މިރޭ ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށް، ރެއާލް މެޑްރިޑް ކުޅޭ މެޗުގައި، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އޮތް ބޮލުގެ ރިހުމާއެކު އޭނާއަށް އޮތް ރިސްކުވެސް ބޮޑު ވެއްޖެ އެވެ.
ރަށުން ބޭރުގައި ޑިޕޯޓިވޯއާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު، ރެއާލްގެ އެންމެ ބޮޑު މައްސަލަ ފެންމަތި ވެފައި އޮތީ، ޑިފެންސިވް ޑިޕާޓްމެންޓްގަ އެވެ. ސެންޓަރަލް ޑިފެންޑަރު ޕެޕޭ އަށް އަނިޔާއާ ގުޅިގެން ސީޒަން ނިމިފައިވާއިރު، ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި، ދެއްކި ރަތް ކާޑާ ގުޅިގެން ކެޕްޓަން ސާޖިއޯ ރާމޯސްއަށް މިރޭގެ މެޗުގައި ނުކުޅެވުމެވެ.
ފިޓްކޮށް ހުރީ ބްރެޒިލްގެ ޑިފެންޑަރު ޑަނީލޯ އެވެ. ނަމަވެސް، މުހިންމު މެޗަކަށް ވުމާއެކު ޑަނީލޯ ތަޖުރިބާ މަދުވުމަކީ، އެވޖާގަ ފޫބައްދަން، ޒިދާންއަށް ކުރިމަތިވާނެ މައްސަލަ އެކެވެ. ދެން ހުރީ އަނިޔާއިން ރަނގަޅު ވިނަމަވެސް، ފިޓްނަސް ދަށްކޮށް ހުރި، ފްރާންސްގެ ރަފޭލް ވަރާން އެވެ.
"އޭނާ [ވަރާން] އަހަރުމެންނާއެކު މެޗަށް ދާނެ، މިހާރު އޭނާ ރަނގަޅު، އެއްވެސް ވަރަކަށް އޭނާ އަށް ތަދެއް ނުވޭ، މިހާރު އޭނާ ދަނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ޓްރެއިނިން ހަދަމުން،" ވަރޭންގެ މިހާރުގެ ފޯމާ ބެހޭގޮތުން ޒިދާން ބުންޏެވެ.
ދެން އޮތް ފޯމިއުލާއަކީ، ޑިފެންސިވް މިޑްފީލްޑާ ކެސެމީރޯ، މިރޭގެ މެޗުގައި، ސެންޓަރަލް ޑިފެންޑަރަކަށް ބޭނުން ކުރުމުވެ.
"ކޯޗް ބޭނުން ވަނީ އަހަރެން އެތަނަށް ކުޅުވަން ކަމުގައި ވާނަމަ އަހަރެން މިހުރީ ތައްޔާރަށް،" ކެސެމީރޯ ބުންޏެވެ.
އަނިޔާގައި ހުރި މުހިންމު އަނެއް ކުޅުންތެރިޔަކީ ގެރެތު ބޭލް އެވެ. އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ދެ ލެގަށް ވެސް ބޭލް ފިޓް ނުވާނެ ކަން ވަނީ ޔަގީންވެފަ އެވެ. ނަމަވެސް، ބޭލް ނެތްތަނަށް، މާކޯ އެސެންސިއޯ ފުދޭ ކަން، އެންމެ ފަހުން ކުޅުނު ވަރުގަދަ ދެ މެޗުގައި ވެސް އެސެންސިއޯ ވަނީ ސާބިތު ކޮށްދީފަ އެވެ.
މުހިންމު މެޗަތައް ކުރިއަށް ހުރުމާއެކު، އެންމެ ގިނައިން މިސީޒަންގައި ކުޅެފައިވާ ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޓޯނީ ކްރޫޒް މިރޭގެ މެޗަށް އެކުލަވާލި ސްކޮޑުން ބާކީ ކޮށް ވަނީ ރެސްޓް ދީފަ އެވެ. އެ ދެ ކުޅުންތެރިންނަށް ރެސްޓް ދިނުމުން، އިސްކޯ އާއި ހަމޭސް ރޮޑްރިގޭޒްގެ ދައުރު ހަމަލާތަކުގައި ބޮޑުވާނެ އެވެ. ނަމަވެސް، ޒިދާން އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ދެ ކުޅުންތެރިން ވެސް ރަނގަޅު ފޯމެއްގައި ތިބުމެވެ.