ވާހަކަ

މުޅިޖާންހިތާ

(27 އޭޕްރީލް 2017 އާ ގުޅޭ)

ހިތެއް އޮތް މީހަކުވެއްޖެއްޔާ އައިރާއަށް ކޮށްފައިވާ އަސަރުފެނި އެ އިން ކޮންމެ ހިތެއް މިއަދު ކަރުނައަޅާނެކަން ޔަގީނެވެ. އައިރާގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާގެ ބޮލުގައި ފިރުމާލާފައި ޝިމްލާއާއި ސަލްމާގެ އެހީގައި އައިރާ ގޮވައިގެން ނިޔާނާ ދުރަށް ހިނގައިގަތެވެ. ވަދާޢުގެ ސަލާމް އެންމެން ކުރިނަމަވެސް އައިރާގެ ޟަމީރު އެކަމަށް އެއްބަހެއްނުވިއެވެ.

ނިޔާނުގެ މައްޗަށް ކަށުނަމާދު ކުރުމަށްފަހު ވަޅުލުމަށް ސަހަރާގެ ތެރެއަށް ސަންދޯއްގެންދާތަން ފެނުމާއެކު އައިރާއަށް އޭނާގެ ދެއަތް ގެނެސް އަނގަމަތީ ޖައްސާލެވުނީއެވެ. ކަރުނުން ފުރިފައިވާ ދެ ލޮލުން ފިރިމާހާގެ ސަންދޯކަށް ބަލަމުންދިޔައި އިރު އޭނާ ބޭނުންނުވިޔަސް ނިޔާނާ ތާއަބަދަށް ވަކިވަނީކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ. އިހުނަށްވުރެ ބޮޑަށް އެހިތް ރޯލިއެވެ. އައިރާގެ ވަށައިގެންވީ ދުނިޔެ ފުނޑުފުނޑުވެގެން ދިޔަ ކަހަލައެވެ. އެއްވެސް އިޚްތިޔާރެއްނެތި ގާތުގައި ހުރި ޝިމްލާގެ ގައިގާ އޮޅުލައިގަތުމާއެކު ބާރަށް ރޮވިއްޖެއެވެ. ގިސްގެ އަޑާއެކު ޝިމްލާގެ ގާތުގައި އައިރާއަށް ޝަކުވާކޮށްލެވުނެވެ.

"ކީއްވެ ނިޔާނު އެ ގެންދަނީ... އަހަރެން ވެސް ނިޔާނާއެކު ދާން ބޭނުން... ދައްތާ! އަހަރެން ގެންދޭ ނިޔާނުގެ ގާތަށް"

"ދަރިފުޅާ! މީ ކޮންމެ އިންސާނަކު ވެސް ކުރިމަތިލާންޖެހޭނެ ދުވަހެއް... ނިޔާނުގެ މައްޗަށް އަހަރުމެންނަށް ދެން އޮތީ ހެޔޮ ދުޢާ ކުރުން... ދަރިފުޅު ތިހެން އުޅުނީމަ ނިޔާނަށް ހަމަޖެހުމެއް ނުލިބޭނެ... އެކަކު ވެސް ހިޔެއްނުކުރޭ އެކުއްޖާ އެހާ ކުއްލި ގޮތަކަށް އަހަރުމެންނާ ވަކިވެގެން ހިނގައިދާނެއޭ... ކެތްތެރިވޭ އައިރާ!" އައިރާގެ ބުރަކަށީގައި ފިރުމަމުން ޝިމްލާ ވާހަކަދެއްކިއެވެ. އޭރު އެ ތަނުގައި ހުރި ރުބީނާ ވެސް ސަލްމާގެ ގައިގާ ބައްދާލައިގެން ހުރެ ރޮނީއެވެ. ވަށައިގެންވި މީހުންގެ ލޯތައް ފެންކަޅިވެފައި ވާއިރު އެމީހުން ރުބީނާއާއި އައިރާއަށް ބަލަމުން ދިޔައީ ހަމްދަރުދީގެ ބެލުންތަކުންނެވެ. މިވަގުތަކީ އެކަކަށް އެއްކަމެއް ވެސް ކޮށްދެވޭނެ ވަގުތެއްނޫންކަން ދެނެތިބެއެވެ. އުމުރުން ދުވަސްވެފައި ތިބި ދެތިން މީހަކު ރުބީނާގެ ގާތުގައި ހުއްޓި ހިތްވަރުގެ ބަހެއް ބުނެލާ ހަދައެވެ. ޒުވާން ދަރިފުޅު ވަކިވެގެން ދާއިރު މައެއްގެ ހިތުގައި އަޅާނޭ ވޭން އެމީހުންނަށް އިހުސާސް ނުކުރެވުނު ނަމަވެސް އެ ހިތާމައިގައި ބައިވެރިވިއެވެ.

ނިޔާނު ވަޅުލާފައި ފިރިހެނުންތައް ސަހަރާއިން ނުކުންނަން އަންނަން ފެށިއެވެ. ޢާއިލާގެ ގާތުގައި މަޑުކުރާތަން ފެންނަނީ ގާތް މީހުންނެވެ. އަމީރު ފެނުމާއެކު އައިރާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. އަމީރުގެ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އެކުއްޖާ އަރިއަޅާލިއެވެ. އައިރާގެ ގައިގާ ހިފެހެއްޓީ އެތަނުން ނުކުންނަން އައި ޒުވާނެކެވެ. ޝިމްލާ އަވަހަށް އައިރާއާ ގާތްވެލިއިރު ދުރުގައި ހުރި އަމީރު ހަލުވި ފިޔަވަޅުގައި ޅީދަރިފުޅުގެ ގާތަށް އަތުވެއްޖެއެވެ. ޒުވާނާގެ އަތުގެތެރެއިން އައިރާ ނެގީ އަމީރެވެ.

"މިއޮއްފަދަ ވަގުތު ވެސް މީނާއަށް ސަމާލުކަން ނުހޯދިގެން އުޅޭހެން ހީވަނީ" ރޮވިފައި ހުރި ރުބީނާ އޭނާގެ ގައިގާ ހިފަހައްޓާލައިގެން ހުރި ސަލްމާއާއި ހިދާއަށް އަޑުއިވޭވަރަށް ބުނެލިއެވެ. އެހިނދު އެއްވެސް އެއްޗެއް ނުބުނުމަށް ސަލްމާ ބޮލުން އިޝާރާތްކޮށްލިއެވެ.

އައިރާގެ ދެލޯ ހުޅުވުނު އިރު އޭނާއަށް އޮވެވުނީ ނިޔާނުގެ ކޮޓަރީގައެވެ. ކައިރީގައި ދެ މީހަކު ވާހަކަދައްކާ އަޑުއިވެއެވެ. އެހެންވިޔަސް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. އަރިއަކަށް އެނބުރިލުމާއެކު އެނދުގައި ނިޔާނު އޮންނަ ފަޅިއަށް އައިރާ ބަލާލިއެވެ. އަބަދަށް ނިޔާނާ ވަކިވީކަން ހިތަށް އެރުމާއެކު ނިޔާނު ބޯއަޅާ ބާލީސް ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"އައިރާ!..." ޝިމްލާގެ އަޑު ދާދި ގާތުން އިވުނެވެ. ހަމައެއާއެކު އައިރާގެ ގާތުގައި ޝިމްލާ އިށީނދެ އައިރާގެ ކޮނޑުގައި ފިރުމާލިއެވެ.

"އަން! ޖޫސްފޮދެއް ބޯލަބަލަ... އެހެންނޫނީ އަނެއްކާ ވެސް ބޮލަށް އެނބުރުން އަރާފާނެ... އައިރާ ތި އިނީ ހިތާމަކުރާ ފަދަ ހާލަތެއްގައެއްނޫން... މީ ނިޔާނުއަށް ޓަކައި ހިތްވަރުކުރަންވީ ވަގުތު... ބަނޑުގައިވާ ނިޔާނުގެ ދަރިފުޅަށް ޓަކައި"

"އެ ދަރިފުޅު ދުށުމަށް ނިޔާނެއް ނުހުންނާނެ" ތުންފިއްތާލަމުން ބާލީހުގައި އައިރާ މޫނުފޮރުވާލިއެވެ.

"އެހެންނުބުނޭ... ނިޔާނު ހަވާލުކޮށްފައިވާ އަމާނާތެއް ތި ދަރިފުޅަކީ" އަމީރު އައިސް އައިރާގެ ބޮލުގައި ފިރުމާލިއެވެ.

އަމީރާއި ޝިމްލާގެ ވާހަކަ އެވަގުތު އެ ކޮޓަރި ކައިރިން ހުރަސް ކަނޑާލި މައުރީނަށް އިވުނެވެ. އޭނާއަށް ހުއްޓުން އެރީ އެހެންވެއެވެ. ނިޔާނަށް ކުއްޖަކު ލިބެން އުޅެނީކަން އަމީރާއި ޝިމްލާގެ ވާހަކައިން މައުރީނަށް ޔަގީންވިއެވެ. އަވަހަށް ގޮސް ރުބީނާގެ ގާތުގައި އެ ވާހަކަ ބުނަން މައުރީން ހިތަށް އެރިއެވެ. އޭނާދެކެ އެހާ ލޯބިވާ "ދޮންބެ"އަށް ކުއްޖަކު ލިބުމަކީ ލިބުނު ފުން ހިތާމައިން އަރައިގަންނަން ލިބޭ ހިތްވަރެކެވެ. އެހެންނަމަވެސް ރުބީނާއަށް ލިބިފައިވާ ހިތްދަތިކަން ފެނި މައުރީން އެ ޚަބަރު ދިނުން ފަސްކުރިއެވެ. އަދި މަޑުމަޑުން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ދެފައި ގެނެސް ގަޔާ ކައިރިކޮށްލައިގެން އިންއިރު މައުރީނަށް ވެސް ރޮވެނީއެވެ.

"ރޫބީ... ދެން ނުރޮއެ..." ރުބީނާގެ ކޮނޑުގައި ފިރުމާލަމުން ހިދާ ބުންޏެވެ.

"މީ އޭނާގެ ނުބައިކަން... އަހަރެންގެ ދަރިފުޅު މިއަދު ދިރިހުރީސް އޭނާއާ ކައިވެނިނުކުރިނަމަ... މިހާރު އޭނާ ބޭނުންކަންތައް އެވީނު... އަހަރެންގެ ދަރިފުޅު ރޮލާ ކާލައިގެން އެ އިނީ" ރޮމުން ރޮމުން ރުބީނާ ބުންޏެވެ.

"މިވަގުތު ތިކަހަލަ އެއްޗެހި ކިޔުން ރަނގަޅެއް ނުވާނެ ރޫބީ... އޭނާގެ ފިރިމީހާއެއްނު އެގެއްލުނީ..."

"ސަލްއަކަށް ނޭނގޭނެ... އަހަރެން ރެއާދުވާލު ނިޔާނާ މެދު ވިސްނަމުންދިޔައީ އެ ނުލަފާ އަންހެނާގެ ދަށުވެ އަހަރެންގެ ދަރިފުޅު ހަނާވެދާނެ ބިރާއެކު... މިއަދު އެ ދަރިފުޅަށް އެ ޖެހުނީ ކޮންފަދަ ހާލެއް... ނުބައި ޝައިޠާނެއް އެއީ... އަހަރެން ކުރާ އެއްވެސް ކަމަކުން އޭނާއަށް އަސަރެއް ނުކުރޭ... ހުރިހާ ދެރައެއް މަށަށް"

"އަމީރު ގޭގައި އުޅެނިކޮށް ތިކަހަލަ އެއްޗެހި މިވަގުތު ނުކިޔާ... އެއީ ނިޔާނުގެ ބައްޕަ. އޭނާ ރޫބީގެ ހާލަށްވުރެ އެ އަންހެނާގެ ހާލާމެދު ކަންބޮޑުވޭ... އެ ދެމަފިރިން އެކުއްޖާއާގަނޑާ ހެދި އުޅޭވަރު ނުފެނޭތަ؟ މަ ހަމަ އަޖައިބުވޭ... ނިޔާނު މަރާލާފައި އަދި އެންމެ ދެރަވެގެން ވެސް އުޅެނީ އޭނާ... ގޮތްދައްކަން އެވަރުފުކެއް ބޮޑެއްނު... މިހާރު ދެން އެއީ މިގޭ މީހުންނާ އެއްވެސް ގުޅުމެއް އޮތް އަންހެނެއް ނޫން... އަވަހަށް ގެއިން ނެރިލުން އެންމެ ރަނގަޅުވާނީ" ހިދާ އިނދެފައި މަޑުމަޑުން ބުންޏެވެ.

"ނޫން! ނޫން! އެހެން ހަދައިގެން ނުވާނެ... ދެންމެއޭ މިއައީ ނިޔާނު ވަޅުލާފައި... އިހަށް މަޑުކޮށްބަލަ... ކަމެއްނުވެގެން އުޅޭކަށް އަދި ނުވައެއްނު... ރޫބީ! ހެޔޮނުވާނެ... އިހަށް ދުވަސްކޮޅަކަށް ތި ރުޅި ހިފަހައްޓާ... ނިޔާނުގެ މަރަށް ދުވަސްކޮޅެއް ވާންދެން މަޑުކުރޭ" ހިދާގެ ވާހަކައާ ސަލްމާ ދެކޮޅުވެ ރުބީނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ސަލްމާ އޭނާގެ އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

ދަންވަރު ދޭއް ޖެހިއިރު ވެސް ޝަބްނަމްވާދީގޭގެ އުތުރުބައިގެ އަމީރުގެ އެޕާޓްމެންޓާއި ރުބީނާ ހުންނަ އެޕާޓްމެންޓުގެ ތެރޭގައި އެކަކު ވެސް ނުނިދައެވެ. އަމީރު އިނީ ގޭކައިރީ ހުރި މިސްކިތުގައެވެ. ޤުރުއާން ކިޔަވާށެވެ. ޝިމްލާ އިނީ ލޮލަށް ނިދި ނާންނާތީ އެނދުގައި އިށީނދެލައިގެންނެވެ. އޭރު އޭނާގެ ދަރިފުޅު ގާތުގައި ނިދާފައި އޮތެވެ. އޭނާގެ ސިކުނޑީގައި ހިނގަނީ އައިރާގެ ޚިޔާލުތަކެވެ. އެހިތް އެންމެބޮޑަށް ރޮނީ އެކުއްޖާއާ މެދު ވިސްނާފައެވެ.

ރުބީނާ އެނދުގައި އެއްފަރާތަށް ފުރޮޅިލާފައި އަނެއްފަރާތަށް ފުރޮޅިލާފައި އުޅެއެވެ. އެ ދެލޮލުން ކަރުނަ ހިކިފައި ވިޔަސް ނިޔާނުގެ ޚިޔާލުތަކާ ވަތްކެއް ނުވެވުނެވެ. ދަރިފުޅުގެ އެކިއެކި ހަނދާންތައް އޭނާގެ ދެލޮލާ ނިދި ވަކިކޮށްފައިވެއެވެ. އެގޭގެ ދެން ހުރި ކޮޓަރިތަކުގައި ތިބި މީހުން ވެސް ނުނިދައެވެ. މައުރީން އޮށޯވެލައިގެން އޮތް އިރު ލެޕްޓޮޕްގައި ހުރި އެކި ފަހަރު މަތިން ނަގާފައިވާ ނިޔާނުގެ ފޮޓޯތަކަށް ބަލަމުންދިޔައެވެ. ދޭތެރެއަކުން ދެ ލޯ ފުހެލައެވެ.

ހުޅުވާފައި ހުރި އަލަމާރިއަށް ބަލަހައްޓައިގެން އައިރާ ހުއްޓެވެ. ނިޔާނުގެ ހެދުންތަކުގައި ފިރުމަމުން އައިރާ ދިޔައެވެ. ހެނދުން އަޅުވަން ތައްޔާރުކޮށްފައި ހުރި ބައިގެ ތެރޭ އައިރާ ވަދެ އިށީނެވެ. ނިޔާނުގެ ހެނދުންތައް ގެނެސް ދެއަތުގެ ތެރޭ ބޮނޑިކޮށްލައިގެން އިނދެއެވެ. އެތަނުން ބައެއް ޓީޝާޓާ ގަމީހުގައި ނިޔާނުގެ ވަސް ހަރުލާފައި ހުއްޓެވެ.

"އައި ވޯންޓް ފޮގިވް ޔޫ..." ގިސްލަމުންދިޔަ އައިރާ ތަކުރާރުކޮށް ބުނަމުންދިޔައެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ކެތްނުވާ ހިސާބަށް ދިއުމުން ނިޔާނުގެ އަންނައުތަކުގެ ތެރޭ މޫނު ފޮރުވާލުމާއެކު ހަޅޭލަވައިގަތެވެ. އެހެންނަމަވެސް އެ އަޑު ހިނދިގެންދިޔައީއެވެ. މީހެއްގެ ކަންފަތަށް އިވުމުގެ ކުރީންނެވެ.

* * * *

ހެނދުނުގެ ސައިތައްޔާރުކޮށްގެން ޝިމްލާއާއި އަމީރު އައިސް ރުބީނާގެ ބަޔަށް ވަނެވެ. އަމީރު އައިސް ފުރަތަމަ ވެސް ގޮވީ ރުބީނާއަށެވެ. އޭނާގެ ހާލު ބެލުމަށްފަހު ސައި ގެނެސްފައި ހުރިކަން ރުބީނާގެ ގާތުގައި އަމީރު ބުންޏެވެ. ދެން އޭނާ އައީ މައުރީންގެ ކޮޓަރިއަށެވެ. ދޮރުގައި ޓަކި ޖަހާލުމުން ވެސް ޚަބަރެއް ނުވުމުން މަޑުމަޑުން ދަރިފުޅުގެ ކޮޓަރި އަމީރު ހުޅުވާލިއެވެ. އޭރު ލެޕްޓޮޕު ހިފައިގެން މައުރީނަށް ނިދިފައި އޮތްތަން ފެނުނެވެ. އެތެރެއަށް ވަދެ ލެޕްޓޮޕް ނިއްވާލުމަށް އުޅުނު ވަގުތު ނިވިފައި ހުރި އިސްކުރީނު ދިއްލި ނިޔާނާއި މައުރީން ކޮންމެވެސް ސަކަރާތެއްގައި އުޅެމުން ނަގާފައިވާ ފޮޓޯ އަމީރަށް ފެނުނެވެ. އެއާއެކު މައުރީން ވެސް ރޭ ހަތަރުދަމު ނިޔާނާ މެދުކަން ވިސްނީ އެނގުނެވެ. ދެރަވެފައި ހުރި މަޑުމަޑުން ލެޕްޓޮޕް ލައްޕާލާފައި އެނދުގެ އަރިމަތީ ކަބަޑުގައި ލެޕްޓޮޕް ބައްވާލިއެވެ. އަދި މައުރީންގެ ގައިމަތީ ރަޖާގަނޑު އަޅާލަ ދިނުމަށް ފަހު އެ ކޮޓަރިން އޭނާ ނުކުތެވެ.

"އަމީރު... އާދެބަލަ..." މައުރީންގެ ކޮޓަރިން ނުކުން ވަގުތު ވައިއަޑުން ޝިމްލާ ގޮވާލާފައި ބުންޏެވެ. ޝިމްލާއާއެކު އަމީރު ހަލުވިކޮށް އައިސް ވަނީ އައިރާގެ ކޮޓަރިއަށެވެ.

"ނުފެނިގެން ހޯދަނިކޮށް ފެނުނީ އަލަމާރި ތެރެއިން" ފެންކަޅިވެފައި ހުރެ އަލަމާރިތެރެއަށް ބަލަމުން ޝިމްލާ ބުންޏެވެ.

"ނިޔާނުގެ ހިމާޔަތުގައި އޭނާ އެ އިނީ... ނިދިޖެހިފައި އިންއިރު ވެސް އެ ދެލޮލުގައިވާ ތެތްކަން ނުފިލާ... އަހަރެންގެ ދަރިފުޅު އެކުއްޖާއާއެކު ވާކަމުގެ އިހުސާސް އެ ތުންފަތުން ދޭތެރެއަކުން ހިނިތުންވުން ފާޅުއެވަނީ... ބިރުގަނޭ ހޭލާއިރަށް އެ ރީތި ހުވަފެން ވިއްސިވިހާލިވާނެކަން އެނގޭތީ... އެކަމަކު ހަޤީޤަތާ ކުރިމަތިލާން ވެސް އެބަޖެހޭ"

"އިރުކޮޅަކު އައިރާއަށް އުނދަގޫ ނުކޮށް ބައިންދަން ފެންނަނީ... ނޭނގެ ދެންމެ ނޫންކަމެއް ލޮލުފިޔަ އެޖެހުނީ"

"އަހަރެން މިތާ މަޑުކުރާނަން. ޝިމްލާ ދޭ ކުޑަމަންޖެ ކައިރިއަށް" އަމީރު ބުނެލިއެވެ.

ޝިމްލާ ދިޔަތާ ބައިގަޑިއިރެއްހާ ފަހުން އައިރާއަށް ބަލަން އިން އަމީރު ސިހުނީ ކޮޓަރިތެރެއިން ފޯނެއް ރިންގުވާންފެށި އަޑަށެވެ. އެނދުގައި އިނދެފައި ފުންމައިގެން ތެދުވި ގޮތަށް ފޯނު ހޯދަން އަމީރު އުޅުނެވެ. އެނދުގެ ރަޖާގަނޑު ދަށުވެފައި އޮތް ފޯނު ނަގާ އަވަހަށް ރިންގު ކަނޑާލުމަށްފަހު އިސްކުރީނަށް އަމީރު ބަލާލިއެވެ.

"ލިޒީ..." ފޯނުގައިވާ ނަން އަމީރު ކިޔާލިއެވެ. އޭނާ އައިރާގެ ފޯނަށް ޖަވާބެއް ނުނިދިނެވެ. އެހެން އިންދާ ދެފަހަރެއްގެ މަތިން ކޯލު އައިސްފައި ކެނޑިއްޖެއެވެ. ދެން އައީ މެސެޖެކެވެ. ޖުވައިން ކިޔާ މީހަކު ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދީފިކަމުގައި މެސެޖުގައި އޮތެވެ. އަދި ވީ އެންމެ އަވަހަކަށް އޭނާއަށް ގުޅުމަށް ބުންޏެވެ. އައިރާގެ ގާތް މީހަކު ހުރިކަން އަމީރަށް އެނގުނީ ފުރަތަމަ ފަހަރަށެވެ. އަވަހަށް އެ ނަންބަރަށް އައިރާގެ ފޯނުން ގުޅިއެވެ.

"ހެލޯ! މީ ނިޔާނު ބައްޕަ..." ލިޒީ ފޯނު ނެގުމާއެކު އަމީރު ބުންޏެވެ. އަދި އައިރާގެ ހާލު ލިޒީއަށް އޮޅުން ފިލުވައިދިނެވެ. ލިޒީ މާލެ އަންނަން ހުރިހާ ކަމެއް ހަމަޖައްސަނީ ކަމުގައި އަމީރުގެ ގާތުގައި ބުންޏެވެ. އެއާއެކު އަމީރު ވެސް ލިޒީއަށް ލަފާ ދިނީ އެއީ ވަރަށް ރަނގަޅު ގޮތެއްކަމުގައެވެ. އައިރާއަށް އޭނާގެ ގާތްމީހުން ގާތުގައި ތިބުން މިވަގުތު ވަރަށް މުހިންމުކަމަށްވީމައެވެ. ނިޔާނަށް ވީގޮތުގެ ތަފްޞީލު ލިޒީއަށް އަމީރު ކިޔައިދިނެވެ. ލާންޗުގެ ބުރަފަތި ދަށުނުވިނަމަ އެ ދަރިފުޅުގެ ފުރާނަ ސަލާމަތްވީސްކަމުގައި އަމީރު ބުންޏެވެ. އެހެންވިޔަސް ނަމަޔަކުން ދެން ނިޔާނު އެނބުރި ނާންނާނޭކަން އެނގެއެވެ. އައިރާ ބަލިވެ އިންކަމުގެ ޚަބަރު ލިޒީއަށް ދިނީ ވެސް އަމީރުއެވެ. އައިރާއާ މެދު އިންތިހާއަށް އަމީރު ކަންބޮޑުވެފައިވާވަރު ލިޒީއަށް ފޯނުން ވެސް އެނގުނެވެ. މީގެ ކުރިން ނިޔާނުގެ ބައްޕައަކީ ކާކުކަން ނޭނގުނަސް އައިރާގެ ފަރާތުން އެއީ ރަނގަޅު އިންސާނެއްކަމުގައި އޮތީ އެނގިފައެވެ. މިއަދު އޭނާއާ ވާހަކަދައްކާލެވުމުން ކުރިމަތިން ފެންނަން ނެތްކަމުގައި ވިޔަސް އެއީ އައިރާ ބުނިފަދަ ހުލްގުހެޔޮ މީހެއްކަން ލިޒީއަށް ވެސް ޔަގީންވިއެވެ.

"ބައްޕާ!..." އައިރާގެ އަޑު އިވުމާއެކު ފޯނުގައި އިން އަމީރު އަވަހަށް ބަލާލިއެވެ. އޭރު އޭނާއާ ދިމާއަށް ބަލަން އައިރާ ހުއްޓެވެ.

"މިއޮތީ ދަރިފުޅުގެ ރައްޓެހި ކުއްޖަކު ގުޅާފައި" އަމީރު އަވަހަށް ފޯނު ދިއްކޮށްލިއެވެ.

"ލި... ލިޒީތަ؟ ލިޒީތަ ގުޅީ..." ކުއްލިއަކަށް އައިރާގެ ޠަބީޢަތް އަނެއްކާ ވެސް އިތުރަށް ގޯސްވި ކަހަލައެވެ. (ނުނިމޭ)