ފިނިޕޭޖް

ލަވަކިޔަން ލަދުން އުޅުނު ޖައިޝާ މިޔުޒިކީ ދުނިޔޭގައި ފިޔަޖަހަން ފައްކާވެފައި

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނެއް ފެށިގެން އައި އިރު ހިތްގައިމު އަޑުގެ އަވާގައި ގިނަ ބަޔަކު ޖެއްސި އެވެ. އެންމެ ވަރުގަދަ އެއް އަޑަކީ އެ އަޑެވެ. އެއީ އައިޝަތު ޖައިޝާ ގެ އަޑެވެ. ޝޯގެ ގަދަ ހަޔަކުން ޖާގަ ނުލިބި ޝޯ އާ މާދުރަށް ގެއްލުނު ނަމަވެސް ޖައިޝާ މިވަނީ ދާއިރާއަށް ވަދެ ފިޔަޖަހައިގަންނަން ތައްޔާރުވެލައިފަ އެވެ. އަމިއްލަ އަލްބަމެއްގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު ރޯދައިގެ ކުރިން ޖައިޝާގެ ވަރަށް ހާއްސަ ލަވައެއް ފޭނުންނަށް ދޫކޮށްލަން އޭނާ ވެސް އެ ހުރީ ކެތްމަދުވެފަ އެވެ. މިއީ ފެށުމެއް ކަމަށް ޖައި ބުނެ އެވެ. ހުރިހާ ޝުކުރެއް މޯލްޑިވިއަން އައިޑޮލް ތެރެއިން އޭނާ އަށް ހިތްވަރު ދިން އެންމެންނަށެވެ.

މިއުޒިކް އިންޑަސްޓްރީއަށް މުޅިން އާ މޫނެއް ތައާރަފްވެ އެ ދާއިރާގައި ފިޔަޖަހައިގަންނަން ތައްޔާރުވިއިރު މި ދާއިރާއަށް ޖައިޝާގެ ހިތުގައި ވަރުގަދަ ލޯތްބެއް އުފެދި މުސްތަގުބަލްގެ ކެރިއާ ކަމަށްވާ ލޯޔަރު ކަން މަޑުޖައްސާލާފައި މޯލްޑިވިއަން އައިޑޮލްގެ މި ދަތުރަށް އަރަން ޖެހުނު ގޮތެއް ބަލާލުން މުހިންމެވެ.

"ބޭބެ އަކީ ކުރީގައި މިއުޒީޝަނެއް. ބޭބެ ޑްރަމް ކުޅޭނެ. އެހެންމެ ގޭތެރޭގައި ލަވަތައް ޖަހާ ހަދާނެ. އެހެންވެ ވަރަށް ކަމުދަން ފެށީ. ދެން އަޅުގަނޑު އަމިއްލައަށް އަޅުގަނޑުގެ ޓޭސްޓާ ގުޅޭ ކަހަލަ ލަވަތަކެއް ހޯދާފައި ކިޔަނަ ފެށީ. އޭރުވެސް ހިއެއް ނުކުރަން ލަވައެއް ކިޔޭ ކަމަކަށް. ކިޔަނި އޭރު ހަމަ ގޭތެރޭގައި. ފަހުން އައިސް ކްލާހުގައި ކޮންމެސް ވަރަކަށް ކިޔަން." ލޯޔަރު ކަމުގެ ޑިގްރީ ކޯސް ހަދަމުން އަންނަ ޖައިޝާ ބުންޏެވެ.

ގިނަ މީހުންނަށް އިވޭ ގޮތަށް ޖައިޝާއަކަށް މީގެކުރިއަކުން ލަވަ ކިޔާކަށް ނުކެރެ އެވެ. ފުރުސަތެއްވެސް ނުލިބެ އެވެ. ނަމަވެސް ޖަމާލުއްދީން ސްކޫލްގައި އުޅުނު އިރު އެއް ފަހަރު ލަވަ މުބާރާތެއްގައި ބައިވެރިވި އެވެ. ރަނގަޅު ނަތީޖާއެއް އެކަމުން ނުލިބުމުން ސްކޫލް މުބާރާތެއްގައި ދެވަނަ ފަހަރަށް ބައިވެރިއެއް ނުވި އެވެ. އެއަށްފަހު ޖައިޝާ ފުންމާލީ މޯލްޑިވިއަން އައިޑޮލް އަށެވެ.

"ލަވަ ނުކިޔާ ހުރެފަ މޯލްޑިވިއަން އައިޑޮލް ޗޫޒް ކުރީ އާ ކަމެއް ވީމަ އައި ޖަސް ވޯންޓެޑް ޓު ޓްރައި. ކިހާ ހިސާބަކަށްތޯ ދެވެނީ. މިހާރު އަޅުގަނޑުގެ ފެންވަރަކީ ކޮބައިތޯ، އައިޑޮލް ކަހަލަ ފްރެންޗައިޒް ޕްލެޓްފޯމެއްގައި ޕާފޯމްކޮށްލަން. ޓޮޕް އެއިޓްގައި ޕާފޯމް ކޮށްލެވުނީމަ ފުދޭ ވަރަކަށް ކޮންވިންސް ވެއްޖެ މިހާރު." ޖައިޝާ ބުންޏެވެ.

އެންމެ ފުރަތަމަ އޮޑިޝަނަށް ދިޔައިރު ގޯލްޑެން ޓިކެޓް ލިބޭނެ ކަމުގެ ކުޑަވެސް އުންމީދެއް ޖައިޝާގެ ނެތެވެ. މަންމަމެން ގަބޫލު ނުވިނަމަވެސް އޮޑިޝަނަށް ދިޔައީވެސް އެހެންވެ އެވެ. ތިއޭޓާ ރައުންޑަށް އއ. މަތިވަރިއަށް ދާން ޖެހުމުން އެކަން ގަބޫލުވެސް ނުކުރެވުނެވެ. ގަދަ 16 އިން ޖާގަ ލިބުމުން ގަދަ ފަހަކުން ޖާގަ ހޯދަން އަމާޒު ހިފި ނަމަވެސް ގަދަ ފަހަކުން ޖާގަ ނުލިބި ޖައިޝާއަށް ޝޯއާ ވަކިވާން ޖެހުނީ އެވެ. ނަމަވެސް އެއީ ޖައިޝާ ދެރަވާ ސަބަބެއް ނޫނެވެ.

ލޯޔަރުކަން ކިޔަވަމުން އަންނަ އާޓިސްޓެއް މުސްތަގުބަލުގައި އާޓިސްޓެއްގެ ގޮތުގައި ފެނިދާނެތޯ އެއީވެސް އުފެދޭނެ ސުވާލެކެވެ. މި ސުވާލަށްވެސް ޖައިޝާ ޖަވާބު ދިނެވެ. އެއީ މުސްތަގުބަލުގެ ލޯގެ ފީލްޑަކުން ޖައިޝާ ފެނުނު ނަމަވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައިވެސް އޭނާ ފެންނާނެ އެވެ. އެއީ ހުސް ވަގުތުތަކުގައި ހޮބީއެއްގެ ގޮތުގަ އެވެ.

މޯލްޑިވިއަން އައިޑޮލް އަށް ކިޔެވުން މެދު ކަނޑާލި ނަމަވެސް އަންނަ ޖޫން މަހުން ފެށިގެން އަނެއްކާ ކިޔެވުން ފަށާނެ ކަމަށް ޖައިޝާ ބުންޏެވެ. އައިޑޮލްގައި ބައިވެރިވުމުން އޭނާ ޔުނިވާސިޓީން ސަސްޕެންޑުކުރި ކަމަށް ފެތުރި ވާހަކަތައް ރައްދުދެމުން ޖައިޝާ ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އައިޑޮލްގައި ބައިވެރިވެ ކިޔެވުން މެދުކަނޑާލާފައިވާނީ ޔުނިވާސިޓީ އާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. މިއީ ޖައިޝާގެ ކޯހުގެ ތިން ވަނަ އަހަރެވެ.

އަނެއްކާވެސް ލަވަޔާއި ދިމާލަށް ޖެހިލަން ހިނގާށެވެ. އައިޑޮލް އަށް ފަހު މިއުޒިކީ ދާއިރާއިން ޖައިޝާ ކޮށްފައި ހުރި މަސައްކަތްތަަކަކީ ކޮބައި ހެއްޔެވެ؟ ޖައިޝާ މިހާތަނަށް ދެ ޝޯއެއްގައި ޕާފޯމްކޮށްފި އެވެ. އޭގެތެރެއިން އެއް ޝޯ އަކީ އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ފްލޫ ރިލީފް އެޕްރިޝިއޭޝަން ނައިޓްގެ ޝޯ އެވެ. މި ޝޯގައި އޭނާ ޕާފޯމްކޮށްފައިވަނީ ބިދަބިން ބޮޑުބެރު ގްރޫޕާ އެކީގަ އެވެ. ޕާޓީތަކުގައި ގިނަ ފުރުސަތުތަކެއްވެސް އަންނަނީ ލިބެމުންނެވެ. މީގެ އިތުރުން ޕީބީޖޭމްގެ ކޯޗް ސެޝަންގައިވެސް ބައިވެރިވެފަ އެވެ. ވަރަށް އެވަހަށް އެ ލަވަވެސް އިވިގެންދާނެ އެެވެ.

މޯލްޑިވިއަން އައިޑޮލްގެ ދަތުރަކީ ޖައިޝާއަށް ވަރަށް ތަފާތު ދަތުރެކެވެ. އެންމެ ތަފާތަކީ އެތައް ގިނަ އާ ކަންތައްތަކެއް ދަސްވުމުންނެވެ. އާ އެކުވެރިންތަކެއް ލިބުމުންނެވެ. ތަފާތު މިޒާޖުގެ ކުދިންތަކަކާއެކީ އެއްތަނެއްގައި އުޅެން ޖެހުމުން ކުރެވުނު ތަޖުރިބާއަކީ އޭނާ އަށް ހަނދާން ނައްތަލެވޭ ވަރަށް ވުރެ ފޮނި އަދި އުފާވެރި ތަޖުރިބާ އެކެވެ.

"މި ޖާނީއަކީ ވަރަށް ނިއު އެންޑް އެކްސައިޓިން ޖާނީއެއް، ވަރަށް ބައިވަރު ކަންތައްތައް ދަސްވެ އާ ކަންތައްތަކަށް ލޯ ހުޅުވުނު، ހުރިހާ މީހުންނާ އެއްކޮށް އުޅި، މި އައިޑޮލްގެ ބޮންޑް އަސްލު ވަރަށް ބޮޑަށް ފާހަގަކޮށްލަން،" ޖައިޝާ ބުންޏެވެ.

"މި ޖާނީ ދެން މިއޮތީ ނިމިފަ، އެންމެ ބޮޑަށް މިސް ވަނީ އެއްކޮށް އުޅުނު ބައިވެރިން، އެ ކުދިންނާއެކު ހޭދަކުރެވުނު މޮމެންޓްސްތައް ވަރަށް މިސްވޭ، އައިޑޮލް ފެމެލީ އަދި މެނޭޖްމެންޓް ވެސް ވަރަށް ސަޅި، ވަރަށް މިސްވޭ އެންމެންވެސް"

ދިވެހި މިއުޒިކް އިންޑްސްޓްރީގައި އުޅޭ ލަވަ ކިޔުންތެރިންގެ ތެރެއިން ޖައިޝާ އެންމެ އިންސްޕަޔާވަނީ އައިޑޮލްގެ ޖަޖު އިސްމާއީލް އައްފާންގެ ލަވަތަކުންނެވެ. ޖައިޝާގެ އެންމެ ބޮޑު އެއް ހުވަފެނަކީވެސް އައިފާން އާ އެކު ލަވައެއް ކިޔާލުމެވެ. މަރިޔަމް އުނޫޝާ، ރާފިޔަތު ރަމީޒާ، އަންދަލާ ހަލީމް މިއީ ހުސް އެކުގައި މަސައްކަތް ކޮށްލަން ޖައިޝާ ބޭނުންވެ އެވެ.

ޖައިގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ މަންމަ އާއި ބައްޕަގެ ނަމެވެ. މިއަދު މިހާ ހިސާބަށް ޖައިޝާއަށް އާދެވުނީ އެދެމީހުންގެ ސަޕޯޓާ ހިތްވަރުންނެވެ. ދެން ޓީމް ޖައި ފެމިލީ އަދި ސަޕޯޓަރުންނާއި ފޭނުންނަށެވެ. ދެން އައިޑޮލް ޓީމަށާއި ހުރިހާ ބައިވެރިންނަށާއި ޖަޖުންނަށާއި ބޭންޑަށް ވެސް ޖައިގެ ޝުކުރުގެ ލިސްޓުން ޖާގަ ލިބެ އެވެ.

"ހުރިހާކަމެއްގައިވެސް މަންމަ މެންގެ ފަރާތުން ލިބޭ ސަޕޯޓު ފާހަގަކުރަން. އަބަދު ދެން މި ވާހަކައެއް ނުއެއް ދެއްކޭ މަންމަމެން ކައިރިއަކު. ނުލިބޭ ބުނާނެ ފުރުސަތެއްވެސް. މިކަހަލަ ގޮތަކަށް ބުނެވޭނީ. އެހެންވީމަ ބުނެލަން ބޭނުންވޭ މަންމަމެން އެކޮށްދޭ ކަންތައްތައް އެޕްރިޝިއޭޓް ކުރާ ވާހަކަ،" ޖައިޝާ ބުންޏެވެ.