ފިނިޕޭޖް

މި މަސް ތެރޭ ޝްވެކް ހުޅުމާލެ ސިނަމާ ހުޅުވަނީ

ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިމިއުޅެނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. އަލަށް ރިލީޒްކުރާ ފިލްމެއް ބަލަަން ބޭނުން ނަމަ މާލެ އައުން ނޫން ގޮތެއް ނެތެވެ. ހާއްސަކޮށް ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތަކެވެ. ދިވެހި ޕްރޮޑިއުސަރުން އުފައްދާ ފިލްމުތައް ބައެއް ރަށްރަށުގައި އެޅުވި ނަމަވެސް ބޮލީވުޑް އަދި ހޮލީވުޑް ފިލްމެއް ބަލަން ބޭނުންވެއްޖެނަމަ މާލެ އައުން ނޫން ގޮތެއް ނެތެވެ.

ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅޭއިރު އާންމުކޮށް ހުރިހާ ބޭނުމެއް ހުޅުމާލެއިން ފުދެ އެވެ. ކޮންމެވެސް ވަރަކަށް ވަޒީފާގެ ފުރުސަތުވެސް އެބަ އޮތެވެ. އެތަނުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޮޑު ހޮސްޕިޓަލެއް ދަނީ އަޅަމުންނެވެ. ރަނގަޅު ފެންވަރަށް ކިޔަވައިދޭ ސްކޫލްތައް އެބަހުއްޓެވެ. ނަމަވެސް އާއިލާ އާ ރައްޓެހިން އެކުގައި ފިލްމެއް ބަލައިލާނެ ތަނެއް ނެތެވެ. އެހެން ކަމުން ހުޅުމާލެ ތަރައްގީ ކުރާ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިވަނީ ހުޅުމާލޭގައި ސިނަމާއެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފަ އެވެ.

ހޮލީވުޑް އަދި ބޮލީވުޑް ފިލްމުތައް އަޅުވާ ހަމައެކަނި ސިނަމާ ޝްވެކް ހިންގަމުން އަންނަ ޝްވެކް ކުންފުނިން މިވަނީ އެ ސިނަމާގެ މަސައްކަތް ފަށާފަ އެވެ. މި މަހުގެ ތެރޭގައި އެ ސިނަމާ ހުޅުވާ ހިދުމަތް ދޭން ފަށާނެ އެވެ.

މާލޭގައި ގާއިމްކޮށްފައިވާ ޝްވެކް ސިނަމާއަށްވުރެން ޖާގަބޮޑު މި ސިނަމާގައި 180 މީހުންނަށް އެއް ފަހަރާ ފިލްމު ބަލައިލެވޭނެ އެވެ. މާލޭގައި ހުންނަ ޝްވެކް ސިނަމާގައި އަކީ 150 މީހުންގެ ޖާގައިގެ ސިނަމާ އެކެވެ.

ޝްވެކް ސިނަމާއިން ބުނީ ހުޅުމާލޭގައި އަޅާ ސިނަމާގައި ފިލްމް ދައްކާނީ، މާލޭގެ ހުންނަ ޝުވެކް ސިނަމާގެ ސްކްރީންއަށްވުރެ ދެގުނަ ބޮޑު ސިލްވާ ސްކްރީންއެއްގައި ކަމަށެވެ.

މި ސިނަމާ އަޅަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ކޮމިއުނިޓީ ސެންޓަރުގަ އެވެ.