ސްޕެނިޝްލީގްގެ އެއް ވަނައިގައި އޮތް ބާސެލޯނާއިން، ރެލިގޭޓް ވުމުގެ ބިރު ކުރިމަތި ވެފައިވާ، އޮސަސޫނާގެ މައްޗަށް 7-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.
ބާސެލޯނާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ބާސާއަށް ވުރެ އެއް މެޗު މަދުން ކުލެފައިވާ ރެއާލް މެޑްރިޑުން ވެސް ޑިޕޯޓިވާ ލަކަރޫނިއާގެ މައްޗަށް 6-2 ގެ ނަތީޖާ އަކުން މޮޅުވެ، ބާސެލޯނާގެ ފަހަތުގައި ވަނީ ވިއްދާފަ އެވެ.
ލިއޮނަލް މެސީ ހުއްޓުވަން ސަމާލުކަމެއް ދޭނެ ކަމަށް، މެޗުގެ ކުރިން ބުނި އޮސަސޫނާގެ ގޯލް، ހުޅުވާލީ މެޗުގެ 12 ވަނަ މިނެޓްގައި، އޮސަސޫނާއަށް ދެވުނު މިސްޕާހެއްގެ ބޭނުން ހިފައި މެސީ ކާމިޔާބު ކުރި ގޯލުން ނެވެ.
ރެއާލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ 11 ގައި ހިމެނުނު ހަ ކުޅުންތެރިންނަށް، ރޭ ގެ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދިގެން ނިކުތް ބާސެލެނޯގެ ހަތް ލަނޑުގެ ތެރެއިން މެސީ އާއި އެންޑްރޭ ގޯމޭޒް އަދި ޕަކޯ އަލްކާސާ، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފަ އެވެ.
އެލްކްލެސިކޯ މެޗުގެ ފުރަތަމަ 11 ގައި ކުޅުނު ޖޯޑީ އަލްބާގެ ބަދަލުގައި މެޗުން ފުރުސަތު ދިން ބާސާގެ ޑިފެންޑަރު ހާވިއޭ މެޝަރާނޯ ވެސް ވަނީ ބާސާ އަށް ލިބުނު ޕެނަލްޓީ އަކުން ރޭ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މިއީ ބާސާގެ ޖޯޒީގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.
އޮސަސޫނާގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ރޮބާޓޯ ޓޮރޭޒް އެވެ.
ރަށުން ބޭރުގައި ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗުގައި މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުލައި ކުޅުނު ރެއާލްއިން ވަނީ މެޗުގެ ފުރަތަމަ މިނެޓްގައި ލިޑް ނަގާފަ އެވެ. އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން، އެ ލަނޑު ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ.
އެލްކްލެސިކޯ މެޗުގެ ފުރަތަމަ 11 ގައި ކުޅުނު ވައިސް ކެޕްޓަން މާސެލޯ އާއި ނަޗާ ފިޔަވައި، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ފުރުސަތު ދީފައި ވަނީ ފްރެޝް ކުޅުންތެރިން ނަށެވެ. ހަމޭސް ރޮޑްރިގޭޒް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ދެން ލަނޑުތައް ޖެހީ ލޫކަސް ވަޒްކޭޒް އާއި އިސްކޯގެ އިތުރުން، އިސްކޯގެ ބަދަލުގައި އެރި، ކެސެމީރޯ އެވެ.
ޑިޕޯޓިވާގެ ލަނޑުތައް ކާމިޔާބު ކުރީ ފްލޮރިން އަންޑޯނޭ އާއި ހޮސެލޫ އެވެ.