ބޮލީވުޑް

"ބަހޫބަލީ" ގެ ތަރި ރާނާ ދަގުބަތީގެ އެއް ލޮލަށް ނުފެނޭ

May 2, 2017

"ބަހޫބަލީ" އާއި "ބަހޫބަލީ 2" ގައި ނުބައިބައި ރޯލަކުން ފެނިގެންދާ ތަމަޅަ މަޝްހޫރު އެކްޓަރު ރާނާ ދަގުބަތީ މިވަނީ އޭނާ އާ ބެހޭގޮތުން އާންމުންނަށް ނޭނގޭ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ހުކުރު ދުވަހު "ބަހޫބަލީ 2" ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު، ޓޯލްކް ޝޯ އެއްގައި ބައިވެރިވެ ރާނާ ވަނީ އޭނާގެ އެއް ލޮލަށް ނުފެންނަ ކަމަށް ބުނެފަ އެވެ.

ދިރިއުޅުމުގައި ބޮޑެތި ކަންކަން ދިމާވެ ގޮތް ހުސްވެފައިވާ މީހުންނަށް އެހީތެރިވެ ދިނުމަށް ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ރާނާ ވަނީ ފެންނަ ފެނުމުގެ އޭނާ އަކީ ހަށިގަނޑުން ބިޔަ ވަރުގަދަ މީހެއް ކަމަށް މީހުންނަށް ފެނުނަސް އޭނާ އަކީ ހަގީގަތުގައި ވަރަށް ބޮޑު ނުކުޅެދެންތެރިކަން ހުންނަ މީހެއް ކަމަށެެވެ.

އޭނާގެ ކަނާތު ލޮލަށް ނުފެންނަ ކަމަށް ވާހަކަދައްކަމުން ރާނާ ވަނީ އޭނާ އަށް ހަމަ އެކަނި ފެންނަނީ ވައަތު ލޮލަށް ކަމަށާއި އޭނާގެ މިހާރު އިން ކަނާތު ލޮލަކީ މީހަކު މަރުވުުން އޭނާ އަށް ހަދިޔާކުރި ލޮލެއް ކަމަށެވެ.

"އަހަރެންގެ ކަނާތު ލޯ އަނދިރިވާނެ. ފެންނަނީ ހަމައެކަނި ވާތު ލޮލަށް" އެކްޝަން ފިލްމުތަކުން ގިނައިން ފެނިގެނ ގޮސްފައިވާ ރާނާ ބުނެފައިވެ އެވެ.

ލޮލަށް ނުފެނުނު ނަމަވެސް އެއީ މީހާގެ ބަލިފައެއް ކަމަށް ނުދެކުމަށް ލޮލަށް ނުފެންނަ މީހުންނަށް ހިތްވަރު ދެމުން ރާނާ ވަނީ އެފަދަ މީހުންނަށް އެހީތެރިވެދޭން އޭނާ ތައްޔާރަށް ހުރިކަން ހާމަކޮށްފަ އެވެ.

ރާނާ ވަނީ އޭނާގެ އުމުރުން ވަރަށް ކުޑައިރު ކަނާތު ލޮލަށް ނުފެންނާތީ އޮޕަރޭޝަނެއް ކުރި ކަމަށް ބުނެފަ އެވެ.

ތެލުގު ފިލްމުތަކުގެ އިތުރުން ރާނާ ވަނީ ހިންދީ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. އެ ފިލްމުތަކުގެ ތެރޭގައި "ބޭބީ" އާއި "ދަމް މާރޯ ދަމް" އަދި "ދަ ގާޒީ އެޓޭކް" ފަދަ ފިލްމުތައް ހިމެނެ އެވެ.