ދުނިޔެ

ޔޫރަޕަށް ދަތުރުކުރާ އެމެރިކާ މީހުން ސަމާލުވާން އިންޒާރުކޮށްފި

May 2, 2017

ޔޫރަޕްގެ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ އޮތް ކަމަށް ބުނެ، އެ ސަރަހައްދަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެގައި ނެރުނު ޓްރެވެލް އެލާޓްގައި ބުނެފައި ވަނީ ޔޫރަޕްގެ ގައުމުތަކުގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވުމާއި އެފަދަ ހަމަލާއެއް ދިނުމުގެ ގާބިލުކަން އިސްލާމިކް ސްޓޭޓަށާއި އަލްގައިދާއަށް ލިބިގެންވާ ކަމަށެވެ. ފްރާންސާއި ސްވިޑުންއާއި ރަޝިޔާއާއި އިނގިރޭސިވިލާތުގައި ދާދި ފަހުން ދިން ހަމަލާތައް އެމެރިކާއިން ނެރުނު އިންޒާރުގައި ފާހަގަކޮށްފައި ވެއެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި އެމެރިކާއިން ކުރިން ވެސް ވަނީ ޓްރެވެލް އެލާޓެއް ނެރެފައެވެ. މިދިޔަ އަހަރުގެ ފިނިމޫސުމާ ދިމާކޮށް ނެރުނު އެ އެލާޓްގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ ޓްރެވެލް އެލާޓް ނެރުނީ ވަކި ހާއްސަ ނުރައްކަލަކާ ގުޅިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ ޔޫރަޕްގެ ގައުމުތަކުގައި ނުރައްްކާ އޮތް އޮތުން ކުރިއަށް ދާތީ އެކަން ފާހަގަކޮށް ދިން އިންޒާރެއް ކަމަށް އެެއޮފިޝަލާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހަމަލާއެއް އައުމުގެ ނުރައްކާ އޮތް ތަންތަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ. ހަމަލާއެއް އަމާޒުވެދާނެ ތަންތަނުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޝޮޕިން މޯލްތައް،ސަރުކާރުގެ އިމާރާތްތައް، ހޮޓާތައް، ކްލަބްތައް، އަޅުކަން ކުރާ ތަންތަން، ޕާކްތައް އަދި އެއާޕޯޓްތަކެވެ. އެތަންތައް ވަކިން ފާހަގަކޮށްފައި ވިޔަސް ކޮންމެ ތަނެއްގައި ވެސް ހަމަލާއެއް ދީފާނެ ކަމަށް އެމެރިކާގެ އިންޒާރުގައި ބުނެފައި ވެއެވެ.