ފިނިޕޭޖް

ވަކިވާން ޖެހުނަސް ބޮޑުބެ އަދި ހިޝާން އުފަލުން

މޯލްޑިވިއަން އައިޑޮލްގެ ދަތުރު ފަށައިގެން ގަދަ ތިނަކާއި ހަމައަށް މި ވަނީ ރޭ ދަތުރުކޮށްފަ އެވެ. ގަދަ ތިނަކުން ޖާގަ ނުލިބި ދަތުރާ އަލްވަދާއު ކިޔަން ޖެހުނީ އިބްރާހިމް ވަހީދު (ބޮޑުބެ) އަދި އަބްދުﷲ ހިޝާން އަށެވެ. ފިނާލޭގައި ވާދަކުރާނެ ބައިވެރިން މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

މި ދެ ބައިވެރިންނަށް އައިޑޮލްގެ ދަތުރު ކުރުކޮށްލާފައި ވަކިވާން ޖެހުނީ ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ މަދުން މާކްސް ލިބުމުންނެވެ. ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދުމަށްފަހު ގިނަ ބައެއްގެ ޕްލޭ ލިސްޓުގައިވެސް މިހާރު އެންމެ ގިނައިން ހިމެނޭ ލަވަތަކަކީ ހިޝާން އަދި ބޮޑުބެގެ ލަވަތައް ކަން ޔަގީނެވެ.

އައިޑޮލްގެ ދަތުރު ނިންމާލަން ޖެހުނު ނަމަވެސް މިޔުޒިކީ ދާއިރާގައި ބޮޑުބެ އަދި ހިޝާންގެ އޮޑި އަދި ދަތުރުކުރަން ފެށީ އެވެ. އެ އޮޑި ފަރަކަށް ނާރުވާ ގެންދެވުނު އެންމެ ކުރިއަކަށް ގެންދިޔުމަށް ދެ ބައިވެރިން ވެސް ވަނީ ހިތުގައި އަޒުމު ކަނޑައަޅާފަ އެވެ.

"އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންނަށް ބުނެލަން ބޭނުމީ ބަލާށޭ މިއީ އަޅުގަނޑުގެ ފެށުން ކަމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ސަޅި، މިއަށްވުރެ ފައްކާ އެއްޗެހި ތަކެއް ނެރެދޭނަން،" ރޭގެ އެލިމިނޭޝަން ޝޯއަށްފަހު އަވަސް އަށް ދިން އިންޓަވިއުއެއްގައި ބޮޑުބެ ބުންޏެވެ.

ބޮޑުބެގެ އުންމީދަކީ ގަދަ ތިނަކުން ޖާގަ ހޯދުން ކަމަށްވިޔަސް ގަދަ ފަހަކާއި ހިސާބުން ޝޯ އާ ވަކިވުމަކީ ބޮޑުބެ އެއްވެސް ވަރަކަށް ދެރަވާ ކަމެއް ނޫނެވެ. އެއީ މުބާރާތުގައި ބައިވެރިވިއިރު އުންމީދަކީ ޓޮޕް 16 އިން ޖާގައެއް ހޯދުން ކަމަށްވާތީ އެވެ. އެ އުންމީދު ހާސިލްވި އެވެ. ބޮޑުބެ ވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައިވެސް ބައިވެރިވެފަ އެވެ. ނަމަވެސް ޓެލެންޓް ރައުންޑުން ޝޯ އާ ވަކިވާން ޖެހުމުން މި ސީޒަނުގައި ގަދަ ފަހަކާއި ހަމައަށް އާދެވުމުން ބޮޑުބެ އުފާކުރެ އެވެ.

"އައިޑޮލް ޖާނީގައި ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. ވޯކަލީވެސް ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ،" ބޮޑުބެ ބުންޏެވެ.

ހިޝާންވެސް ބުނީ ގަދަ ފަހަކާއި ހަމައިން ޝޯ އާ ވަކިވާން ޖެހުމަކީ އެއްވެސް ވަރަކަށް ދެރަވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މޯލްޑިވިއަން އައިޑޮލް ފަދަ ޝޯ އަކުން މިއުޒިކީ ކެރިއާ ފަށަން ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ކަމަށެވެ.

"ޓޮޕް ފައިވް އަށް އާދެވުމަކީ ލައިފްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް އެޗީވްމަންޓް. ހިޝާން ވަރަށް ހެޕީ ހަމަ." ހިޝާން ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުމުން ހިޝާންގެ އެންމެ ބޮޑު އުންމީދަކީ ގަދަ ފަހަކުން ޖާގަ ހޯދުމެވެ. އެ އަޒުމާ ހަމައަށް އޭނަ ވާސިލުވެސް ވެއްޖެ އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަަހަށް އަމިއްލަ ލަވަތަކެއް އިވިގެން ދާނެ."

"މި އައިޑޮލް ޖާނީ އަކީ ވަރަށް ތަފާތު ޖާނީ އެއް. މިހާރު މިއޮތީ މުޅި ލައިފް އެއްކޮށް ބަދަލުވެފައި. ހުރިހާ ގޮތަކުން ވިޔަސް" ހިޝާން ބުންޏެވެ.

ބޮޑުބެ އަދި ހިޝާންވެސް އައިޑޮލްގެ ދަތުރާ ބެހޭގޮތުން ފާހަަގަކޮށްފައިވާ އެއް ކަމެއް އެބަ އޮތެވެ. އެއީ މި ދަތުރުގެ ސަބަބުން އުޅުމަށާއި އަހުލާގަށް ގެނުވި ހެޔޮ އަސަރުތަކެވެ. އެތައް ކަންތައްތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރި އެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ ގަދަ ތިނަކުން ޖާގަ ކަށަވަރުކޮށްފައިވަނީ ހަމޫދު އަހްމަދު، މުހައްމަދު ތަސްނީމް އަދި ޝަމްވީލް މުހައްމަދު އެވެ.