ވިޔަފާރި

މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި

May 1, 2017

ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިނެއް ކަމަށްވާ، މެގަ މޯލްޑިވްސްގެ ދަތުރުތައް މާދަމާއިން ފެށިގެން ވަގުތީ ގޮތުން ހުއްޓަލަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން މެގަ މޯލްޑިވްސް އެއާލައިންސްގެ ކޮމާޝަލް ފްލައިޓު އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ، އެ ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށެވެ. ނަމަވެސް "އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ދަތުރުތައް މެދުކަނޑާލަން ނިންމީ މާލީ މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި މެގަ މޯލްޑިވްސްގެ ބޯޓުތައް މާދަމާ ރާއްޖޭގައި ގްރައުންޑް ކުރާނެ އެވެ.

މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމިއިރު، އެއާލައިން ވިއްކާލަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެވާހަކަަތައް ދޮގުކޮށްފަ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގާ މޯލްޑިވްސް ހިދުމަތް ދޭތާ ފަސް އަހަރުވެއްޖެ އެވެ. އަދި ކުންފުނީގައި ފަސް ފްލައިޓެއް އޮޕަރޭޓް ކުރަމުންދެ އެވެ.