(25 އޭޕްރީލް 2017 އާ ގުޅޭ) -- އައިރާއަށް ނިޔާނުގެ މަރުގެ ޚަބަރު ދިނުމަށެވެ. އަމީރު ގެއަށް އައުމުގެ ކުރީން ޝިމްލާއަށް ގުޅާފައި އައިރާގެ ގާތަށް ދިއުމަށް ބުންޏެވެ. އަދި މައުރީންއާއި އައިރާއާ ދެކުދީން ގާތު ބޭރަށް ދާން ތައްޔާރުވެލައިގެން ތިބުމަށް ބުނާށޭ އަމީރު ބުންޏެވެ. އަމީރު އެދުނު ފަދައިން ކަންތައް ކުރާން ޝިމްލާ އަވަސްވެގަތެވެ.
ހާސްވެ ފިކުރު ބޮޑުވެފައި އައިރާ އިނީ އޭނާގެ ކޮޓަރީގައެވެ. ދޮރުހުޅުވާލައިގެން އިނީ އަމީރާއި ރުބީނާ އެނބުރި ގެއަށް އަތުވެއްޖެނަމަ އަޑުއިވޭނޭތީއެވެ. އެހެން އިންދާ އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވިގެން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިރާއަށް ކޮޓަރިން ނުކުމެގެން އައިސް އެޕާޓްމެންޓަށް ވަންނަން ހުރި ދޮރުހުޅުވާލިއެވެ. އެހިނދު ދޮރުމަތީގައި ހުރި ޝިމްލާ ފެނުމުން އައިރާގެ ހާސްކަން އިތުރުވެގެންދިޔައެވެ.
"ކިހިނެއްވީ ދައްތާ؟" ޝިމްލާ އެ އައީ ޚަބަރެއް ހިފައިގެންހެން އައިރާއަށް ހީވިއެވެ.
"ހިނގާބަލަ އެތެރެއަށް... މައުރީން ކޮބާ؟" އެޕާޓްމެންޓުގެ އެތެރެއަށް ޝިމްލާ ވަދެގެން އަންނަން ފެށުމުން އައިރާން ހައިރާންވިއެވެ. އެ އެޕާޓްމެންޓަށް ދުވަހަކު ވެސް ވަދެފައިނުވާ ޝިމްލާ މިއަދު ކުއްލިއަކަށް އެތަނަށް ވަނުމުގެ މާނައަކީ ކޮބާބާއޭ އައިރާގެ ހިތަށް އަރަމުންދިޔައެވެ. އެހިނދު ކޮންމެވެސް ކަމެއް ޔަގީނުން ވެސް ގޯސްވެއްޖެކަން އައިރާގެ ޟަމީރު ޤަބޫލުކުރިއެވެ.
"ނިދާފަހެން ހީވަނީ" އައިރާ ބުންޏެވެ.
"ދޭބަލަ މައުރީންއަށް ގޮވަން... ބުނޭ ބައްޕަ ބުނެގެންނޭ... ނިކަން އަވަހަށް ގެއިން ބޭރަށް ދެވޭނެހެން ރީތިވެލައިގެން ނިކުމެބަލާށޭ ބުނޭ... ތަންކޮޅެއް ނިވާކަން ބޮޑު ހެދުމެއް ލާށޭ ބުނާތި" ޝިމްލާ ވެސް ހުރީ ހާސްވެފައިކަން އެނގެއެވެ. އޭނާ ވެސް އިތުރަށް ކަންބޮޑުވެފައި ހުރީ މައުރީންއާ ކުރިމަތިލާން ޖެހޭތީއެވެ. އެކުއްޖާ އެއްވެސް ވަރަކަށް ޝިމްލާއާ ގުޅުމެއް ބާއްވާކަށް ބޭނުމެއްނުވެއެވެ. އެކުއްޖާގެ ނަޒަރުގައި ޝިމްލާއަކީ އޭނާގެ ބައްޕަގެ ދިރިއުޅުމަށް ވަން ދެވަނަ އަންހެންމީހާއެވެ. ނުބައި ރޭވުންތައް ރާވާ "ދޮންމަންމަ" އެވެ. ބައްޕައާއި ދަރިފުޅު ދުރުކުރުވި މީހާއެވެ.
"މައު... މައު..." މައުރީންގެ ކޮޓަރީގައި ޓަކި ޖަހާލަމުން އައިރާ ގޮވިއެވެ.
"ކިހިނެއްތަވީ" ނިދީގެ އަސަރާއެކު މައުރީން ބުނެލިއެވެ. ކުޑަކޮށް ހުޅުވާލާފައި ހުރި ދޮރުން ކުރުސޯޓުކޮޅަކާއި އަތްކެނޑި ޓީޝާޓުކޮޅެއްގައި މައުރީން ހުރިއިރު އޭނާ އޮތީ ނިދާފައިކަން އައިރާއަށް ދެނެގަނެވުނެވެ.
"ބައްޕަ ބުނެގެން މި އައީ... ވަރަށް އަވަހަށް ތައްޔާރުވެލައިގެން ނުކުންނަން ބުނީ. އަދި ބުނި ތަންކޮޅެއް ނިވާކަން ބޮޑު ހެދުމެއް ލައްޗޭ"
"އެ ކީއްކުރަން؟ ބައްޕައަށް ކީއްތަ އަހަރެން ކޮންމެ އެއްޗެއް ލިޔަސް... ކޮބާތަ މަންމަ" މައުރީން ހިތްހަމަނުޖެހުނެވެ. ރުބީނާ ވީތަނެއް ހޯދުމަށް މައުރީން ކޮޓަރިންނުކުންނަން އުޅުނެވެ.
"މަންމައާއި ބައްޕަ އެކީގައި ބޭރަށް ދިޔައީ... ކޮންމެވެސް ކަމެއް ދިމާވެގެން އުޅޭހެން ހީވަނީ... ޕްލީޒް މައު... ބައްޕަ ބުނިހެން މިފަހަރު އެކަނި ކަންތައްކޮށްބަލަ... ތައްޔާރުވެގެން އާދެބަލަ ބޭރަށް" ރުބީނާއާއި އަމީރު އެކުގައި ބޭރަށް ދިޔަ ވާހަކަ ބުނުމުން މައުރީނަށް ވެސް ލިބުނީ ހައިރާންކަމެވެ. ނިދީގެ އަސަރު ފިލާ ސިކުނޑީގެ މަސައްކަތް އަވަސްވިއެވެ. އައިރާ އެދުނު ފަދައިން ތައްޔާރުވެލައިގެން ނުކުންނަން މައުރީން ވެސް އަވަސްވެގަތީ ވެގެން އުޅޭ ގޮތެއް އޮޅުންފިލުމުގެ ބޭނުމުގައެވެ.
"ދައްތާ! ކިހިނެއްތަ ވެގެން މިއުޅެނީ... އަނެއްކާ... އަނެއްކާ ނިޔާނަށް ކަމެއްވީތަ؟ އޭނާއަށް ވެސް ނުގުޅޭ... ފޯނު ނިއްވާލާފައޭ ބުނަނީ... ނިޔާނު ހަވީރު ގުޅާފައި ބުނި މާލެއާ ވަރަށް ކައިރީގައޭ މިހުރީ" ހާސްވެފައި ހުރި ޝިމްލާގެ ގާތުގައި އައިރާ އަހާލިއެވެ. އައިރާގެ ވާހަކަތަކުން ޝިމްލާއަށް ލިބުނީ އިތުރު ނުތަނަވަސްކަމެއްކަން އޭނާގެ މޫނުމަތިން ފާޅުވެގެންދިޔަ އަސަރުތަކުން އައިރާ ދެނެގަތެވެ. އިތުރަށް އެއްޗެއް އަހަން އުޅެފައި ވެސް އައިރާ ހުއްޓުނީ އެހެންވެއެވެ.
ފެހިކުލައިގެ ގަޔަށް ދޫކޮށް ހުރި އަތްދިގު ޓީޝާޓުކޮޅަކާއި މަޑުނޫކުލައިގެ ޖިންސެއް ލައިގެން މައުރީން ކޮޓަރިން ނުކުމެގެން އައިސް ހުއްޓުން އެރީ ގޭތެރޭގައި ޝިމްލާ ހުރުމުންނެވެ. އޭނާއަށް ދެން ބަލާލެވުނީ އައިރާއަށެވެ. އެ ދެމީހުން ވެސް ކޮޅަށް ތިބިއިރު ތިބީ އިސްޖަހާލައިގެންނެވެ.
"ކިހިނެއްތަވެގެން މިއުޅެނީ؟ މީނާ މިބަޔަށް ވެއްދީކާކު؟" މައުރީން ނުރުހުންވެފައި އަހާލިއެވެ.
"އަހަރެން މި އައީ މައުރީންގެ ބައްޕަ ބުނެގެން.... އިރުކޮޅަކުން މައުރީންގެ މަންމައާއެކު ގެއަށް އަންނާނެ... އޭރުން އެނގޭނެ ވެގެން އުޅޭގޮތެއް" ޝިމްލާ ޖަވާބުދިނީ މައުރީންއަށް ކަމަށްވިޔަސް އޭނާގެ ނަޒަރު ހުއްޓުނީ އަތްއުރާލައިގެން އިސްޖެހިފައި ހުރި އައިރާއަށެވެ.
އެއްކޮށްނުލެއްޕި ހުރި އެޕާޓްމެންޓުގެ ދޮރު ހުޅުވުމާއެކު ސިޓިންރޫމުގައި ތިބި އައިރާއާއި ޝިމްލާގެ އިތުރުން މައުރީންގެ ނަޒަރު ވެސް އަމާޒުވީ އެ ދިމާއަށެވެ. އަމީރުގެ ގައިގާ ލައްވެލައިގެން ހުރި ރުބީނާ ރޯތަން ފެނުމުން މައުރީން ކަންބޮޑުވިއެވެ.
"މަންމައަށް ކިހިނެއްވީ؟" މައުރީން ސުވާލުކުރީ އަމީރަށެވެ. އޭރު އަމީރުގެ ލޮލުގައިވާ ކަރުނައިގެ އަސަރު ވެސް މައުރީނަށް ފެނުނެވެ.
"ތި ދެކުދީންނަށް ވެސް އެނގެން ޖެހޭނެކަން ބައްޕައަށް އެނގޭ... އިހަށް ސޯފާގައި އިށީންނަންވީނު... އައިރާ! ދަރިފުޅު ވެސް އިށީނދެބަލަ" އަމީރު އެންމެ ކަންބޮޑުވީ އައިރާއާ މެދުއެވެ. އެހެންނަމަވެސް ސުވާލުގެ ނަޒަރުން އަމީރަށް ބަލަން ހުރި ގޮތަށް އައިރާ ހުރީއެވެ. މައުރީން އަވަސް އަވަހަށް ސޯފާގައި އިށީނެވެ. އޭނާގެ ގާތުގައި ރުބީނާ އައިސް އިށީނެވެ. ދަރިފުޅުގެ ކޮނޑުގައި ހިފާލުމާއެކު ގާތްކޮށްލިއެވެ. އޭރު ވެސް އޭނާއަށް ރޮވެނީއެވެ.
"ނިޔާނު... ނިޔާނު ނިޔާވެއްޖެ..." ނިޔާނުގެ މަރުގެ ޚަބަރު އަމީރުގެ ދުލުން ބޭރުވި ހިނދު އައިރާގެ އަނގައިން ސިހުމުގެ އަޑުއިވިގެންދިޔައެވެ.
"މަންމާ އެއީ ތެދެއްތަ؟ ދޮންބެ މަރުވީތަ؟" ޤަބޫލުނުކުރެވިފައި އިން މައުރީން އަވަސްއަވަހަށް ރުބީނާގެ ގާތުގައި އެހިއެވެ. އެއާއެކު ރުބީނާގެ ރުއިމުގެ އަޑު ގަދަވިއެވެ. މައުރީންގެ ގައިގާ އޮޅުލައިގަތުމާއެކު އޭނާ ބޯޖަހާލިއެވެ.
"ދޮންބެ... ދޮންބެ... ހީޒް ރިއަލީ ގޯން..." އަޖައިބުވެފައި އިން މީހަކު ފަދައިން މައުރީންއަށް މަޑުމަޑުން ބުނެލެވުނެވެ.
އައިރާގެ އަނގައިން ނުކުން އާހުގެ ގަދަ އަޑާއެކު އަމީރާއި ޝިމްލާގެ ނަޒަރު އަމާޒުވެގެން ދިޔައީ އެކުއްޖާއެވެ. އޭރު އޭނާގެ މޭގައި ދެއަތް އަޅައިގެން ގުދުވެ އޮތްއިރު އޭނާއަށް ނޭވާލާން ދަތިވެގެން އުޅޭ ކަހަލައެވެ. ދެން ފެނުނީ ކުއްލިއަކަށް ދެކަކޫމައްޗަށް ވެއްޓުނުތަނެވެ. ހަލުވިކޮށް އައި އަމީރު އޭނާގެ ދެކަކޫ މައްޗަށް ތިރިވެ އައިރާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ކަރުނުން ފުރިގެންވި ދެ ލޮލުން އަމީރަށް ބަލާލުމާއެކު އައިރާ ދެފަރާތަށް ބޯހޫރާލިއެވެ. ހިތަށް ލިބިގެންދިޔަ ވޭން ތަހައްމަލު ކުރުން ދަތިވެގެންދިޔަ ހިނދު އައިރާގެ އަނގައިން ހިތްދަތިކަމުގެ ވޭނީ އާހުގެ އަޑު ނުކުމެގެންދިޔައެވެ. އައިރާގެ ކަރުތެރެއިން ނުކުމެގެން ދިޔަ ވޭނުންފުރިގެންވި އަޑުން އެންމެންގެ ހިތްތައް ތޮރުފާލި ކަހަލައެވެ. މޭމަތީގައިވާ ދެއަތުގެ ތެރެއަށް ހެނދުމާއި ޝޯލްގެ ބައެއްބޮނޑިކޮށްލެވުނު އައިރާ ދެ ލޯ މަރާލި ގޮތަށް އަރިއަޅާލައިފިއެވެ.
"އައިރާ!" އަމީރުގެ އަތްމައްޗަށް އައިރާގެ ހަށިގަނޑުން ވާގި ދޫވެގެން ވެއްޓުނު ހިނދު ކަންބޮޑުމާއެކު އައިރާއަށް ގޮވާލިއެވެ.
"ނިޔާނުގެ މަރުގެ ޚަބަރު ލިބުމުން އައިރާގެ ހިތް ހަލާކުވާނޭކަން އަހަންނަށް ކުރިން ވެސް އެނގުނު"
"އަމީރު... އައިރާ އިހަށް ބާއްވަން މަށަށް ފެންނަނީ... އަހަރެން އައިރާގެ ގާތުގައި މަޑުކޮށްފާނަން. އޭނާ އަނބުރައިގަތީހެން އަހަންނަށް ހީވަނީ... ހޭއެރުމުން އަހަރެން އެކުއްޖާ ގޮވައިގެން އަމީރުމެންގެ ގާތަށް ދާނަން" އަމީރުގެ ކޮނޑުގައި ފިރުމާލަމުން ޝިމްލާ ބުންޏެވެ. އެއާއެކު އަމީރުގެ އަތްދަނޑިމައްޗަށް އައިރާ އުފުލާލުމާއެކު އޭނާގެ ކޮޓަރިއަކީ ކޮބައިތޯ އަމީރު ސުވާލުކުރީ ރުބީނާއާއެވެ. އެހިނދު ރޮވިފައި އިން މައުރީން އިޝާރާތްކޮށްލިއެވެ. އަމީރު ހިނގައިގަތުމުން އޭނާގެ ފަހަތުން ޝިމްލާ ވެސް ހިނގައިގަތެވެ.
"މަންމާ... ސީރިއަސްކޮށް ވެސް ދޮންބެ ދެން ނާންނާނެތަ؟ ހަމަ އަސްލަށް ވެސް މަރުވީތަ؟ ދެން މައުއަށް ހެލްޕުވާނެ މީހަކު ވެސް ނުހުންނާނެ... މައުއަށް ހުރިހާ ކަމެއްކޮށްދެނީ ދޮންބެ... ކީއްވެ ދޮންބެ މަރުވީ؟" މައުރީންއަށް ރޮވެމުންދިޔައެވެ.
އައިރާ އެނދުގައި ބޭއްވުމުގެ ކުރިން ޝިމްލާ ބާލީސް ރަނގަޅުކޮށްލިއެވެ. އޭނާގެ ލޮލުގައި އެނދު މަތީ އޮތް ސިޓީއުރަ އަޅައިގަތެވެ. އެ ނަގައިގެން އެއްފަރާތަށް ޖެހިލުމާއެކު އަމީރު އައިސް އެނދު ކައިރީ މަޑުކޮށްލުމާއެކު ނިކަން ބަލައިގެން އައިރާ އެނދުގައި ބޭއްވިއެވެ.
"އަމީރު!... ބަލާބަލަ..." އަމީރުގެ ފަހަތުގައި ހުރި ޝިމްލާގެ އަޑުގައިވި ކަންބޮޑުވުމާއެކު އޭނާ ފަސް އެނބުރި ބަލާލީ ނުހަނު އަވަހަށެވެ.
"ތީ ކޮންއެއްޗެއް" ޝިމްލާ ބަލަން ހުރި ކަރުދާހަށް އަމާޒުވާނޭހެން އަމީރު ސުވާލުކުރިއެވެ.
"ބަލާބަލަ! މީ ކޮން ރިޕޯޓެއްކަން އެނގޭތަ... އަހަންނަށް އަދި ކިރިޔާ މި އެނގުނީ..." ޝިމްލާގެ އަތުގައި އޮތް ރިޕޯޓު އަމީރަށް ދިއްކޮށްލިއެވެ. އޭރު އޭނާގެ ދެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. އަނގަމަތީ އަތްއަޅާލެވުމާއެކު އައިރާއަށް ބަލަން ޝިމްލާ ހުއްޓެވެ.
"އަހަންނަކަށް ނޭނގުނު" އަމީރު ބުންޏެވެ.
"އައިރާ އެ އިނީ ބަލިވެ... ތީ އެކަމުގެ ހެކި... އައިރާގެ ލޭގެ ރިޕޯޓު"
"ސުބުޙާނައްﷲ..." އަމީރަށް އަމިއްލަ ބޮލުގައި ހިފަހައްޓާލެވުނެވެ.
"ނިޔާނު ހަވީރު ގުޅާފައި މާލެ އަންނަކަމުގެ ޚަބަރު އައިރާއަށް ދިން... އެކުއްޖާ އޭރުއްސުރެ އެ ހުންނަނީ އޭނާގެ އިންތިޒާރުގައި... މި ޚަބަރު ނިޔާނަށް ދިނުމަށް ޓަކައި... ކޮންފަދަ ބޮޑު ހިތްދަތިކަމެއް... ދަރިފުޅު ދުނިޔެއަށް އުފަންނުވަނީސް ޔަތީމަކު ކަމުގައި އެކުއްޖާވެއްޖެ... ފިރިމީހާގެ އޯގާތެރިކަމާއި ލޯބިން މުޅި އުމުރަށް އެކުއްޖާ މަހުރޫމުވެއްޖެ... އަމީރު! މީ ކޮންފަދަ އިމްތިހާނެއް... އައިރާގެ މުޅި ދުނިޔެ މިއަދު އެކޮޅުކޮޅުން ޖެހިއްޖެ" ޝިމްލާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔައެވެ. އައިރާގެ ހަޤީޤަތް އެނގުނު ހިނދު އޭނާގެ ހިތުގައި ޖެހިއްޖެއެވެ. އައިރާއާ މެދު އެހިތް ރޮނީއެވެ. އެކުއްޖާއަށް ދެން ވާނޭގޮތެއް ނޭނގި ހިތް ބިރުގެންފައިވެއެވެ.
"ﷲގެ ކުޅަދުންވަންތަކަން މަތިވެރިވެގެންވޭ... އެ ދަރިފުޅަށް ނުއުފުލޭވަރުގެ ހިތްދަތިކަމެއް އެކަލާނގެ ނުޖައްސަވާނެ... އަހަރެންގެ ނިޔާނުގެ އުމުރު އެހާ ކުރުވެދާނެއެކޭ އަހަރެން ވެސް ހިތަކަށް ނާރާ... އެ ދަރިފުޅު އުފަލުގައި އުޅެންވީ ދުވަހު އެ ދިޔައީ އަހަރުމެން އެންމެންނަށް ސިހުންދީފައި... އަހަންނަށް އެނގޭ އެކަކަށްވުރެ ވެސް އައިރާގެ ހިތަށް މިވަގުތުކުރާނެ އަސަރު ބޮޑުވާނެކަން. އެކަމަކު އެކުއްޖާއަށް ޓަކައި އަހަރެން ނިޔާނު ގެންނާނީ ކިހިނެއް؟ މިއަދު އަހަރުމެންނަށް އޮތީ ކެތްތެރިވުން... މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން... ވަގުތު އައިސް ޖެހުމުން ކޮންމެ ފުރާނަ އެއްވެސް ޖެހޭނީ ދާން... ދެން ނުރޮއެ ހިތްވަރުކުރޭ ޝިމް... އައިރާއަށް ޓަކައި ވެސް އަހަރުމެން ހިތްވަރުކުރަން ޖެހޭނެ... މިހެން ތިބެވޭކަށް ވެސް ނެތް... ނިޔާނުގެ ހަށިގަނޑު ވަޅުލުން އަވަސް ކުރަން ޖެހިފައިވަނީ" އަމީރު އައިސް ޝިމްލާ އޭނާއާ ގާތްކޮށްލިއެވެ.
"އާން! އާން!... ދަރިފުޅު ވަޅުލުމުގެ ކަންތައްތައް އަމީރު ހަމަޖައްސާ... އައިރާ ގާތު އަހަރެން ހުންނާނަން... ސަހަރާއަށް އެކުއްޖާ ގޮވައިގެން އަހަރެން ދާނަން... އަމީރު އެކަމާ ނުވިސްނާ... އަހަރެން މިހުރީނު..." ދެލޯ ފުހެލަމުން ޝިމްލާ އަވަސް އަވަހަށް ބުންޏެވެ. އަދި އައިސް އައިރާގެ ގާތުގައި އެނދުގައި އިށީނެވެ. ހުއްޓުމެއްނެތް ކަރުނަތައް ފުހެން މަސައްކަތް ކުރަމުންނެވެ.
އަމީރުގެ އެންމެ ގާތް އެކުވެރިޔާ ޞާދިގަށް ޚަބަރު ލިބުމާއެކު އޭނާ އަތުވެއްޖެއެވެ. ކަށުނަމާދުގެ ކަންތައްތައް ހަމަޖެއްސީ އޭނާއެވެ. އަދި އަމީރުއާއެކު ނިޔާނުގެ ހަށިގަނޑު ސަހަރާއަށް ގެންދިއުމުގައި އޭނާ ބައިވެރިވިއެވެ. ނިޔާނުގެ އޮފީހުގައި އުޅޭ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ސަހަރާއަށް އައިސް ތިއްބެވެ.
އެއްފަރާތުގައި އަންހެންނުންތައް މަޑުކޮށްލައިގެން ތިބި ސަރައްޙައްދުގައި ރުބީނާއާއި މައުރީން ތިއްބެވެ. އެމީހުންގެ ގާތުގައި ސަލްމާއާއި ހިދާ ތިއްބެވެ. އެ ދެމީހުންގެ ފިރިން އަމީރުގެ ގާތުގައި ހުއްޓެވެ. އެންމެ ލޯތައް އަމާޒުވަމުންދިޔައީ ހުއްޓުމެއްނެތި ރޮމުންދިޔަ އައިރާއަށެވެ. ޝޯލްއިން ބައެއް އަނގަމަތީ އަޅާލައިގެން ހުރި އިރު ވެސް އޭނާގެ ގިސްލުމުގެ އަޑު ބޭރުވަމުންދިޔައެވެ. ޝިމްލާއާއި އޭނާގެ ދަރިފުޅު އައިރާއާ ދާދި ގާތުގައި ހުއްޓެވެ.
"އައިރާ..." އައިރާގެ ގާތުގައި އައިސް ހުއްޓުލި ޖުވައިން ފެނި އައިރާގެ ހިތް ކުދިކުދިވެގެންދިޔައެވެ. އިހުނަށްވުރެ ބާރަށް އޭނާއަށް ރޮވިއްޖެއެވެ. އެހިނދު ޖުވައިންގެ ގާތުގައި ހުރި އޭނާގެ އަންހެނުން އައިރާގެ ގައިގާ ހިފަހައްޓާލިއެވެ. ކެތްތެރިވާށޭ ބުނާ ފަދައަކުންނެވެ. ޖުވައިން ދެން ހިނގައިގަތީ އަމީރު ހުރި ދިމާއަށް ދާށެވެ.
މޫނުއަޅަންވީ ވަގުތު ޖެހުނު އިރު އެންމެ ފަހު ފަހަރަށް ފިރިމީހާގެ މޫނު ދުށުމަށް އައިރާ އައެވެ. އޭނާގެ ގާތުގައި ޝިމްލާ ހުއްޓެވެ. އައިރާއަށް ވެދާނޭ ގޮތަކާމެދު އޭނާ ކަންބޮޑުވެފައި ވެއެވެ. ފިރިމީހާގެ ކަންފަތްދޮށަށް ގުދުވެލާ ސަލާމްގޮވާލުމާއެކު އައިރާ އޭނާ އިނީ ބަލިވެކަމުގައި ބުނެލި ހިނދު އޭނާގެ މުޅި ނަފްސު ވެސް ރޫޅިގެން ހިނގައިދާނެހެން ހީވިއެވެ. ގުދުވިގޮތަށް އޭނާއަކަށް ނުއެއް ތެދުވެވުނެވެ. ގިސްލާފައި ރޯންފެށުނު ގޮތަށް އައިރާއަށް ހުރެވުނީ ނިޔާނާ ވަކިވާން ބޭނުންނުވެފައެވެ. އެހިނދު އައިރާގެ ގާތަށް ދުރުގައި ހުރި ސަލްމާ ވެސް އަތުވެއްޖެއެވެ. އޭނާއަށް ވެސް ރޮވެނީއެވެ. ހިތެއް އޮތް މީހަކުވެއްޖެއްޔާ އައިރާއަށް ކޮށްފައިވާ އަސަރުފެނި އެ އިން ކޮންމެ ހިތެއް މިއަދު ކަރުނައަޅާނެކަން ޔަގީނެވެ. އައިރާގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާގެ ބޮލުގައި ފިރުމާލާފައި ޝިމްލާއާއި ސަލްމާގެ އެހީގައި އައިރާ ގޮވައިގެން ނިޔާނާ ދުރަށް ހިނގައިގަތެވެ. ވަދާޢުގެ ސަލާމް އެންމެ ކުރިނަމަވެސް އައިރާގެ ޟަމީރު އެކަމަށް އެއްބަހެއްނުވިއެވެ. -- (ނުނިމޭ)