ބޮލީވުޑް

އާޔުޝް ބޮލީވުޑަށް ނެރެން ސަލްމާން އާއި ކަރަން އެހީވަނީ

May 3, 2017

އާޔުޝް ޝަރްމާ، ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންއާ ކައިވެނިކުރި ހިސާބުން އާޔުޝް ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

އެގޮތުން އާޔުޝް ވަނީ ސަލްމާންގެ އެންމެފަހުން ރިލީޒްވި ދެ ފިލްމު ކަމަށްވާ "ބަޖްރަންގީ ބައިޖާން" އާއި "ސުލްތާން" ގެ ޝުޓިންގައި ކެމެރާގައި ފަހަތުގައި ހަރަކާތްތެރިވެފަ އެވެ. ސަލްމާންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި "ސުލްތާން" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.

އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ އާޔުޝް ޖިމްގައި ކަސްރަތު ކުރަނިކޮށް ނަގާފައިވާ ފޮޓޯތައް އާންމުކުރަމުން އަންނައިރު އޭނާގެ ފުރަތަމަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ތައްޔާރުކުރަމުން އަންނަ ވާހަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުންޏަކުން އާޔުޝް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ސަލްމާން މިވަނީ އޭނާގެ ލިޔަނު ބޮލީވުޑަށް ނެރެން އަތުކުރި އޮޅާލާފަ އެވެ. ސަލްމާން އާއި ޑަައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ގުޅިގެން އުފައްދާ ފިލްމަކުން އާޔުޝް ބޮލީވުޑަށް ނިކުންނާނެ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ސަލްމާން އާއި ކަރަން އުފައްދާ އެ ފިލްމަކީ ސޯލޯ ފިލްމެއް ކަމަށްވެ އެވެ. އެހެންކަމުން މި ފިލްމަކީ އާޔުޝްގެ ހުނަރު ބެލުންޔތެރިންނަށް ފުރިހަމަ އަށް ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް ޖުލައި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައި ވަނީ ވެސް ކަރަން އެވެ.

އާޔުޝް ބޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ ޔަގީންކަން އޭނާ ނުދިން ނަމަވެސް ސަލްމާން އާއި ކަރަން އޭނާ ފިލްމީ ދާއިރާ އަށް ނެރެން އެހީވެދޭ ކަމުގެ ހަބަރެއް ޓްވީޓްކުރަމުން އަންހެނުން އަރްޕިތާ ވަނީ އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެ ކަމަށް ލިޔެފަ އެވެ.