ބޭރު ކުޅިވަރު

ބަޔާންގެ ތިއާގޯ ކޮންޓުރެކްޓް އާކޮށްފި

Apr 29, 2017

ބަޔާން މިއުނިކަށް ކުޅެމުންދާ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްސަންތަރާ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް އާކޮށްފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބާސެލޯނާ އިން ބަޔާން އަށް ބަދަލުވި ތިއާގޯ ،26، ބަޔާންއާއެކު ކުރިން ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އޮތީ ދެ އަހަރެވެ. އެކަމަކު ކޮންޓުރެކްޓް އާކުރުމުން، 2021 ވަނަ އަހަރާ ހަމައަށް ތިއާގޯ އަކީ ބަޔާންގެ ކުޅުންތެރިޔެކެވެ.

ތިއާގޯ ބުނީ އޭނާ އާއި އޭނާގެ އާއިލާ މިއުނިކްގައި ތިބީ ވަރަށް ހިތްހަަމަޖެހިގެން ކަމަށާއި ބަޔާންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ބާސެލޯނާއާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ތިއާގޯ ވަނީ ބަޔާން މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިންް 25 މެޗުގައި ކުޅެފަ އެވެ.

ޖަރުމަން ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، ބަޔާން ތާވަލްގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓެއްގެ ލީޑަކާއެކު އެވެ. ލީގުގައި މިއަދު އާރްބީ ލިޕްޒިގް ކުޅޭ މެޗުން އެ ޓީމު ބަލިވެ، ބަޔާން ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ، ބަޔާން އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. -- ބީބީސީ