އަވަށްޓެރި އުތުރުކޮރެއާއިން ދީފާނެ މިސައިލް ހަމަަލާއަކުން ދިފާއުވުމުގެ ގާބިލުކަން ދެކުނުކޮރެއިން ހޯދައިފި އެވެ.
އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެގައުމުން އުފައްދާފައިވާ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ދެކުނުކޮރެއާގައި އިންސްޓޯލްކޮށް ނިމި ބޭނުން ކުރަން ފެށޭވަރު ވެފައިވާ ކަމަށެވެ. އެހެންވެ އުތުރުކޮރެއާއިން ފޮނުވާލާ މިސައިލްއަކަށް ހުރަސް އެޅުމުގެ ގާބިލުކަން މިހާރު އެނިޒާމަށް ލިބިފައިވާ ކަަމަށް ވެސް އެމެރިކާ އޮފިޝަލަކު ބީބީސީއަށް ބުނެފައި ވެއެވެ.
ނަމަވެސް އޭޕްރިލްމަހުގެ 26 ވަނަ ދުވަހު ތާޑްގެ ބައިތައް ދެކުނު ކޮރެއާއަށް ގެންދިއުމަށް ފަހު އެމެރިކާއާއި ދެކުނުކޮރެއާގެ އޮފިޝަލުން ބުނެފައި ވަނީ އެ ނިޒާމުގެ ބޭނުންކުރެވޭ ގޮތަށް ހެދުމަށް އަދި މަސްތަކެއް ހޭދަވާނެ ކަަމަށެވެ.
ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) އަކީ ބެލިސްޓިކް މިސަައިލުން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ނިޒާމެކެވެ. އެ ނިޒާމު ދެކުނު ކޮރެއާއަށް ގެންދަން އުޅޭކަން އެމެރިކާއިން އިއުލާން ކުރުމުން ދެކުނުކޮރެއާގެ އެތައް ސަތޭކަ ރައްޔިތުންނެއް އެކަމާ ދެކޮޅަށް މުޒާހަރާ ކުރިއެވެ. އަދި އެގައުމުގައި އަންމަ މޭމަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ އުއްމީދީ ކެންޑިޑޭޓް ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.
ދެކުނުކޮރެއާގެ ރިޔާސީ ކެންޑިޑޭޓް މޫން ޖައެ ގެ ތަރުޖަމާނު ވިދާޅުވީ އެގައުމަށް ތާޑް ގެންދަން އެމެރިކާއިން ނިންމި ނިންމުމަކީ އާއްމުންގެ ހިޔާލަށް ފަރުވާލެއް ނުބަހައްޓާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިިހަމަ ނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ދެކުނު ކޮރެއާގައި އާ ސަރުކާރެއް ގާއިމް ކުރެވެންދެން އެކަން މަޑު ޖައްސައިލުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ