ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް، އެއް ޓީމު އަނެއް ޓީމަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެހެންވެ މިރޭގެ މެޗުގައި އޭނާ ކުޅުވަނީ އާ ސްޓައިލަކަށް ކަމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި މިރޭ، އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ މިދިޔަ ހަތަރު ނުވަތަ ފަސް ވަރަކަށް އަހަރު ތެރޭގައި، އެތުލެޓިކޯ އަންނަނީ ވަރުގަދަ ވަމުން ކަމަށާއި، އެ ޓީމުގެ ވަރުގަދަ ކަމަކީ މެޗުގެ އެއްވެސް ހާލަތެއްގައި ފަސް ނުޖެހޭނެ ކަމަށެވެ.
"އަހަރެމެން މަސައްކަތް ކުރާނީ އާ ކަމެއް ކުރަން، އަބަދުވެސް އަހަރެމެންނަށް އިތުރު މޯޓިވޭޝަނެއް ލިބޭނެ، އޭގެ އިތުރު ތަފްސީލު ފެންނާނެ މެޗުގައި، އަހަރެމެން ދެ ޓީމަށްވެސް އެނގޭ އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް، އަހަރެމެން ބޭނުން ވަނީ ބާލާހިއްވާ ކަހަލަ ވަރުގަދަ މެޗެއް،" ޒިދާން ބުންޏެވެ.
ރެއާލް އަކީ އަބަދުވެސް، އެންމެ ފަހު ވަގުތުގައި ނަތީޖާ އަބުރާލާ ޓީމެކެވެ. ނަމަވެސް ޒިދާން ބުނީ މިރޭގެ މެޗުގައި އޭނާގެ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނީ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަމަށް ބަލައިގެން މިރޭގެ މެޗުގައި ނަތީޖާ ނެރެން ކަމަށެވެ.
"އަހަރެމެން ހަމައެކަނި ވިސްނަން ޖެހޭނީ [މިރޭގެ] މެޗަށް، ކުރިއަށް އޮތް ލެގަށް ވިސްނައިގެން ނުވާނެ،" ޒިދާން ބުންޏެވެ.
އޭނާ ބުނީ ސްޕެނިޝް ލީގްގައި ވެލެންސިއާގެ މެޗުގައިވެސް، ފަހުވަގުތު ނަތީޖާ އަނބުރާ ލެވުމުގައި ސަޕޯޓަރުންގެ މުހިންމު ހިއްސާއެއް އޮތް ކަމަށާއި މިރޭގެ މެޗުގައިވެސް ސަޕޯޓަރުން ރެއާލްއާ އެއްކޮށް ތިބޭނެ ކަމަށެވެ.
"ރެއާލް އަކީ މެޗުގެ ފޭވަރިޓެއް ނޫން، ދެ ޓީމަށްވެސް އޮތީ 50 - 50 ގެ ފުރުސަތެއް، މެޗުގައި ވާނެ ގޮތަކާ މެދު އޭގެ ކުރިން ކަމެއް ކުރާކަށް ނޭންގޭނެ، ކުރިން ހިނގި ކަމެއްވިއްޔާ އެކަން މިހާރު އެއޮތީ ފާއިތުވެ ގޮސް ނިމިފައި، އެޓީމަކީ އަބަދުވެސް އަހަރެމެންނަށް އުނދަގޫ ކުރިމަތި ކުރުވާ ޓީމެއް،"
ރެއާލް ކޮޅަށް، ފަސޭހައިން ގޯލް ވަންނަ މައްސަލައަށް ނޫސްވެރިޔަކު އިޝާރާތް ކުރުމުން، ޒިދާން ބުނީ ފަސޭހައިން ގޯލް ވަންނަކަން އޭނާ ގަބޫލު ނުކުރާ ކަމަށެވެ.
"މިދިޔަ އަހަރު ބައިކޮޅަށް ލަނޑު ނުވަދެ ގިނަ މެޗުތަކެއް ނިންމާލެވުނަސް، މިއަހަރު އަހަރެމެންނަށް ލަނޑެއް ނުވަދެ މެޗެއް ނިންމާ ނުލެވޭތާ ތަން ކޮޅެއް ގިނަ، އަބަދުވެސް މީގެ އެންމެ މުހިންމު ކަމަކީ އިދިކޮޅު ޓީމަށް ވުރެ އިތުރަށް އެންމެ ލަނޑެއްޖަހައިގެން ނަމަވެސް މޮޅުވުން،" ޒިދާން ބުންޏެވެ.
މިދިޔަ ދެތިން މެޗެއްގައި، ރެއާލްގެ ކެސެމީރޯ ފާހަގަ ކުރެވިފައި ވަނީ ކާޑާ ރަށްޓެހި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމުގެ ރިސްކެއްގެ ގޮތުން 10 ކުޅުންތެރިން ހިމަނައިގެން، ޒިދާން ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަކަމަށް ބުނުމުން ޒިދާން ބުނީ އެގޮތަށް ޓްރެއިނިންތައް ކުރިއަށް ނުގެންދާ ކަމަށެވެ.
"ކެސެމީރޯއަކީ ފިޒިކަލީ ވަރުގަދަ ކުޅުންތެރިޔެއް، އަހަރެން ނުބުނާނަން އޭނާގެ ސްޓައިލް ބަދަލު ކުރާކަށް،"
ދެން އޮތީ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑު ޖެހުމާއި، ޒިދާން އާއެކު ރެއާލްއަށް ކުޅުނު ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯގެ ލަނޑުޖެހުމާ އަޅާ ކިޔުމެވެ. ޒިދާން ބުނީ އެ ދެ ކުޅުންތެރިންނަކީ ފިނިޝިން ރަނގަޅު ދެ ކުޅުންތެރިން ކަމަށެވެ.
"ޔަގީން ރޮނާލްޑޯ އަކީ އަހަރެން ކޯޗް ކޮށްދޭ އެންމެ ފިނިޝިން ރަނގަޅު ކުޅުންތެރިޔާ، އަހަރެން އޭނާއާ އެކު ނުކުޅެން، އެކަމަކު ބްރެޒިލްގެ ރޮނާލްޑޯއާ އެއްކޮށް ކުޅުނިން، އޭނާއަކީ ވެސް ވަރަށް ގިނައިން ގޯލް ޖަހާ ކުޅުންތެރިޔެއް، އެ ދެކުޅުންތެރިންނަށް އަހަރެން ވަރަށް ޖެލަސް ވޭ، ސަބަބަކީ އަހަރެންގެ ނެތް އެދެކުޅުންތެރިންހާ ގޯލް ޖެހުމުގެ ހުނަރެއް، އަހަރެން އަބަދުވެސް ބޯޅަ ޕާސް ކޮށް ދެނީ، ފްރާންސްގެ ގައުމީ ޓީމަށް ވޯލްޑްކަޕް ހޯދައިދިން މިޑްފީލްޑާ ބުންޏެވެ.