ކުޅިވަރު

މިއީ ކެރިއަރުގައި ޖެހުނު އެންމެ މޮޅު ގޯލް: ޗޭން

May 2, 2017

ވަޓްފޯޑްއާ ދެކޮޅާށް ރޭ ގެ މެޗުގައި ޖެހި ލަނޑަކީ މުޅި ކެރިއަރު ގައިވެސް ކާމިޔާބު ކުރި އެންމެ މޮޅު ލަނޑު ކަމަށް، ލިވަޕޫލްގެ މިޑްފީލްޑާ އެމްރީން ޗޭން ބުނެފި އެވެ.

ޖަރުމަނަށް ނިސްބަތްވާ ޗޭން، ލިވަޕޫލްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ، ވަޓްފޯޑްގެ ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ލޫކަސް ލޭވާ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން، ބޯޅަ، ވައިގެ ތެރޭގައި އޮތްވައި ވެއްޓިގެންފައި ފޮނުވާލި ބޯޅައިން ނެވެ.

"އަހަރެން އެފެންވަރުގެ ގޯލެއް (މީގެ ކުރިން) ނުޖަހަން، ފަހަރެއްގައި ވެދާނެ އަހަރެން އަދި ޒުވާން ކަމުން ކަމަށްވެސް، އެއީ އަހަންނަށް ޖެހުނު އެންމެ މޮޅު ގޯލް،" ޗޭން، 23 ބުންޏެވެ.

މި މޮޅާއެކު، ލިވަޕޫލް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ޖާގަ ކަށަވަރު ކުރުމާ ގާތަށް ޖެހިލާފަ އެވެ. ގަދަ ހަތަރެއްގެ ޖާގަ ޔަގީން ކުރުމަށް މަސައްކަތް ކުރަމުން އަންނަ، މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓަޑް އަދި އާސެނަލް މިހަފުތާގައި ކުޅުނު މެޗުތަކުން މޮޅު ނުވުމުން، ރޭ ލިވަޕޫލް މޮޅުވުމުން، އެޓީމުން ވަނީ ހަތަރު ވަނައިގައި އޮތް ސިޓީ އަށް ވުރެ ތިން ޕޮއިންޓް ކުރިއަށް ޖެހިލާފަ އެވެ. އަދި ފަސް ވަނައިގައި ޔުނައިޓާޑާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. އިނިގިރޭސި ލީގުން، ޗެމްޕިއަންސް ލީގް ޖާގަ ލިބޭނީ ގަދަ ހަތަރު ޓީމަށެވެ.

ޗޭން ބުނީ، ޗެމްޕިއަންސް ލީގް ޖާގަ ކަށަވަރު ކުރުމަށް މިހާރު ލިވަޕޫލަށް އަމިއްލަ ބާރު އޮވެގެން ކުރިއަށް ދެވޭނެ ކަމަށެވެ.

"އަހަރެމެން އަތުގައި ހުރިހާ ބާރެއް އެބައޮތް، ކުރިއަށް އޮތް ތިން މެޗު އަހަރެމެން ކާމިޔާބު ކޮށްފިނަމަ، އަހަރެމެން އޮންނާނީ ޗެމްޕިއަންސް ލީގްގައި، އަހަރެމެންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް." ޗޭން ބުންޏެވެ.

ރޭގެ މެޗު ފެށިގެން 10 ވަނަ މިނެޓްގައި، އެޑަމް ލަލާނާއަށް ލިބުނު އަނިޔާއެއްގައި، ބަދަލުގައި ފިލިޕޭ ކްޓޫނިއޯ ވަނީ ކުޅެން އަރުވާފަ އެވެ.