ހަބަރު

ނަޝީދުގެ ޝަރީއަތް މިފަހަރުވެސް ނުބޭއްވުނު

ކޯޓަށް ހާޒިރު ނުކުރެވުމުން މިއަދަށް ތާވަލްކޮށްފައި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގެ ޝަރީއަތް ފެށުން ކެންސެލްކޮށްފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު މި މައްސަލާގައި ޝަރީއަތް ފެށުމަށް ތާވަލުކުރި އެވެ. ނަމަވެސް ޗިޓް ހަވާލުނުކުރެވޭތީ އެ އަޑުއެހުން ވެސް ކެންސަލްކުރީ އެވެ.

ކޯޓަށް ހާޒިރު ނުކުރެވިގެން މިއަދު ވެސް ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ދިގު ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާގަ އެވެ. އަދި ބައެއް ސިޔާސީ މަސައްކަތްޕުޅުތައް ދަނީ ކުރައްވަމުންނެވެ. ރައީސް ނަޝީދަށް ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތްދީފަ އެވެ.

މިހާރު ވެސް ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެކެވެ. އެއީ ނަޝީދުގެ ރައީސް ކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޖުލައި 14، 2010 ގައި ހައްޔަރު ކުރި މައްސަލާގަ އެވެ. ނަޝީދުގެ ސަރުކާރުން ރައީސް ޔާމީން ހައްޔަރުކޮށް، ނުވަ ދުވަސް ވަންދެން އާރަށުގައި ވަނީ ބަހައްޓާފަ އެވެ. އެމަނިކުފާނު ދޫކޮށްލީ، ގަވާއިދާ ހިލާފަށް އެ މަނިކުފާނު ހައްޔަރު ކުރި ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

މި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.