ޓެކްސް

ޓެކްސް ނުދޭން އެހީވެ ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި

Apr 26, 2017
3

ރެމިޓެންސް ޓެކްސް އިން އެއްކިބާވާން އެހީތެރިވެދީ އެހެން ބައެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހިފަހައްޓައިފި އެވެ.

މި މައްސަލައިގެ ފުރިހަމަ ތަފުސީލެއް މީރާއަކުން އަދި ނުދެ އެވެ. ނަމަވެސް މިއަދު ބުނީ ބޭރަށް ގެންދަން އުޅުނު 69,650 އެމެރިކާ ޑޮލަރު، ޖޫރިމަނާއާ ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގާފައިވާ ކަމަށެވެ.

ރެމިޓަންސް ޓެކުހަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓްގެ ރޭޓުގައި ނަގާ ޓެކުހެކެވެ. ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވާން މަސައްކަތް ކުރުމާއި އެ ފަދަ ކަމަކަށް އެހީތެރިވުމަކީ ރާއްޖޭގައި ކުށެކެވެ.

ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފައިސާ އެހެން ފަރާތަކުން ރާއްޖޭން ބޭރަށް ގެންގޮސްދެން މަސައްކަތް ކޮށްފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން ބޭރަށް ގެންދަން މަސައްކަތްކުރި ފައިސާއާ އެއްވަރު އަދަދަކުން ޖޫރިމަނާވެ އެވެ.