ފިނިޕޭޖް

ހަނދާނުން ފުހެނުލެވޭނެ ލަވަތަކާއެކު ރޭގެ ޝޯ ހަނދާން ނައްތައެއް ނުލެވުނު

ނޯ އެލިމިނޭޝަން އަށް ފަހު މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެެެއްގެ ގަދަ ފަހެއްގެ ދެ ވަނަ ގަދަ ހިފުމެއް ރޭ ފެނިގެން ހިނގައްޖެ އެެވެ. ރޭ ބައިވެރިން ލަވަ ކިޔާފައިވަނީ ލޯބީގެ ލަވައެއް އަދި އެންމެ ހަނދާން ނައްތާނުލެވުނު އެންމެ ފޭވަރިޓް ލަވަ އެވެ. ބައިވެރިންގެ ރީތި ލަވަތަކަކާއެކު ޖަޖު މަރިޔަމް އުނޫޝާ އަދި ގެސްޓު ޖަޖުގެ ގޮތުގައި ރޭގެ ޝޯގައި ބައިވެރިވި ރިޝްވާން އައިމަންގެ ރީތި ލަވައެއް ފެނިގެން ދިޔަ އެވެ.

ރޭގެ ހުށަހެޅުމަށް ޖަޖުންދޭ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ މަދުން މާކްސް ލިބޭ ދެ ބައިވެރިން މިރޭ ޝޯ އާ ވަކިވެގެންދާނެ އެވެ. މިއީ މި ސީޒަންގެ ގަދަ ތިނެއް ކަނޑައެޅިގެންދާ ހުށަހެޅުމެވެ.

ރޭ ޝޯ ފަށައިދިނީ ލޯބީގެ ލަވަތަކުގެ ތީމަށް ހަމޫދު އަހުމަދު ހުށަހަޅައިދިން މުހައްމަދު އަބްދުލް ގަނީގެ "ހުރީމެ ފަރިކަން އެމަސްތީ ބަލަން" އިންނެވެ. ހަމޫދު ވަނީ ރަނގަޅަށްވެސް އެ ލަވައިގެ މަސްތުގައި ޖަޖުން ޖައްސާ އުފާކޮށްލާފަ އެވެ. ހުރިހާ ޖަޖުންގެ ފަރާތުންވެސް ހަމޫދަށް ލިބުނީ ޕޮޒިޓިވް ކޮމެންޓު ތަކެކެވެ.

ރޭ ދެވަނަ އަށް ލަވަ ހުށަހަޅައިދިނީ އަބްދުﷲ ހިޝާން އެވެ. ހިޝާން ހުށަހަޅައިދިނީ "ހައިރާން ވާހާ ޗާލޭ ތި ލޯ" މި ލަވަ އެވެ. ހިޝާން ގެ މި ލަވައަށްވެސް ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނު އިރު އަދިވެސް މިއަށްވުރެ ރީއްޗަށް އެ ލަވަ ހިޝާން އަށް ކިޔޭނެކަން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. "އޭ ހިތާ" ކިޔާލާ މުހައްމަދު ތަސްނީމް (ބޮބް) ވަނީ ގެސްޓު ޖަޖު ރިޝްވާން ގެ ގައިން ހީބިހި ނަގުވާލާފަ އެވެ. އަދި ބޮބްގެ އެ ހުށަހެޅުމަށް ޖަޖު އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ ސްޓޭންޑިން އެވޭޝަންވެސް ލިބިފައިވެ އެވެ.

ޝަމްވީލް މުހައްމަދު ހުށަހަޅައިދީފައިވަނީ "އިޝާރާތް ހޭ ކުރީ" މި ލަވަ އެވެ. ޕޮޒިޓިވް ކޮމެންޓު ތަކަކާއެކު ޝަމްވީލަށް ވަނީ ކުޑަ އިއްބެގެ ސްޓޭންޑީން އެވޭޝަން ލިބިފަ އެވެ. އިބްރާހިމް ވަހީދު (ބޮޑުބެ) ހުށަހަޅަދިނީ "ވީ ރީތި ނޭނގޭ ނޭނގޭ" އެވެ. ބޮޑުބެއަށް އަށްވެސް އެ ލަވައިން ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނު އިރު އެއީ ބޮޑުބެގެ އަޑާއި ވަރަށް ގުޅޭ ލަވައެއްކަން ޖަޖުން ފާހަގަކުރި އެެވެ.

ހަނދާން ނައްތާނުލެވުނު އެންމެ ފޭވަރިޓް ލަވަ ތީމަށް އެންމެ ފުރަތަމަ ރޭ ލަވަ ހުށަހަޅައިދިނީ ޝަމްވީލް އެވެ. ޝަމްވީލް ހުށަހަޅައިދިނީ "ހިތުގެ ވޭނީ އަޑޭ" މި ލަވަ އެވެ. ޝަމްވީލަށް ޕޮޒިޓިވް ކޮމެންޓުތަކެއް ޖަޖުންގެ ފަރާތުން ލިބުނު އިރު ބޮބް ހުށަހަޅައިދިން "ހީލާފައި ނުދޭ" އަށްވެސް ޖަޖުންގެ ފަރާތުން ތައުރީފާއި ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނެވެ.

ހަމޫދު އެ ތީމަށް ހުށަހަޅައިދިން "ރޯން ވީހޭ" އާ އެކު ހުރިހާ ޖަޖުން ކޮޅަށް ނެގި އެވެ. މި ލަވައަށް ޖަޖުން ތައުރީފް އޮއްސިއިރު އެލަވަ ކިޔާފައިވާ އުނޫޝާ ވަނީ އެލަވަ ކިޔަން ޖެހޭ ގޮތަށް މިހާތަނަށް ކިޔާފައިވަނީ ހަމޫދުކަމަށް ބުނެފަ އެވެ. ހިޝާން ހުށަހަޅައިދިން "ދަނީ ދަނީ" ވެސް ވަނީ ޖަޖުންނަށް ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

އެ ރައުންޑުގައި އެންމެ ތަފާތުކޮށް ލަވަ ހުށަހަޅައިދީފައިވަނީ ބޮޑުބެ އެވެ. ގިޓާއިން މިއުޒިކް ކުޅެމުން ބޮޑުބެ ހުށަހަޅައިދިނީ "ހުއްޓޭ ވަރޭ މަގޭ ހިތް" މި ލަވަ އެވެ. ބޮޑުބެގެ ލަވަވެސް ވަނީ ޖަޖުން އުފާކޮށްލާފަ އެވެ.

ރޭގެ ހުށަހެޅުންތަކަސް ޖަޖުން މާކްސް ދީފި އެވެ. މިހާރު މިއޮތީ ތިބޭފުޅުންގެ މަސައްކަތެވެ. ސަޕޯޓުކުރާ ބައިވެރިއަކަށް އަވަހަށް އެސްއެމްއެސް ކުރާށެވެ. މާދަމާ ތިނެއް ޖެހުމާ ހަމައަށް އެސްއެމްއެސް ކުރެވޭނެ އެވެ.