ދުނިޔެ

ހަމާސްގެ ސިޔާސަތަށް ބޮޑު ބަދަލެއް

ފަލަސްތީނުގެ ހުރިހާ ބިންތަކެއް މިނިވަން ކުރަން ހަނގުރާމަކުރާނެ ކަމަށް ބުނަމުން އައި ހަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ ( ހަމާސް) އުފެއްދީއްސުރެ މިހައިތަނަށް ގެންގުޅުނު ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރު ޚާދިދު މަޝްއަލް އިއްޔެ އާއްމުކުރި ލިއުމެއްގައިވާ ގޮތުން އިޒްރޭލުގެ ދައުލަތް ފުރަތަމަ އުފެއްދި ފަހުން 1967 ވަނަ އަަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދަކީ ފަލަސްތީނުގެ ދައުލަތުގެ ބިންތައް ކަމަަށް ގަބޫލުކުރަން އެޖަމާއަތް މިހާރު އޮތީ ތައްޔާރަށެވެ. ނަމަވެސް 1988 ވަނަ އަހަރު ހަމާސް އުފެއްދި އިރު އޮތް ޗާޓަރުގައިވާ ގޮތުން ފަލަސްތީނުގެ ދައުލަތުގެ ބިންތައް ކަމަށް އެޖަމާއަތުން ގަބޫލުކުރާނީ އިޒްރޭލް ނުއުފައްދާ އިރު އޮތް ގޮތަށެވެ. އޭގެ މާނައަކީ އިޒްރޭލުގެ ގޮތުގައި އޮތް ސަރަހައްދުވެސް ފަލަސްތީނުގެ ސަރަހައްދު ކަމަށް އެޖަމާއަތުން ބެލުމެވެ.

މިނިވަން ކުރަން ޖެހޭ ސަރަހައްދަކީ 1967 ވަނަ އަހަރު އިޒްރޭލާ އަރަބިންނާ ދެމެދު ހިނގި ހަނގުރާމައިގައި އިޒްރޭލުން ހިފި ބިންތައް އެކަނި ކަމަށް ގަބޫލުކުރިޔަސް އިޒްރޭލު އެއީ ދައުލަތެއްގެ ގޮތުގައި ހަމާސްގެ އާ ލިއުމުގައި ވެސް ރަސްމީކޮށް ގަބޫލުކޮށްފައެއް ނުވެއެވެ. ނަމަވެސް 1967 ވަަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދު ނަގާފައި އަނެއްބައި ދޫކޮށްލަން އެއްބަސްވުމަކީ އިޒްރޭލު ދެމި އޮތުމަށް ޖާގަދޭން ބޭނުންވާ ކަން ހާމަވާ ކަމެކެވެ. ހަމާސް އިން ކުރިން ބުނަމުން އައީ އިޒްރޭލު އެކުގައި ނައްތައިލަން ޖެހޭ ކަމަށެވެ.

ހަމާސްގެ ސިޔާސަތަށް އައި އަނެއް ބަދަލަކީ އެޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ދީނީ ހަނގުރާމައެއް ނޫން ކަމަށް ބެލުމެވެ. އިއްޔެ އާއްމުކުރި ސިޔާސަތުގައިވާ ގޮތުން ހަމާސްގެ ދެކޮޅުވެރިކަން އޮތީ ހުރިހާ ޔަހޫދީންނަކަށް ނޫނެވެ. ނަމަވެސް ދެކޮޅުވެރިކަން އޮތީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޒަޔަނިސްޓް ޔަހޫދީންނަށެވެ.

ހަމާސް އުފެއްދި އިރު އެޖަމާއަތުގެ އަސްލުކަމަށް ބެލި ، މިސްރުގެ އިޚުވާނުލް މުސްލިމީން އާ އެޖަމާއަތާ އޮތް ގޮޅުން ވެސް ފަހުގެ ސިޔާސަތުން ވަނީ ކަނޑާލާފައެވެ. ލިއުމުގައި ބުނެފައި ވަނީ އެޖަމާއަތަކީ ފަލަސްތީނު މިނިވަން ކުރަން، މިނިވަންކަމާއި އެކު މަސައްކަތްކުރާ ޖަމާއަތެއް ކަމަށެވެ. އެކަމަކު 1988 ގެ ޗާޓަރުގައި އިޚުވާނުލް މުސްލިމީންގެ ވާހަކަ ހަ ފަހަރު ބަޔާންކޮށް، ހަމާސްއަކީ އެޖަމާއަތުގެ ގޮތްޕެއް ކަމަށް ދޭހަވާ މިންވަރަށް އެޖަމާއަތަށް ޖާގަދީފައި އޮތެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ހަމާސްގެ ސިޔާސަތުތައް ބަދަލުކުރީ ބައިނަލް އަގުވާމީ ގޮތުން އެޖަމާއަތް އެކަހެރިވެފައި އޮތް އޮތުމަށް ލުޔެއް ހޯދުމަށެވެ. - އަލްޖަޒީރާ