވަނީ އިންސްޓެންޓް ހިޓަކަށެވެ.
އެހަނދާނުގައިގެ އެޕިސޯޑްތަކުން ދިވެހިންގެ ހިތަށް ތިރިކުރި މީރާ، ލަވަކިޔުންތެރިއެއްގެ ގޮތުގައި ހަމަޖެހިލީ ކުރީގެ ލޯބިވެރިޔާ އަދި ޒުވާން ލަވަކިޔުންތެރިޔާ ޔާމީން ރަޝީދުއާއެކު ރިކޯޑްކޮށް އާންމުކުރަން ފެށި ކަވާ ސޯންގްތަކަކުންނެވެ. މިއީ ދިވެހި ލަވައިގެ ޕޮޕްސްޓާރަކަށް މީރާ ބަދަލުކޮށްލި ހިސާބެވެ. މީރާގެ ލަވަތަކަކީ އާންމުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަ ކިޔުންްތެރި އެކެވެ.