ދުނިޔެ

އެންމެ މުސްކުޅި މީހާ 146 އަހަރުގައި މަރުވެއްޖެ

May 2, 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށް ދައުވާކޮށްގެން އުޅުނު އިންޑޮނޭޝިއާ މީހަކު އުމުރުން 146 އަހަރުގައި މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ސޮޑިމެޑްޖޯ ނަމަކަށް ކިޔާ މީހާ އަތުގައި ހުރި ލިޔެކިއުންތަކުން އެނގޭ ގޮތުގައި އޭނާ އުފަންވެފައި ވަނީ 1870 ވަނަ އަހަރުއެވެ. ނަމަވެސް އިންޑޮނޭޝިއާގައި މީހުންގެ އުފަންތާރީހުތައް ރަސްމީކޮށް ލިޔެގެން ބަލަހައްޓަން ފަށާފައި ވަނީ 1900 ވަނަ އަހަރު ކަމަށް ވާތީ އޭގެ ކުރިން އުފަންވީ މީހުންގެ ރެކޯޑްތަކުގައި ގޯހެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބީބީސީއާ ވާހަކަ ދެއްކި އޮފިޝަލުން ވިދާޅުވެފައި ވަނީ ސޮޑިމެޑްޖޯ ހުށަހަޅާފައިވާ ލިޔެކިއުންތަކާއި އޭނާ ދިން މައުލޫމާތުތައް އަޅައި ކިއުމުން އޭނާގެ ރެކޯޑް ރަނގަޅުކަން އެނގިފައިވާ ކަމަށެވެ.

ސޮޑިމެޑްޖޯގެ މަރު ބަލީގައި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން އޭނާ އެދެމުން ގޮސްފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމަށެވެ. އޭނާގެ ކާފަ ދަރިފުޅު ސުޔާންޓޯ ބީބީސީއަށް ބުނެފައިވާ ގޮތުގައި ހޮސްޕިޓަލުން ދޫކޮށްލިފަހުން ސޮޑިމެޑްޖޯ ކެއިންބުއިމާ ވަރަށް ދުރުވިއެވެ.

" އޭނާ ބޭނުން ކުރަމުން އައީ ދެތިން ސަމުސަލެއްގެ ސުރުވާ. އެއްޗެއް ބޮއި އުޅުނީ ވެސް ވަރަށް މަދުން،" ސޮޑިމެޑްޖޯގެ ފަހު ދުވަސްތައް ހޭދަކުރި ގޮތާ ބެހޭ ގޮތުން އޭނާގެ ކާފަ ދަރި ސުޔާންޓޯ ބުނެފައި ވެއެވެ.

ދިގު އުމުރެއް ލިބުމުގެ ސިއްރާ ބެހޭ ގޮތުން ބީބީސީން މިދިޔަ އަހަރު ސުވާލުކުރުމުން ސޮޑިމެޑްޖޯ ބުނެފައި ވަނީ އެކަމުގެ ސިއްރަކީ ކެތްތެރިކަން ކަމަށެވެ. އަދި އޭނާ އެހާ ގިނަ ދުވަހު ދުނިޔޭގައި ހުރީ އޭނާ ދެކެ ލޯބިވާ ބަޔަކު އޭނާއަށް އަޅައިލަން ތިބީމާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސޮޑިމެޑްޖޯގެ ހަޔާތުގައި ހަތަރު އަނބިންނާއި އެއްބަނޑުއެއްބަފާ 10 މީހުންނާއި ހުރިހާ ދަރިން ވަނީ ދުނިޔެދޫކޮށްފައެވެ.

ސޮޑިމެޑްޖޯ އިއްޔެގައި ވަޅުލާފައިވާ ކަމަށާއި އޭނާ ވަޅުލީ އެތައް އަހަރެއް ކުރިން އޭނާ އަމިއްލަައަށް ގަނެފައިވާ ބިންކޮޅެއްގައި ކަމަށް ކާފަދަރިފުޅު ސުޔާންޓޯ ބުންޏެވެ.