މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ދައްކަން ފެށީއްސުރެ އެ ޝޯގެ ފުރިހަމަ ކަމުގެ ވާހަކަ ދެއްކުން ހުއްޓާނުލެވެ އެވެ. މިދިޔަ ސީޒަނަށްފަހު މި ސީޒަންގެ ޝޯތައް ވެސް އެހާ ފުރިހަމަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ގޮތުގައި ފެނިގެންދަނީ މެނޭޖްކުރެވޭ ގޮތް ރަނގަޅުވެގެނެވެ. ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޝޯ މެނޭޖުކުރުމުގައި ހަރަކާތްތެރިވާ ޓީމުގައި ޕީއެސްއެމްގެ ތަޖުރިބާކާރު ދެ މުވައްޒަފުން ކަމަށްވާ އަލީ ރިޒާ އިސްމާއީލް އަދި އަހްމަދު ހަނީފް އަކީ ފާހަގަކޮށްލެވޭ ދެ ނަމެވެ.
އަހްމަދު ހަނީފުގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ. ޕީއެސްއެމްގައި އޭނާ ވަޒީފާ އަދަކުރާތާ 10 ވަރަކަށް އަހަރު ވެދާނެ އެވެ. ހަނީފްގެ މަސައްކަތަކީ ފައިނޭންސް އެންޑް އޮޑިޓެވެ. މޯލްޑިވިއަން އައިޑޮލްގައި ވެސް ހަނީފްގެ ވަޒީފާއަކީ އެއީ އެވެ. މިދިޔަ ސީޒަނުގައި ވެސް ފައިނޭންސްގެ ކަންކަމާއި ހަވާލުވީ ހަނީފެވެ. މިއަހަރުގެ ކަންކަން އެންމެ ފުރިހަަމައަށް ހަނީފްއަށް ކުރެވުނީ މިދިޔަ އަހަރުގެ ސީޒަންގައި ލިބުނު މުޅިން އާ ތަޖުރިބާ ތަކާއި އެކުގަ އެވެ.
"މެއިން ބަޖެޓު ހެދުމުގައިވެސް އަޅުގަނޑު ބައިވެރިވާނެ. އަޅުގަނޑާއެކު އިސް މެނޭޖުމަންޓުގެ ގިނަ ބޭފުޅުން ބައިވެރިވާނެ. އައިޑޮލްގެ އެއްވެސް ހަރަދެއް ނުހިނގާނެ އަޅުގަނޑަށް ނޭނގި އެއް." ހަނީފް ބުންޏެވެ.
ނަމަވެސް އެއްވެސް އޮޑިޝަނެއްގައި އަމަލީގޮތުން ހަނީފް ބައިވެރިއެއް ނުވެ އެވެ. ނަމަވެސް މާލޭގެ އޮޑިޝަނުން ފެށިގެން ރަށްރަށުގެ އޮޑިޝަންތަކުގައިވެސް އެއްވެސް ހަރަދެއް ހަނީފަށް ނޭނގި ނުކުރެވޭނެ އެވެ.
ފައިނޭންސް އެކަންޏެއް ނޫނެވެ. އައިޑޮލްގެ އޮޑިޓިންގެ ކަންތައްތައްވެސް އޮންނަނީ ހަނީފްގެ މަސްއޫލިއްޔަތުގެ ތެރޭގަ އެވެ. މޯލްޑިވިއަން އައިޑޮލްގެ އޮޑިޓްގެ މަސައްކަތް ކުރިއަށް ގެންދަނީ މިނިވަން އޮޑިޓް ފާމަކުން ކަމަށް ވިޔަސް ޕީއެސްއެމްގެ ފަރާތުން އެ އޮޑިޓް ފާމާއި ހަވާލުވެ ހުރީވެސް ހަނީފެވެ.
"މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ހުރިހާ ގޮތަކުންވެސް ފުރިހަމަވެފައި ފަސޭހަ. ހަރަދުތައް ކުރުމުގައިވެސް ހަރަދުތައް ކުޑަކުރުމުގައިވެސް. މި ސީޒަނުގައި އެކަންތައްތައް ވަރަށް ބޮޑުތަން ރަނގަޅުވެެގެން ގޮސްފި." ހަނީފް ބުންޏެވެ.
މިފަދަ ބޮޑު ޝޯ އެއްގެ ފައިސާއާ ބެހޭ ހުރިހާ ހުރިހާ މަސްއޫލިއްޔައްތެއް ހަނީފް އާ ހަވާލުކޮށްފައިވާނީ ވަރަށް އިތުބާރާއި އެކީގަ އެވެ. މީގެ ކުރިންވެސް ޕީއެސްއެމުން ގެނެސްދިން ބޮޑެތި ގިނަ ޝޯތަކެއްގެ މުގުލުގައި ހަނީފް އެބަހުއްޓެވެ. މިސާލަކަށް 2015 ވަނަ އަހަރުގެ ވިޒިޓް މޯލްޑިވްސް އިޔާ ޝޯ އަދި ހެލްޕު ޕާކިސްތާން ފަދަ ޝޯތަކަކީ ހަނީފްގެ ބެލުމުގެ ދަށުން ގެެނެސްދީފައިވާ ޝޯތަކެވެ. މި ފުރުސަތު އޭނާ އަށް ލިބުނީވެސް އެފަދަ ޝޯތަކަށްފަހު ލިބުނު އިތުބާރުގެ ސަބަބުންކަން ޔަގީނެވެ. ހަނީފް އެންމެ ފަހުރުވެރިވާ އެއް ސަބަބަކަށް އެކަން ވެގެންދާނެ އެވެ. ހުރިހާ ޝުކުރެއް ޕީއެސްއެމްގެ އިސްވެރިންނަށެވެ.
ހަނީފްގެ ވާހަކަ ކުރުކޮށްލާފައި އަލީ ރިޒާ އިސްމާއީލްގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ޕީއެސްއެމްގައި ރިޒާގެ ވަޒީފާއަކީ ލީގަލް ކަންކަން ކުރުމެވެ. ރިޒާވެސް އެ ވަޒީފާގައި ހަރަކާތްތެރިވާތާ މިހާރު 10 އަހަރު ވީ އެވެ. މޯލްޑިވިއަން އައިޑޮލްގައި ވެސް މައިގަނޑު ގޮތެއްގައި ރިޒާ ކުރާ މަސައްކަތްތަކީ އެއީ އެވެ. އެގްރިމަންޓްތަކާއި ތައްޔާރު ކުރަންޖެހޭ ލިޔެކިޔުންތަކާއި އަނގަބަހުން ނިންމަން ޖެހޭ ހުރިހާ ކަންތައްތަކެއް ނިންމަނީ ރިޒާ އެވެ.
"ހަދަން ޖެހޭ ހުރިހާ އެގްރިމެންޓެއް ހެދުމާއި އެނޫނަސް ގާނޫނީ ގޮތުން ހައްލުކުރަން ޖެހޭ ބައެއް ކަންތައްތައް ހައްލުކޮށް، އެކަހަލަ މަސައްކަތްތައް އަޅުގަނޑު ކުރަނީ. ލިޔެކިޔުންތަކާއި އަނގަބަހުން ވިޔަސް އެހެން ބަޔަކާއި ޑީލްކޮށް ނިންމަން ޖެހޭ ކަންތައްތަކާއި މައްސަލައެއް ޖެހިއްޖެނަމަ އެކަން ހައްލުކުރުމާއި ގާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅެއް އެޅުމާއި އެކަހަލަ ކަންތައްތަކެއް ކުރަން ޖެހެނީ" ރިޒާ ބުންޏެވެ.
ރިޒާ މިހާރު ވަނީ ސްޕޮންސަރުންގެ ހުރިހާ އެގްރިމެންޓެއް ހަދާ ނިންމާފައެވެ. އަދި ބައިވެރިން އޮޑިޝަނުގައި ބައިވެރިވުމަށް ސޮއިކުރާ އިގުރާރާއި ކޮންމެ ރައުންޑެއްގައި ބައިވެރިންނާއެކު ހަދަންޖެހޭ އެގްރިމެންޓުތައްވެސް ރިޒާ ދަނީ ހަދަމުންނެވެ. ޝޯގެ އެންމެ ފަހުގެ އެގްރިމެންޓް ހަދައި، ޝޯގެ ބައިވެރިން މަގުމައްޗާއި އެހެން ވެސް ތަންތާގައި އުޅެންޖެހޭނެ އުސޫލާ ގަވާއިދުތައް ވެސް އެކުލަވާލަނީ ކުރިން އަތޮޅު އޮފީސް ހިންގުމުގެ ތަޖުރިބާވެސް ހުރި އަދި ޅެންވެރިކަން ވެސް ކުރާ ރިޒާ އެވެ.
ރިޒާ ވަނީ އެންމެ އޮޑިޝަނެއް ފިޔަވާ ހުރިހާ އޮޑިޝަންތަކެއްގައި ވެސް ބައިވެރިވެފަ އެވެ. ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގެ އިތުރުން ކުރަން ޖެހުނު ކޮންމެ މަސައްކަތްތެއް ވެސް ރިޒާ ވަނީ އޮޑިޝަންތަކުގައި ކޮށްފަ އެވެ. ރިޒާގެ މަސައްކަތްތަކުގައިވެސް އޭނާ ވަނީ މިދިޔަ އަހަރުގެ ތަޖުރިބާވެސް ބޭނުންކޮށްފަ އެވެ. މިދިޔަ އަހަރުގެ ސީޒަނަށްވުރެ މިއަހަރުގެ ސީޒަން އެތައް ގުނައަކަށް ފަސޭހަވެގެން ދިޔައީވެސް އެހެންވެ އެވެ.
"މިދިޔަ އަހަރު ހުރި ފުރަތަމަ ފަހަރު ވީމަ ގޮންޖެހުންތައް. ފުރަތަމަ ދާންވެސް ކަންތައްތައް ކުރާނީ ގޮސްވެސް ކިހިނެއްކަން ކަންތައްތައް ކުރަނީ. އެކަންތައްތައް ހުރީ އެހާބޮޑަށް ރޭވިފައެއް ނޫން. ގޮއްސަ ރާވަން ޖެހުނު ކަންތައްތަކެއް ހުރި. މި ސީޒަންގައި އެ ތަޖުރިބާއަށް ބަލާފައި ގިނަ ކަންތައްތަކެއް ރާވާފައި ހަމަޖެހިގެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ." ރިޒާ ބުންޏެވެ.
"އޮޑިޝަނަށް ދިޔަ ކޮންމެ ރަށަކަށްވެސް އެ ރަށަކަށް ގޮސްފަ ހާސްވެގެން ވަކި ކަމެއް ނުވެގެން އުޅޭކަށް ނުޖެހޭ. މިއަހަރު އަޅުގަނޑުމެން ރަށްރަށަށް ދިޔައީވެސް ނިންމަން ޖެހޭ އެގްރިމަންޓްތައް ތައްޔާރުކޮށް ނިންމައިގެން. އެެއްވެސް ރަށަކަށް ގޮސް ނިންމަންޖެހޭ އެގްރިމަންޓެއް ނުނިމިގެން އުނދަގޫވެގެން އުޅޭކަށް ނުޖެހޭ. އެކަމް ސީޒަން އެކެއްގައި ކުއްލިއަކަށް ހަދަން ޖެހޭ އެގްރިމަންޓްތައް ހުރި ފުދޭވަރަކަށް ގިނައިން. އޭރު އިތުރަށް ވިސްނާފައި ނެތް ގިނަ އެގްރިމަންޓްތަކެއް ހަދަން ޖެހުނު،" ރިޒާ ބުންޏެވެ.
ރަށްރަށުން އޮޑިޝަންތަކުން ލިބުނު ލިބުނު އެއްބާރުލުންތައް ރިޒާ ވަރަށް ބޮޑަށް ފާހަގަކުރި އެވެ. އަދި ސީޒަން ދެ އަކަށް ރައްތަކުގެ ރައްޔިތން ތައްޔާރުވެ އެތައް ގުނައަކަށް ހޭލުންތެރުވެފައިވާކަން ފާހަގަކުރި އެވެ.
މިދިޔަ އަހަރު ލިބުނު ތަޖުރިބާއަށް ފަހު ރިޒާ މިހާރު ހުރީ އައިޑޮލްގެ ބައިވެރިންނާއެކު ނިންމަންޖެހޭ އެގްރިމަންޓުތައްވެސް ހަދައި ތައްޔާރުވެގެންނެވެ. ކޮންމެ ބުރަކާއެކު ބައިވެރިންގެ އުޅުމަށް ގެންނަންޖެހޭ ބަދަލުތަކާއި ޒިންމާތައް ހަވާލުކުުރުމުގެ އިސް ރޯލު އަދާކުރަނީ ރިޒާ އެވެ.
ހަނޑީފް އަދި ރިޒާ ގަބޫލުކުރާ ގޮތުގައި މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ފެންވަރު ރަނގަޅު ޝޯއެވެ. އަދި ޝޯގައި ކުރެވުނު މަސައްކަތްތަކާ މެދު ދެ މީހުން ވެސް ތިބީ ވަރަށް ހިންހަމަ ޖެހިފަ އެވެ. އަދި ޝޯގައި ކުރިއަށް ވެސް މަސައްކަތްތައް ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. ރިޒާ އާއި ހަނީފުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމެވެ.