ކުޅިވަރު

ހަތަރު އަހަރު ފަހުން 18 އަހަރުން ދަށުގެ އާ ޗެމްޕިއަނެއް

Apr 28, 2017

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދައިފި އެވެ. އެ އުމުރުފުރާގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަނަކީ، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ވިލާ ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިގެން ނެވެ.

މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓްގައި ވިލާއަށް ކާމިޔާބު ކޮށްދިނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އިޔާން އަހްމަދު ރަޝީދެވެ. އޭނާ ވަނީ މުބާރާތުގެ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެޓީމުގެ ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ޝަމްވީލް އެވެ.

ވިލާ ޗެމްޕިއަންކަން ހޯދި ނަމަވެސް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި، ވިލާއަށް ވުރެ ގިނައީ ދ. ތައުލީމީ މަރުކަޒެވެ. އެޓީމުން ފަސް ކުޅުންތެރިޔަކު ވަނީ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ވިލާއިން ހިމެނުނީ ހަތަރު ކުޅުންތެރިންނެވެ. ކުރީގެ ޗެމްޕިއަން އަހްމަދިއްޔާ އާއި ސީއެޗްސްސީން ހިމެނުނީ ކޮންމެ ޓީމަކުން ކުޅުންތެރިޔެކެވެ.

އެންމެ މޮޅު 11 ކުޅުންތެރިން

ގޯލްކީޕަރު: އަހްމަދު ސަމާހް އަލީ، ދ. ތައުލީމީ މަރުކަޒު، ދެން ޓީމުގައި ހިމެނެނީ: ނަސްރުﷲ މުފީދު އަހްމަދިޔާ، މުހައެްމަދު ޒަޔާން، ދ. ތައުލީމީ މަރުކަޒު، މުސައްނިފް މުހައްމަދު ވީއައިއެޗްއެސް، ރިޝްވާން އިސްމާއިލް، ސީއެޗްއެސްސީ، މުހައްމަދު ޝަޒީލް ދ. ތައުލީމީ މަރުކަޒު، އިޔާން، ވީއައިއެޗްއެސް، ހުސައިން އަހްޝަމް މޫސާ، ދ. ތައުލީމީ މަރުކަޒު، އަހްމަދު ޝާވިން ޝިހާމް، ވީއައިއެޗްއެސް، އިރުޝާމް އާދަމް ނަސީރު، ދ. ތައުލީމީ މަރުކަޒު، އަބްދުﷲ ނާވިޝް، ވީއައިއެޗްއެސް އެވެ.

މުބާރާތު ފެއާޕްލޭ ޓީމަކީ އަހްމަދިޔާ ސްކޫލެވެ.