އިންޑިއާގެ ރަސްމީ ލީގް ކަމަށްވާ، އައި ލީގް ގެ އެންމެ ފަހު މެޗުގައި، ޝިލޯންގް ލަޖޯންގް އަތުން 1-1 އެއް ވަރުވި ނަމަވެސް، ޗެމްޕިއަންކަން އައިޒާވަލް އެފްސީ ހޯދައިފި އެވެ.
މެޗަށް ނިކުތް އިރު، އައިޒާވަލް އާއި، ދެ ވަނައިގައި އޮތް، މޯހަންބަގާންއާ ދެމެދު ހުރީ ތިން ޕޮއިންޓް ފަރަގެވެ.
އައިޒާވަލް އާއި ލަޖޯންގް ބައްދަލު ކުރި މެޗުގައި، ފުރަތަމަ ލީޑް ނެގީ ލަޖޯންގް އެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދިނީ ކެމެރޫންގެ އެސެއާ ޕިއެރިކް ޑިޕަންޑާ އެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި އިންޑިއާގެ ޒުވާން ޓީމުގެ ކުޅުންތެރިޔާ ވިލިއަން ލަލުންފެލާ ވަނީ އައިޒާވަލް އެފްސީ އަށް ނަތީޖާ ހަމަ ހަމަ ކޮށްދީފަ އެވެ.
މޯހަންބަގާން ރޭ ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ން ނެވެ. މޯހަންބާގަން މޮޅު ވުމުގެ އިތުރަށް، ރޭ ލަޖޯންގް އަތުން އައިޒާވަލް ބަލި ވިނަމަ، ޕޮއިންޓްގެ ގޮތުން، ދެ ޓީމު އެއްވަރުވެ ފައިދާ ގޯލުން ޗެމްޕިއަންކަން ލިބޭނީ ބަގާން އަށެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ، ޗެންނާއީ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ލިޑް ނަގައިދިނީ ނަންދަ ކުމާރު އެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި މޯހަންބަގާންގެ ޖަޕާންގެ ކުޅުންތެރިޔާ، ކަޓްސްމީ ވަނީ ބަގާންއަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 77 ވަނަ މިނެޓްގައި، ބަގާންއަށް ލިޑް ނަގައިދިނީ، ސްކޮޓްލޭންޑް ޑެރިއަލް ޑުފީ އެވެ.
އޭގެ ތިން މިނެޓް ފަހުން، ބަގާންގެ ކީޕަރު ޑެބިޖީޓް މަޖޫންޑާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ބަދަލު ކީޕަރު ޝިބްނިރާޖް ކުންނިިޔުލް ކުޅޭން އެރީ. ބަޖުވަތު ސިންހް ގެ ބަދަލު ގައެވެ.
އައިޒާވަލް އަކީ އިންޑިއާގެ އުތުރު އިރުމައްޗަށް ނިސްބަތްވާ ޓީމުތަކުގެ ތެރެއިން އައި ލީގްގެ ޗެމްޕިއަން ކަން ހޯދި ފުރަތަމަ ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ މިފަހަރު ލީގް ނިންމާލީ ހަތަރު ވަނައިގަ އެވެ.