ކުޅިވަރު

ރެއާލްއާ ދެކޮޅަށް އެތުލެޓިކޯ ޖެހިލުމެއް ނުވޭ: ސިމިއޯނޭ

May 2, 2017

އެތުލެޓިކޯ މެޑްރިޑްގައި ޑިއޭގޯ ސިމިއޯނޭ ހޭދަ ކުރި ފަސް އަހަރުގައި، ކާމިޔާބު ކުރެވެން ހުރި ހުރިހާ ތައްޓެއް އެތުލެޓިކޯއަށް ކާމިޔާބު ކޮށްދީފި އެވެ. ނަމަވެސް ޗެމްޕިއަންސް ލީގް ފިޔަވަ އެވެ. ޗެމްޕިއަންސް ލީގްގައި އެޓީމާ ދެކޮޅާށް ޖެހުނު ކޮންމެ ޓީމެއް ބަލި ކޮށްފި އެވެ. ވާދަވެރި ރެއާލް މެޑްރިޑް ފިޔަވަ އެވެ. މިދިޔަ ތިން އަހަރަށް ބަލައިފިނަމަ، ޗެމްޕިއަންސް ލީގްގައި އެތުލެޓިކޯ މެޑްރިޑަށް ހުރަސް އެޅީ ވާދަވެރި ރެއާލް މެޑްރިޑުން ނެވެ.

ދެހާސް ސާދަ ވަނަ އަހަރު ފައިނަލުގައި، އެތުލެޓީކޯ 1-0 މޮޅުވެގެން މެޗުން ނިމެން ދަނިކޮށް، ރެއާލް މެޑްރިޑްގެ މިހާރުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ކާމިޔާބު ކުރި ލަނޑުން، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ން އެއްވަރު ވެގެން ނެވެ. ރެއާލް ޗެމްޕިއަންކަން ހޯދީ، އެކްސްޓޤްރާ ޓާއިމްގެ ދެހާފުގައި އިތުރަށް ކާމިޔާބު ކުރި ތިން ލަނޑާއެކު 4-1 ން ނެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ރެއާލުން އެތުލެޓިކޯއަށް ހުރަސް އެޅީ ކްއާޓާ ފައިނަލުން ނެވެ. މިދިޔަ އަހަރު އަނެއްކާވެސް ފައިނަލުގައި، ރެއާލުން އެތުލެޓިކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން ނެވެ.

މިއަހަރު އަނެއްކާވެސް ފައިނަލު ސްޓޭޖުގައި އެތުލެޓިކޯއާ ރެއާލްގެ ކުރިމަތި ލުމެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި، މިރޭ ރެއާލްގެ ދަނޑު ސެންތިއާގޯ ބެރުނަބެއު ސްޓޭޑިއަމްގައި، އެޓީމާ ދެކޮޅަށް ނިކުންނައިރު، ސިމިއޭނޯ އަށް ހާސްކަން އޮންނާނެ އެވެ. ނަމަވެސް އޭނާ ބުނަނީ އެއީ ކޮންމެ މެޗެއްގައިވެސް އަންނާނެ ހާސް ކަމެއް ކަމަށާއި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ.

"މިކަހަލަ ސަޕޯޓަރުންތަކެއް ތިބޭ ކުލަބެއްގައި ޒިންމާނަގަންޖެހޭ މަގާމުގައި ހުރީމަ ކޮންމެ މެޗެއްގައިވެސް، އާންމު ހާސްކަމެއް ކުރިމަތިވާނެ، އެއީ ކޮންމެ މެޗެއްގައިވެސް ކުރިމަތިވާނެ ހާސް ކަމެއް، އެހާސްކަން އަހަރެން ގެންގުޅެން ލަސްޕަލަމްސްއާ ދެކޮޅަށް އަދި ރެއާލް މެޑްރިޑް ނުވަތަ ލެގަނޭޒްއާ ދެކޮޅަށް ކުޅެން ޖެހޭ އިރުވެސް،"

'ހަގީގަތުގައި، މެޗުގެ ކުރިން ކަރުދާހުގައި (ޕްލޭން) އޮންނައިރު އެއީ ވަރަށް ފަސޭހަ ކަމެއް، އަހަރެމެން ކުރަން ބޭނުންވާ ކަންތައް ކުރަން ކުޅުންތެރިން (ދަނޑަށް) ނިކުންނަރު އަހަރެން ބައެއްފަހަރު މާ ހާސްވޭ،" ސިމިއޯނޭ ބުންޏެވެ.

އޭނާ ބުނީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ކޮންމެ ނަންބަރެއްގެ ފުރަތަމަ 11 އެއް މެޗެއް ނެރުނަސް، ވަރުގަދަ ވާނެ ކަމަށާއި އެޓީމުން މަސައްކަތް ކުރާނީ މެޗުގެ ކުރީ ކޮޅު ލަނޑު ޖަހައި ނަތީޖާ ހޯދަން ކަމަށެވެ.

އަދި ދެ ފޯވަޑުންގެ ފަހަތުން، އިސްކޯ ނުވަތަ މާކޯ އެސެންސިއޯ ނުވަތަ ހަމޭސް ރޮޑްރިގޭޒް އަރުވައިގެން ރެއާލް ކުޅުވާފާނެ ކަމަށާއި ކޮންމެ މީހަކު އަރުވައިގެން ކުޅުނު ނަމަވެސް އެޓީމުން މެޗަށް ނިކުންނާނީ މެޗުގެ ކުރީކޮޅުން ފެށިގެން އެތުލެޓިކޯ ފުނޑުފުނޑުކޮށްލަން ކަމަށް ސިމއޯނޭ ބުންޏެވެ.

"އަހަރެމެން ޖެހޭނެ ވަރަށް ވަރުގަދަކޮށް ތިބެން އަދި އަހަރެމެން ޖެހޭނެ މެޗު އަހަރެމެންނަށް ފަސާހެ ވާނެ ގޮތަށް ކަންތައް ކުރަން،"

އޭނާ ބުނީ ރެއާލްގެ ދަނޑުގައި ކުޅޭ މެޗުގައި، އަވޭ ގޯލެއް ޖެހުމަށް، އެތުލެޓިކޯއިން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އޭރުން، އަމިއްލަ ދަނޑުގައި ކުޅޭ މެޗު ފަސޭހަ ވާނެ ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ ވަރުގަދަ ގޭމަކަށް، ނަމަވެސް އަހަރެމެންނަށް އެނގެންޖެހޭނެ އެޓީމުން އަހަރެމެންނަށް ދޭ ހުސް ޖާގަތައް ބޭނުންކޮށްގެން އެޑްވާންޓޭޖް ނަގަން،" އާޖެންޓީނާއަށް ނިސްބަތްވާ ސިމިއޯނޭ ބުންޏެވެ.

ސިމިއޭނޯގެ ޓީމަށް އެންމެ ބޮޑު މައްސަލަކީ، މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ޝިމޭ ވެރަސާލްކޯ އާއި ހުއާންފްރާން ޓޯރޭޒް އަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭނެ ކަން ޔަގީން ވުމެވެ. އެ ދެކުޅުންތެރިންނަށް އަނިޔާ ވެފައި ވުމުން މައްސަލަ ދިމާވެފައި ވަނީ އެތުލެޓިކޯގެ ކަނާތު ބެކަށެވެ. މީގެ އިތުރުން ހޯސޭ މާރިއާ ހިމެނޭޒްއަށްވެސް، މިދިޔަ ހޮނިހިރު ދުވަހު ލަސްޕަލަމްސްއާ ދެކޮޅަށް ކުލުނު މެޗުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

"އަހަންނަށް ސާފުކޮށް އެނގޭ ކަނާތު ބެކަށް ކުޅޭނީ ކާކުކަން، އަހަންނަށް އަންޑަސްޓޭންޑްވޭ ފުޓްބޯޅައިގައި އަބަދުވެސް ނެތް ކުޅުންތެރިޔާއަކީ އަބަދުވެސް ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ، ކަނާތު ބެކަށް ނެރޭނީ އެ މާގަމަށް ކުޅޭ ކުޅުންތެރިޔެއް ނޫން، ހަމައެޔާއެކު އަހަންނަށް އަންޑަސްޓޭންޑްވޭ ފުޓްބޯޅައަކީ ޓީމު ކުޅިވަރެއްކަންވެސް، ގިނަ ފަހަރަށް ނެތް ކުޅުންތެރިޔާ ނެތުމުން އެތަން ކޮޅު ދައްކާނެ ނަމަވެސް ޓީމުން މެނޭޖުކުރާނެ ނެތް ކުޅުންތެރިޔާގެ މަގާމުވެސް އެއީ ޓީމުގެ މުހިންމު ކަމަކީ." ސިމިއޯނޭ ބުންޏެވެ.

ރެއާލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.