ވިޔަފާރި

އެމްޓީސީސީން ހިއްސާއަކަށް 24ރ. ބަހަނީ

May 1, 2017
  • ހިއްސާއަކަށް 24ރ. ބަހާނެ
  • ކުރީ އަހަރު ބަހާފައިވަނީ 32ރ.
  • އޭޖީއެމް މިމަހުގެ 15 ގައި

އެމްޓީސީސީން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 24ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 115.3 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. ނަމަވެސް 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 156.3 މިލިއަން ރުފިޔާ އެވެ. އަދި 2015 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ 32ރ. އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 288 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާއަކީ 162.2 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއިން ހިއްސާއަކަށް ޑިރެކްޓަރުގެ ބޯޑުން ބަހަން ނިންމާފައިވާ 24ރ. ފައިނަލްވާނީ ދެން ބާއްވާ އަހަރީ އާއްމު ޖަލްސާއިންނެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގަ އެވެ.