ފިނިޕޭޖް

"މީ ލޯތްބަކީ" ޝޯތަކެއް އަންނަ މަހު އައްޑޫގައި

މި މަހު ފަސް ވަނަ ދުވަހު "މީ ލޯތްބަކީ" ރިލީޒް ކުރި ފަހުން ދައްކާނެ މި ނޫން ވާހަކައެއް ނެތެވެ. ފިލްމުގެ މަގުބޫލުކަން އެހާވެސް ބޮޑެވެ. ހައުސްފުލް 14 ޝޯ ދެއްކި އިރު ހައުސްފުލް ނޫންކޮށް ތިން ޝޯއެއް ދެއްކުމަށްފަހު އިތުރު ޝޯތައް ދެއްކުން މިވަނީ މަޑު ޖައްސަލާފަ އެވެ. މާލޭގައި މީ ލޯތްބަކީގެ ޝޯތަކެއް ދެން ދައްކަނީ އަންނަ މަހު ހަތަރަކުން ފެށިގެންނެވެ. އެއަށް ފަހު އައްޑޫ އަދި ހދ. ކުޅުދުއްފުށީގައި މި ފިލްމުގެ ޝޯތަކެއް ދައްކާނެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މީ ލޯތްބަކީގެ ޝޯތަކެއް އަންނަ މަހު 10 އަކުން 13 އަށް އައްޑޫގައި އަޅުވަން މިހަރު ހަމަޖެހިފައިވާ ކަމަށެވެ. ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މަރަދޫ މަރަދޫ ފޭދޫ (ބޮޑޮގެ) އަދި ހިތަދޫގައި ހުންނަ އެވްރިވަން ލާނިން ސެންޓަރުގައި ކަމަށެވެ.

މާލެޭގައި ފިލްމު އެޅުވުން މަޑު ޖައްސާލީ މަޖީދީ މަގު އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދަކީ އޮލިމްޕަސް ހުންނަ ސަރަހައްދަށް ވާތީ އޮލިމްޕަހަށް ވަދެ ނުކުމެ އުޅެން ދަތިތަކާއި ކުރިމަތިވާތީ އެވެ. އަދި މަގު ހެދުމަށް އެ ސަރަހައްދު ވަރަށް ބޮޑަށް ކޮނެފައިވާތީ ރޭގަނޑުގެ ވަގުުތުތަކުގައި އެ ސަރަހައްދުގައި ބައިބޯވެ އެކްސިޑެންޓްތައް ހިނގުމުގެ ފުރުސަތު ބޮޑުވުމުން ކަމަށް މޮގާ ބުންޏެވެ.

މުހައްމަދު ޖުމައްޔިލް އަދި މަރިޔަމް އައްޒަ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީ އެކެވެ. މި ފިލްމުން އާ ގިނަ ތަރިންތަކެއް ފެނިގެންދެ އެވެ.

"މީ ލޯތްބަކީ" އަށް ފަހު ޑާކްރެއިނުން މިހާރު ތައްޔާރު ވަމުންދަނީ މުޅިން ތަފާތު ދިމާލަކަށެވެ. ޑާކްރެއިނުން މިހާރު ތައްޔާރުވަނީ ތްރިލާ ފިލްމެއް ކަމަށްވާ "ގޮށްރާޅު" އަށެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގަ އެވެ.