އެމްޓީސީސީ

އެމްޓީސީސީގެ އާ ބަސްތަކާއި ފެރީތައް ދައްކާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަަލަށް ތައާރަފް ކުރާ ބަސްތަކާއި ފެރީތަށް މިރޭ ހުޅުމާލޭގައި ދައްކާލައިފި އެވެ.

އެމްޓީސީސީން "ފަހި ދިރިއުޅުމަކަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް" ގެ ނަމުގައި މިރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ނިޔާޒު ވިދާޅުވީ މިއީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ތައާރަފް ކުރި ޓްރާސްޕޯޓްގެ އާ ހިދުމަތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާލެ-ހުޅުމާލެ ބްރިޖުން ދަތުރު ކުރުމަށްޓަކައި ޓްރާންސްޕޯޓްގެ ހިދުމަތްތައް ތައާރަފް ކުރާ ކަމަށެވެ.

މިރޭ ދައްކާލީ ދެ ފެރީ އާއި ތިން ވެހިކަލުގެ އިތުރުން މެޓްރޯ ފްލީޓަށް އަލަށް ގެނައި ދެ ބަހެވެ.

ނިޔާޒު ވިދާޅުވީ މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލް ތަކުގައި ކުރިއަށް އޮތްތާންގައި އިލެކްޓްރޯނިކް ޓިކެޓިން ސިސްޓަމެއް ގާއިމް ކުރަން ރާވަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށް ބަހުގެ ނިޒާމެއް ގާއިމްކޮށް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީން ފޯރުކޮށްދޭ 30 މިނެޓްގެ ފެރީގެ ހިދުމަތުގެ ބަދަލުގައި 15 މިނެޓަށް މިއަހަރު ނިމުމުގެ ކުރިން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޮންލައިންކޮށް ދަތުރު ފަތުރުގެ ރާވާލެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އެމްޓީސީސީގެ ފަރާތުން ރާއްޖޭގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ހެޔޮ އަގެއްގައި ހިދުމަތްތައް ބޭނުންކުރެވޭނެ ނިޒާމެއް ގާއިން ކޮށްދޭނަން"