ދިވެހި ސިނަމާ

"އިލް ނޮއިސް" ޕްރިމިއާ ކޮށްފި

ދެހާސް ބާރަ ވަނަ އަހަރު އެންމެ ފުރަތަމަ "އިލް ނޮއިސް" ގެނެސް ދިނީ ތިއޭޓާ ޕްލޭ އެކެވެ. ލިބުނު ކާމިޔާބަށް ބަލާފައި ފީޗާ ފިލްމެއްގެ ގޮތުގައި އެ ފިލްމު ރޭ ވަނީ ޕްރިމިއާ ކޮށްފަ އެވެ. ދިވެހި ފިލްމު ޕްރޮޑިއުސަރުން އާންމުކޮށް އުފައްދާ ފިލްމު ތަކާއި ތަފާތުުކޮށް މުހައްމަދު މުންތަސިރު (މުންކޮ) ގެނެސްދީފައި މިވަނީ ވަރަށް ތަފާތު ފިލްމެކެވެ. އެކަނި ވިސްނާލިއަސް މިއީ ތަފާތު ފިލްމެއްކަން އެނގިގެންދެ އެވެ.

މިއީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މައިކްރޮބައިލޮޖިސްޓެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުންކޮ އެވެ. އެ ބަލި ރަނގަޅު ކުރަން އެތައް ފަރުވާއެއް ކުރާތަން ފިލްމުން ފެނިގެންދެ އެވެ. މުންކޮ އާއެކު ދެން ފެނިގެން ގޮސްފައިވަނީ އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމް އެެވެ. ފިލްމީ ތަރި އަހްމަދު ނިމާލްގެ ކުޑަ ރޯލެއް ވެސް ފެނިގެންދެ އެވެ.

ރޭ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރުމަށްފަހު އަންނަ ހަފްތާގެ ބުރަސްފަތި ދުވަހާއި ހަމައަށް ޝްވެކް ސިނަމާގައި މި ފިލްމު އަޅުވާނެ އެވެ. އިތުރު ޝޯތައް އެޅުވުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަހުމަދު މައުރޫފް ޖަމީލެވެެ. މި ފިލްމު ސިނަމާ އާ ހަމައަށް ގެނެސްދީފައިވަނީ އޮކޭޒް އާ ގުޅިގެންނެވެ.

ބޮޑުބައި އިނގިރޭސި ބަހުން ގެެނެސްދޭ މި ފިލްމު މި ފިލްމް މާލޭގައި ޕްރިމިއާ ކުރުމަށް ފަހު އަވަށްޓެރި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގައި އަޅުވަން ވަނީ ނިންމާފަ އެވެ.