ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ މިފްކޯއިން މަސްކިރުވުން ލިމިޓްކޮށްފި

Apr 27, 2017

މަސްވެރިކަން ރަނގަޅުވެ، މަސް ރައްކާކުރާ ވަސީލަތްތައް ފުރުމާއެކު، މިފްކޯއިން މަސް ގަންނަ އަދަދު ލިމިޓުކޮށް، މިއަދު ކިރުވޭނީ 2.5 ޓަނު ކަމަށް ހަމަޖައްސައިފި އެވެ.

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވެފައިވާއިރު، މިފްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ އަހުމަދު ސޮއި ކުރައްވައި ވަނީ މެމޯއެއް ނެރުއްވާފަ އެވެ. މި މެމޯގައިވާ ގޮތުން މަސްކިރުވާނެ ވަކި ވަރެއް ހަމަޖެއްސީ މިފްކޯ އަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށެވެ.

"އޮޕަރޭޝަން މެނޭޖް ކުރަން 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު މިފްކޯ އަށް މަސް ކިރުވާ ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސް ކަމުގައި ހަމަޖައްސައިފީމެވެ،" މިފްކޯ އިން ފޮނުވި މެމޯގައި ބުނެފައިވެ އެވެ.

މެމޯއާ ގުޅިގެން "އަވަސް" އިން މިފްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ އަހުމަދުއަށް ގުޅަން ކުރި މަސައްކަތް ފޯނު ނުންގަވާތީ ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މަސް ގަންނަ އަދަދު ލިމިޓު ކުރިއިރު، މިދިޔަ ދެ ދުވަހު ވެސް މިފްކޯ އަށް 720 ޓަނު މަސް ކިރުވި އެވެ. ރާއްޖޭގެ އެންމެ ބޮޑު މަސް ފެކްޓްރީ ކަމަށްވާ، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. މަސްވެރިކަން ރަނގަޅުވިއު، އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 17ރ. އަށެވެ. އަދި އައިސް އަޅައިގެން ގެނައުމުން ކިލޯއެއް 19ރ. އަށް ގަނެ އެވެ.