އެވަޓަންގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ ކުރީގައި، ޗެލްސީއިން ހަތް ޕޮއިންޓްގެ ލީޑް ނަގާފައި ވަނިކޮށް އުތުރު ލަންޑަންގެ ޑާބީގައި، އާސެނަލްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޗެލްސީގެ ފަހަތުގައި ޓޮޓެންހަމް ހޮސްޕާ ވެސް ވިއްދައިފި އެވެ.
ޓޮޓެންހަމް، މެޗަކީ ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހުން، އެޓީމަށް އާސެނަލް އަތުން ލިބުނު ފުރަތަމަ މޮޅެވެ. މިރޭގެ މެޗުގައި، އާސެނަލް އަށް ވުރެ ގިނައިން، ލަނޑު ޖަހާނެ ފުރުސަތު ތައް ތަނަވަސް ކުރީވެސް ޓޮޓެންހަމް އެވެ. އެޓީމަށް ވަނީ ފުރަތަމަ ހާފުގައިވެސް ތިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފަ އެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 55 ވަނަ މިނެޓްގައި ޑެލީ އަލީ އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ހެރީ ކޭން އެވެ.
އޭގެ ފަހުން ވެސް ޓޮޓެންހަމް އަށް ވަނީ ޕެނަލްޓީ އެއް ލިބެން ޖެހޭނެ ހާލަތެއް ކުރިމަތި ވެފަ އެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސިސް ސަންޗޭޒް އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ޕެނަލްޓީ އެއް ދީފައެއް ނުވެ އެވެ.
ރަށުން ބޭރުގައި އެވަޓާންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު، މެޗުގެ 66 ވަނަ މިނެޓްގައި، މަޓިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޕެޑްރޯ އެވެ.
ދެ ވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގެރީ ކޭހިލް އެވެ. ތިން ވަނަ ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވިލިއަން އެވެ. އޭނާ ލަނޑު ޖެހީ، ސެސް ފެބްރިގާސް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.
މެންޗެސްޓާގެ ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓަޑާއި، މެންޗެސްޓާ ސިޓީ، ރެލިގޭޝަން ޒޯންގައިވާ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުނީ އެއް ވަރު ވެގެން ނެވެ. ސްވަންސީ ސިޓީއާ ދެކޮޅަށް ޔުނައިޓަޑް ކުޅުނު މެޗު ނިމުނީ 1-1 ން އެެއް ވަރު ވެގެން ނެވެ. މިޑްލްސްބަރާއާ ދެކޮޅަށް ސިޓީ ކުޅުނު މެޗު ނިމުނީ 2-2 ން އެއް ވަރުވެގެން ނެވެ.