ބޮލީވުޑް

ކެޓްރީނާ ކައްކަން ދަސްކުރަނީ

Apr 2, 2015

ބޮލީވުޑްގެ އެންމެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރް އާއި ކެޓްރީނާ ކައިފްގެ ލޯބީގެ އެތައް ވާހަކައެއް މިވީހާ ތަނަށްވަނީ އަޑުއިވިފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މިދެތަރިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުގައި ދިރިއުޅެން ފަށާފަ އެވެ.

މުމްބާއީގެ ބަންދްރާގެ މޫދު ކައިރީ ބަންގްލޯއެއްގައި މިދެތަރިން ދިރިއުޅެން ފަށާފައިވާއިރު، ރަންބީރުވަނީ އާއިލާގެ ގެ "ކްރިޝްނަރާޖް ބަންގްލޯ"ގައި އުޅުނު އޭނާ އެންމެ ގަޔާވާ ކައްކާ މީހާވެސް އެގެއަށް ގެންގޮސްފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންބީރުއަށް އެންމެ ކަމުދަނީ އޭނާ ކައްކާ ކާއެއްޗިއްސަށް ވުމުން، ކެޓްރީނާ އާއިއެކު ދިރިއުޅުން ބަދަލު ކުރަމުން ވަނީ އޭނާގެ އާއިލާގެ ގެއިން އެ ސްޓާފް ގެނެސްފަ އެވެ.

އެހެންނަމަވެސް މިހާރު ދެކެވޭ ވާހަކަތަކަކީ ކެޓްރީނާ މި ސްޓާފްގެ ކިބައިން ކައްކަން ދަސްކުރާ ވާހަކަ އެވެ.

ކެޓްރީނާގެ މި ޝައިގުވެރިކަމުން އޭނާ ރަންބީރުއާއި ކައިވެނި ކުރަން ބޭނުންވާ މިންވަރު ހާމަވާކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ރަންބީރު އޭނާގެ ގެއިން ނިކުމެގެން ގޮސް ލޯބިވެރިޔާ ކެޓްރީނާ އާއިއެކު ދިރިއުޅެން ފެށުމުން އޭނާގެ ބައްޕަ ރިޝީ ކަޕޫރާއި ވަނީ ގުޅުން ވަރަށް ގޯސްވެފަ އެވެ.

ދާދިފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރިޝީ ބުނީ ރަންބީރު ގެއިން ނިކުމެގެން ދިޔުން ވެގެން ދިޔާއީ އޭނާއާއި އަންހެނުން ނީތޫ އަށް ލިބުނު ވަރަށް ބޮޑު ހިތާމަޔަކަށެވެ.

އެހެންކަމުން ރިޝީ އާއި ނީތޫ މިހާރު ދަނީ އެމީހުންގެ ގޭގެ އެއްބައިގައި ވަކިން ރަންބީރުއަށް ދިރިއުޅެވޭނެ ގޮތަށް ގެއެއް އިމާރާތްކުރަމުން ނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރަންބީރުއާއި އެކު އެނބުރި އޭނާގެ އާއިލާ ކައިރިއަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން ކެޓްރީނާ ރަންބީރުގެ މަންމަ ނީތޫ ރުއްސަން ކައްކަން ދަސްކުރަނީ ކަމަށެވެ.