ހަބަރު

ހޫނާ އެކު ކަރަންޓް ބޭނުންކުރާ ވަރު އިންތިހާއަށް މައްޗަށް

  • ކަރަންޓްގެ އިސްރާފު ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ
  • ކަރަންޓް ބިލްތައް އެވްރެޖްކޮށް ހުރިހާ ގެޔެއްގައި ވެސް ބޮޑު
  • ސަބަބަކީ ކަރަންޓް ބޭނުންކުރާ ވަރު ގިނަވުން

މިއީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. ރާއްޖޭގެ ފިނި ހޫނުމިން 33 ޑިގްރީ އަށް އަރާ ކަމަށާއި 34 އަކަށް ވެސް އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން އެވަނީ ލަފާކޮށްފަ އެވެ. އެގޮތުން ގަދަ ހޫނާއެކު ދިވެހިންގެ އާންމު ދިރިއުޅުމާއި ހަރަދުތަކަށް ވެސް ބައެއް ކަހަލަ ބަދަލުތައް ވަނީ އަސްފަ އެވެ.

އެގޮތުން މި ދުވަސްވަރު އޮފީސްތަކާއި ގެތަކުގައި ކަރަންޓު ބޭނުން ކުރާ މިންވަރު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިދިޔަ މަހުގެ ކަރަންޓު ބިލް އެހެން މަސްމަހަށް ވުރެ ބޮޑުވުމުގެ ޝަކުވާ މިހާރު ވެސް ސޯޝަލް މީޑިއާގައި އެބައޮތެވެ. އެގޮތުން ބައެއް ގޭގޭގަ ކަރަންޓު ބިލަށް 1000 ރުފިޔާ އިތުރުވެފައިވާ އިރު އަނެއްބައި ގެތަކުގައި އާންމުކޮށް އަރާ ވަރަށް ވުރެ 3000 ރުފިޔާ ވެސް އިތުރުވެފައި އެބަ ހުއްޓެވެ. އެކަމާ ގުޅިގެން މީހުން ކުރަމުންދާ ޝަކުވާތަކުގެ ޖަވާބު ސްޓެލްކޯގެ ތަފާސް ހިސާބުތަކަށް ބަލައިލިޔަސް ލިބޭނެ އެވެ. ހުރިހާވެސް މައްސަލައަކީ ހޫނު މޫސުމާ އެކު ކަރަންޓް ބޭނުން ކުރި އަދަދު އިތުރުވުމެވެ.

ރާއްޖޭގެ މައި ކަރަންޓު ކުންފުނިން "އަވަސް"އާ ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިދިޔަ މަހު ތެރޭގައި އެންމެ ގަދައަށް 55،275 މެގަވޯޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އެއީ ގަޑިއިރަކު 1،063،400 ކިލޯވޯޓުގެ ކަރަންޓެވެ. އަދި މާޗު މަހުގައި ވެސް އެންމެ ގަދައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ހުރީ 51،300 މެގަވޯޓުގަ އެވެ. އެއީ 996،700 ކިލޯވޯޓުގެ ކަރަންޓެވެ.

ސްޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވި ހޫނު މޫސުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ކަރަންޓު ބޭނުން ކުރާ މިންވަރު އިންތިހާއަށް އިތުރުވާ ކަމަށެވެ. އޭގެ އިތުރުން މާލޭގައި ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އަންނަނީ ނުވައަކާ 10 ޕަސަންޓުގެ އަދަދަކުން އިތުރުވަމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ސްޓެލްކޯއިން އިލްތިމާސް ކުރަނީ ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރާ ފަދަ ސާމާނު ބޭނުން ކުރުން މަދު ކުރުމަށާއި ހާއްސަކޮށް ކޮންމެ ދުވަހަކު މެންދުރު، 11:00 އާއި 3:30 ދެމެދު އެފަދަ ތަކެތި ބޭނުން ކުރުން މަދު ކުރުމަށެވެ. އަދި ކަރަންޓް ކުޑަކުރުމަށް އޮތް ހައްލަކީ، ކަރަންޓް އިސްރާފު ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ބޭނުން ނުކުރާ ވަގުތުތަކުގައި ހޮޅިބުރި ފަންކާ ފަދަ ތަކެތި ނިއްވާލުމާއި، އޭސީ ހުންތަންތަން ފިނި ބޭރު ނުވާނެ ގޮތަށް ރަނގަޅަށް ބަންދުކުރުން ފަދަ ކަންތައްތައް ކޮށްގެން ކަރަންޓް ބިލް ވަރަށް ބޮޑަށް ވެސް ކުޑަކުރެވިދާނެ އެވެ.