ދުނިޔެ

މިއީ ސޫރިޔާގެ ރެފިއުޖީންގެ ގުނަވަންތައް ވިއްކާ މީހާ

Apr 27, 2017

ދިރިއުޅުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ބީބީސީއާ ވާހަކަ ދެއްކި އިރު އަބޫ ޖައުފަރުގެ މޫނުމަތިން ފެނުނީ ފަޚުރުވެރިކަމެވެ. އޭނާ ކުރިން މަސައްކަތް ކުރީ ލުބުނާނުގެ ވެރިރަށް ބައިރޫތުގައިވާ ޕަބް އެއްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައެވެ. ދެން އޭނާއާ ބައްދަލުވީ އިންސާނުންގެ ގުނަވަންތައް ވިއްކާ ގްރޫޕަކާއެވެ. އެމީހުން އޭނާއާ ހަވާލުކުރި މަސައްކަތަކީ އަމިއްލަ ހަށިގަނޑުގެ ގުނަވަންތައް ވިއްކާލާ ވަރަށް މާޔޫސްވެފައިވާ މީހުން ހޯދުމެވެ. ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ލުބުނާނަށް އެތެެރެވާ ރެފިއުޖީންގެ އޮއިވަރުގެ ސަބަބުން އެފަދަ ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބުނެވެ.

" އަހަރެން އެމީހުންގެ ފައިދާ ނަގަން. އަދި އެމީހުންނަށް އެކަމުން ފައިދާވޭ،" އަބޫ ޖައުފަރު އެއްވެސް ލަދެއް ނެތި ބީބީސީއަށް ކިޔައިދީފައި ވެއެވެ.

އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ރެފިއުޖީންގެ ގޮތުގައި ލުބުނާނަށް އެތެރެވެފައިވާ މީހުންނަކީ އެމީހުންގެ އަމިއްލަ ގައުމު ކަމަށްވާ ސޫރިޔާގައި ތިބި ނަމަ މަރުވެދާނެ މީހުންނެވެ. އަދި އެމީހުންގެ ގައުމުގައި ތަޖުރިބާކޮށްފައިވާ ބިރުވެރިކަަމަށް ބަލާއިރު ގުނަވަނެއް ވިއްކައިލުމަކީ މާބޮޑު ކަމެއް ނޫނެވެ.

އަބޫޖައުފަރުގެ މަސައްކަތުގެ މަރުކަޒަކީ ބައިރޫތުގެ ދެކުނުގައިވާ ބައިބޯ ރަށްބޭރު ސަރަހައްދުގައިވާ ކޮފީޝިޕެކެވެ. އެއީ ސަތަރިން ހިޔާކޮށްލާފައިވާ ވީރާނާ އިމާރާތެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އެތަނުގައި އޭނާ ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ސޫރިޔާގެ 30 ރެފިއުޖީއެއްގެ ގުނަވަންތައް ވިއްކުމުގެ މުއާމަލާތް ހިންގާފައެވެ.

" އެމީހުން އާއްމުކޮށް އެދެނީ ކިޑްނީ ހޯދަން. އެކަމަކު އަހަރެންނަށް އެހެން ގުނަވަންތައް ވެސް ހޯދޭ. އެއްފަހަރު އެމީހުން އެދުނު ލޮލެއް ހޯދަން. އަހަރެންނަށް ހޯދުނު ލޯ ވިއްކަން އެއްބަސްވާ މީހަކު،" އަބޫ ޖައުފަރު ބީބީސީއަށް ކިޔައިދީފައި ވެއެވެ.

އޭނާ މަސައްކަތްކުރާ ހަނި މަގުތައް އޮންނީ ރެފިއުޖީންނާއިގެން ތަރަތަރަ ޖަހާފައެވެ. އެގައުމުގައި މިހާރު ތިބި ކޮންމެ ހަތަރުމީހުންގެ އެކަކީ ހަނގުރާމައިން ސަލާމްވާން ހިޖުރަކޮށްފައިވާ މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަމީހުންނަކީ މަަސައްކަތެއް ކޮށް އާމްދަނީއެއް ހޯދުމުގެ ހުއްދަ ލުބުނާނު ސަރުކާރުން ނުދޭ މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ނާއުއްމީދުވެފައިވާ ބަޔަކީ ސޫރިޔާއިން އައިސް ތިބި ފަލަސްތީނު މީހުންނެވެ. އެމީހުންނަކީ ރެފިއުޖީންގެ ގޮތުގައި ސޫރިޔާގައި މާކުރިން ރަޖިސްޓްރީ ކޮށްފައިވާ މީހުންނެވެ. އެހެންވީމާ އެމީހުން ލުބުނާނަށް އައުމުން ޔޫއެންގެ ރެފިއުޖީ އެޖެންސީގެ ރަޖިސްޓްރީގައި ޖެހުމަކަށް ޝަރުތެެއް ހަމައެއް ނުވެއެވެ.

" ރަޖިސްޓްރީ ނުވެ ތިބި މީހުން އުޅެނީ ހާލުގައި. އެމީހުން ކުރާނީ ކީތް؟ އެމީހުންނަށް އެހެން ގޮތެއް ނެތް ދިރިއުޅޭކަށް. އެމީހުންވަނީ ގޮތް ހުސްވެފައި. ދިރިއުޅެން އެހެން ވަސީލަތެއް ނެތް ގުނަވަންތައް ވިއްކުން ނޫން،" އަބޫ ޖައުފަރު ބުނެފައި ވެއެވެ.

ބައެއް ރެފިއުޖީން، ހާއްސަކޮށް ކުޑަކުދިން އުޅެނީ މަގުތަކުގައި ސަލާން ޖަހާށެވެ. އަނެއްބައި ކުދިން ތިބެނީ ބޫޓްޕޮލިޝް ކޮށްދޭށެވެ. ނުވަތަ ކާރުތަކުގެ ތެރޭގައި ހިނގައިގެން ޗުވިންގަމާއި ޓިޝޫ ވިއްކާށެވެ. ނުވަތަ ކޮންމެސް މީހަކު އެކުދިން ގެންގޮސް ބުރަ މަސައްކަތް ކުރުވައެވެ. އަނެއްބައިކުދިން ފަށަނީ ހަށިވިއްކާށެވެ.

އެކަމަކު ގުނަވަނެއް ވިއްކައިލުމަކީ އެންމެ އަވަހަށް ފައިސާ ލިބޭނެ ގޮތެވެ. ގުނަވަނެއް ވިއްކަން އެއްބަސްވާ މީހަކު އަތުޖެހުމުން އަބޫ ޖައުފަރު އެމީހަކު ސިއްރު ލޮކޭޝަނަކަށް ގެންދަނީ ކަނުބަނދެގެންނެވެ. ގެންދަނީ އޭނާ ހަމަޖައްސާ ދުވަހެއްގައެވެ. ގުނަވަންތައް ނެގުމުގެ އޮޕަރޭޝަން ކުރަނީ މީހުންގެ ގޭގޭގައި އެކަމަށްޓަކައި ވަގުތީ ގޮތުން ތައްޔާރުކޮށްލާ ތަންތަނުގައެވެ. ގުނަވަން ނެގުމުގެ ކުރިން ގުނަވަންދޭ މީހާގެ ލޭގެ ބައެއް ޓެސްޓްތައް ޑޮކްޓަރުން ހަދައެވެ.

" އޮޕަރޭޝަން ނިމުމުން އަހަރެން އެމީހުން އަނބުރާ ގެންނަން. އަހަރެން އެމީހުން ބަލަހައްޓަން ހަފުތާއެއް ވަންދެން. އެއީ ރޮދިތައް ނެއްޓެންދެން. ރޮދިތައް ނެއްޓުނީމާ ދެން އަހަރެމެން އަޅައެއް ނުލަން އެމީހުންނަށް ކޮންމެ ގޮތެއް ވިޔަސް. ކްލިއެންޓެއް މަރުވިޔަސް އަހަރެންގެ ފަރުވާލެއް ނުބަހައްޓަން. އަހަރެން ބޭނުންވާ އެތި އަހަރެންނަށް ލިބުނީމާ. ކްލިއެންޓަށް ފައިސާ ދީފައި ވާތީ އެމީހުންނަށް ދެން ވެދާނެ ގޮތެއް އެއީ އަހަރެންގެ މައްސަލައެއް ނޫން،" ގުނަވަން ނެގުމަށް ފަހު މީހުންނާ މެދު އަމަލުކުރާ ގޮތް ކިޔައިދެމުން އަބޫ ޖައުފަރު ކިޔައިދީފައި ވެއެވެ.


އޭނާގެ އެންމެ ފަހު ކްލިއެންޓަކީ ބައްޕައާއި އަޚުން މަރުވުމުން ލުބުނާނަށް ހިޖުރަކޮށްފައިވާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ ލުބުނާނުގައި އުޅޭތާ ތިން އަހަރު ވި އިރު ކުރާނެ މަސަައްކަތެއް ނެތެވެ. މަންމައާއި ފަސް އުޚުތުންނަށް ކާންބޯންދޭން އުޅެ އުޅެ އޭނާގެ ދަރަނި ވަނީ ފުނިޖެހިފައެވެ. އެހެންވެ އަބޫ ޖައުފަރު މެދުވެރިކޮށްގެން އޭނާ ވަނީ އޭނާގެ ކަނާތްފަރާތު ކިޑްނީ ވިއްކާލާފައެވެ. ވިއްކީ 8000 ޑޮލަރަށެވެ.

ކިޑްނީ ނެގިތާ ދެދުވަސް ފަހުން އޭނާއަށް ތަދުވާން ފެށިއެވެ. ވާ ތަދުން އޭނާއަށް އިންނަން އޮންނަން ނުލިބެއެވެ. އޭނާ ވަނީ ދާހިއްލާ ފޯވެފައެވެ. އަދި ބެންޑޭޖްގަނޑު ދަށުން ލޭ އަންނަން ފެށިއެވެ.

ގުނަވަންތައް ވިއްކާނެ މީހުން ހޯދައިގެން އަބޫ ޖައުފަރަށް ލިބޭ އާމްދަނީގެ ތަފުސީލެއް ނުކުރާނެއެވެ.

ގުނަވަންތައް ވިއްކަން ބޭނުންވާ މީހުން އަރަބި ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް މަދެވެ. އެކަމަކު ލުބުނާނުގައި އެފަދަ މީހުން ގިނައެވެ. އަބޫ ޖައުފަރު ބުނާ ގޮތުގައި އޭނާ ފަދައިން ގުނަވަން ވިއްކާނެ މީހުން ހޯދައިދޭ ހަތް ބްރޯކަރުން އޭނާ ދަނެއެވެ.

އަބޫ ޖައުފަރަކީ އޭނާ ދިރިއުޅޭ ހިސާބުގެ މީހުން އިހުތިރާމްކުރާ އަދި ބިރުވެސް ގަންނަ މީހެކެވެ. އޭނާ ދާއިރު އޭނާއާ ސަމާސާ ކުރުމަށާއި ޒުވާބުކުރަން ވެސް މީހުން އޭނާ ހުއްޓުވައެވެ. އޭނާ އުޅެނީ ފިސްތޯލައެއް ވެސް ފައިކޭޓަށް ލައިގެންނެވެ.

" އަހަރެންނަށް އިނގޭ އަހަރެން މިކުރަނީ ގާނޫނާ ހިލާފު ކަމެއް ކަން. އެކަމަކު އަހަރެން މީހުންނަށް މިވަނީ އެހީއެއް،" ގުނަވަންތައް ވިއްކުމާ މެދު އަބޫ ޖައުފަރު ދެކެނީ މިހެންނެވެ.