ވިޔަފާރި

ޓީޓީއެމްގައި ޓޫރިޒަމްގެ ވަޒީފާތަކުގެ މައުލޫމާތު ދެނީ

May 2, 2017
  • ޓީޓީއެމް އޮތީ ޖުލައި މަހު
  • ކެރިއަ ފެއާ އޮތީ ދަރުބާރުގޭގަ
  • ވަޒީފާގެ ގިނަ ފުރުސަތުތަކެއް

ޖުލައި މަހު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ފުރަތަމަ "ޓޫރިޒަމް ކެރިޔަ ފެއާ" ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ ޓީޓީއެމް ފެއާގައި ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތައް އަންގައި ދިނުމަށް ބާއްވާ ޓޫރިޒަމް ކެރިއަ ފެއާ އޮންނާނީ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ޓޫރިޒަމް ކެރިޔަ ފެއާގައި ޓޫރިޒަމް ދާއިރާގެ ވަޒީފާތަކަށް ޝައުގުވެރިކަން ހުރި ދަރިވަރުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތައް ބައްދަލުވުމަށް ރަނުގެ ފުރުސަތަކަށްވާނެ އެވެ. މި ކެރިޔަ ފެއާ އޮންނާނީ 13 ވަނަ ދުވަހުގެ ރޭގަނޑު 20:00 އިން 23:00 އަށެވެ. މި ފެއާގައި ސަފާރީތަކާއި ރިސޯޓުތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގެ މަޝްހޫރު ހޮޓެލް ޗެއިންތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގިގެންދާނެ އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ. މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.