ދުނިޔެ

އާ ގާނޫނުއަސާސީ ހިފައިގެން ތުރުކީއަށް އީޔޫއަކަށް ނުވަދެވޭނެ

Apr 26, 2017

ތުރުކީގައި މިދިޔަ ހަފުތާގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި ތާއީދު ލިބިފައިވާ ބަދަލުތައް ގާނޫނު އަސާސީއަށް ގެނެސްފި ނަމަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅެން ފުރުސަތު ނުލިބޭނެ ކަމަށް އީޔޫ ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

އީޔޫ ޕާލަމެންޓްގައި އިސްކޮށް އުޅުއްވާ އަދި ތުރުކީއާ މުއާމަލާތް ކުރަން އެ ޖަމާއަތުން މަތިކޮށްފައިވާ ކާޓީ ޕީރީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ޔޫރަޕްގެ ދޮރު ކައިރީގައި މަޑުކޮށްގެން ތުރުކީ އަބަދުގެ އަބަަދަށް ނޯންނާނެ ކަމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ އީޔޫގެ މެމްބަރު ބައެއް ގައުމުތަކުން ގެންގުޅޭ އިސްލާމުންނާ ދެކޮޅު ވިސްނުމާއި ދުޝްމަނުކަން ދަމަހައްޓާ ނަމަ އީޔޫއާ ގުޅުމުގެ ވާހަކަތަކުން ތުރުކީ ވަކިވާނެ ކަމަށެވެ.

ހޮލެންޑަށް ނިސްބަތްވާ ޕިރީ ނޫސްވެރިންނާ ވާހަކަފުޅު ދައްްކަވަމުން ވިދާޅުވީ އުރުދުޣާންގެ ބާރުތައް އިތުރުވާ ގޮތަށް ތުރުކީގެ ގާނޫނު އަސާސީ ބަދަލު ކުރުމުގައި އޭނާ ކާމިޔާބު ހޯއްދަވައިފި ނަމަ ތުރުކީ އީޔޫއަށް ވަނުމުގެ މަޝްވަރާތައްް ހުއްޓައިލަން ޖެހޭނެ ކަމަށެވެ. ތުރުކީ އީޔޫގައި ބައިވެރި ކުރުމުގެ ވާހަކަތަކަކީ މިހާރުވެސް ވަރަށް ދިގުލައިގެން ގޮސްފައިވާ ވާހަކަތަކެކެވެ.

"އެފަދަ ގާނޫނުއަސާސީއަކާ އެކީ ތުރުކީއަށް އީޔޫގެ މެމްބަރަކަށް ނުވެވޭ އިރު ބައިވެރިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މާނައެއް ނެތް ކަމެއް،" ޕިރީ ވިދާޅު ވިކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ. އީޔޫ ޕާލަމެންޓްގެ އެހެން ބައެއް މެމްބަރުން ވެސް ހަމަ އެމޭރުމުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ތުރުކީ އީޔޫއާ ގުޅުމުގެ މަޝްވަރާތައް ނިމުމަކަށް ގެންނަން މޯލްޓާގައި އަންނަ ހުކުރު ދުވަހު ބާއްވާ އީޔޫގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ނިންމަން، އެ ޖަމާއަތުގެ އެގްޒެކެޓިވް ކޮމިޝަނާ އިއްޔެ ވަނީ ގޮވައިލައްވާފަ އެވެ. އޭނާއަކީ އީޔޫއާ ގުޅުމަށް ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ބެލުމުގެ ޒިންމާ އޮންނަ ފަރާތެވެ.

ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ތުރުކީގެ ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެކެއްގެ އަތް މައްޗަށް ބާރުތައް ޖަމާކޮށްދޭ ބަދަލެއް ކަމަށް އަރުދުޣާންގެ ވާދަވެރިން ދަނީ ބުނަމުންނެވެ.

ގާނޫނު އަސާސީއަށް ގެންނަ ބަދަލުން ތުރުކީގެ ރައީސަަށް ލިބޭނެ ބާރުތަކަކީ ގަރާރުތައް ނެރުއްވުމާއި ކެބިނެޓް އެކުލަވައިލުމާއި ޕާލަމެންޓް އުވައިލުމާއި އިސް ފަނޑިޔާރުން ކަނޑައެޅުމުގެ ބާރެވެ. އެހުރިހާ ބާރެއް ރައީސަށް ލިބުމުން ތުރުކީގެ ވެރިކަން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރިއްސުރެ އަންނަނީ ބުނަމުންނެވެ. އަދި އެ ބުނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ތާއީދު ކުރެއެވެ. އެހެންވެ،

ފެންނަ ނުފެންނަ ވޯޓަށް ކެމްޕޭން ކުރުން ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި މަނާކުރި އެވެ. އެގޮތަށް މަނާ ކުރި ގައުމުތަކާ ދެކޮޅަށް އަރުދުޣާން ވަނީ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ.
ބަރުލަމާނީ ނިޒާމު ދޫކޮށް ރިޔާސީ ނިޒާމަކަށް ބަދަލުވެ، ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާނަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ތުރުކީ ޕާލަމެންޓުން އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފާސްކުރީ މިދިއަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ތުރުކީ ޕާލަމެންޓުން ފާސްކޮށްފައިވާ އެ ބަދަލުތައް ގާނޫނު އަސާސީއަށް ގެނެވޭނީ ރައްޔިތުންގެ މެދުގައި މިއަދު ނަގާ ފެންނަ ނުފެންނަ ވޯޓްގައި އެގޮތަށް ފާސް ވެއްޖެ ނަމައެވެ. އެ ބަދަލުތަކަށް ތުރުކީ މީހުން އާނބަސް ބުނެފި ނަމަ 2029 ވަނަ އަހަރާ ހަަމައަށް އެގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އަރުދުޣާން ވެރިކަން ކުރެއްވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

ގާނޫނު އަސާީ ބަދަލުކުރަން ފެނޭތޯ ތުރުކީގައި ވޯޓްލީ މިހިނގާ އޭޕްރިލްމަހުގެ 16 ވަނަ ދުވަހުއެވެ. ވޯޓްގެ ނަތީޖާ ދައްކާ ގޮތުން ބަދަލުކުރަން ފެންނަ ކަމަށް ތުރުކީގެ 51 ޕަސެންޓް މީހުން ވޯޓްދިނެވެ.