ވިޔަފާރި

މިފްކޯއިން 16 ދުވަހުގެތެރޭ މަސްވެރިންނަށް 54 މިލިއަން ރުފިޔާ

Apr 28, 2017
4

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، ވޭތުވެދިޔަ ސޯޅަ ދުވަހުގެތެރޭ މިފްކޯ އިން މަސްވެރިންނަށް 54 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވަނިކޮށް، މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރަން ޖެހުމާ ގުޅިގެން އަންނަ ފާޑު ކިޔުންތައް ސާފުކޮށް ދިނުމުގެ ގޮތުން މިފްކޯއިން މީޑިޔާތަކަށް ފޮނުވި ލިޔުމެއްގައި ވަނީ މޭ މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގައި އާދަޔާއި ހިލާފަށް މަސްވެރިކަން ރަނގަޅުވެ މަސް ބާނާ މިންވަރު ވެސް އެއް ދުވަހުން އެނެއްދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މިއީ ފާއިތުވި 11 ވަރަކަށް އަހަރުތެރޭގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުނުވާ މިންވަރަކަށް ރަނގަޅުވުން ކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނީ މިހާ ގިނަ އަދަދަކަށް މަސްބާނާއިރު މަސް ފިނިކުރުމަށާއި ރައްކާކުރުމަށް އަދި ކޮލިޓީ ހިފެހެއްޓުމަށް ދަތިތައް މެދުވެރިވުމަކީ ނުވެނުދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް މަހެއް ދޫކޮށް ނުލާ މިފްކޯއިން ގަންނަމުންދާކަން އެ ކުންފުނިން ފާހަގަ ކުރި އެވެ. މިގޮތުން ފާއިތުވި ދެދުވަހު އާދަޔާ ޚިލާފަށް ގިނައިން މަސް ބާނާމި ދެ ދުވަހުން 800 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ.

"... އެހެންކަމުން މިމަސް ފިނިކޮށް ރާއްކާކުރުމަށް އިތުރުވަގުތު ނަގާތީއާއި ހުރިހާ މަސްވެރިންނަށް ވެސް މަސްކިރުވޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އަދި މަސްވެރިކަން މިދާގޮތަށް ދެމިގެން ދިޔުމަކީ މަސްވރިންނާއި މަސްގަންނަ ފަރާތްތަކުން އެންމެ އުއްމީދުކުރާގޮތް ކަމަށްވާތީ މަސްކިރުވުމަށް އިތުރަށް ތައްޔާރުވުމަށްޓަކައި މިއަދުން ފެށިގެން ދޯންޏަކުން މަސްކިރުވޭނެ އަދަދު ވަގުތީގޮތުން ކޮންޓްރޯލް ކުރަން ޖެހުނީ އެވެ،" މިފްކޯއިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ އެހެންނަމެސް މަސްވެރިކަން ހުންނަ މިންވަރަކުން ބަދަލުގެނެސް ލިބޭ ހުރިހާ މަހެއް ގަނެވޭނެ ގޮތަށް އިންތިޒާމް ކުރުމަށް މިފްކޯ އިން ހަމަޖައްސަމުންދާ ކަމަށެވެ. މަސްވެރިކަން ރަނގަޅުވެ ފާއިތުވި 16 ވަރަކަށްދުވަހު އެއްދުވަހުން އަނެއް ދުވަހަށް ބާނާ މަހުގެ އަދަދު އިތުރުވަމުން ގޮސްފައިވާއިރު މިހާތަނަށް އެއްވެސް މަހެއް ދޫކޮށްނުލާ މިފްކޯ އިން މިއައީ ސަރުކާރުގެ ފުރިހަމަ ސަޕޯޓާ އެކުގައިކަން ފާހަގަ ކޮށްފައިވެ އެވެ.

މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަމުންދާއިރު، އެ ކުންފުނި ދާދިފަހުން ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. މި ބަދަލު ގެނައިއިރު މިފްކޯ އޮތީ 300 މިލިއަން ރުފިޔާ ގެއްލުމުގަ އެވެ. ނަމަވެސް އެ ކުންފުނިން ދަނީ ގެއްލުމުން އަރައިނަގެ، މިހާރު މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.