ދުނިޔެ

އީރާންގެ ނިއުކްލިއާ މައްސަލަ ހައްލުކުރާނެ ގޮތް ކަނޑައަޅައިފި

Apr 2, 2015

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އީރާނުން ކުރިއަށް ގެންދާ ކަމަށް އެމެރިކާ އާއި ހުޅަނގުން ތުހުމަތުކުރާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނަައުމާ ބެހޭ އެއްބަސްވުމެއް ގާއިމުކުރާނެ ގޮތެއް ކަނޑައެޅިއްޖެ ކަމަށާއި މިހާރު މި ވަނީ ނިއުކްލިއާ މައްސަލަ އަށް ހައްލެއް ހޯދޭނެ މަގު ފެނިފައި ކަމަށް އީރާނާއި ބޮޑެތި ބާރުތަކުގެ މަޝްވަރާތަކަށް ފަހު މިރޭ އިއުލާނުކޮށްފި އެވެ.

އީރާނާ އެކު އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން ސްވިޓްޒަލެންޑުގައި އަށް ދުވަސް ވަންދެން ކުރި މަޝްވަރާތަކަށް ފަހު ބުނީ ހައްލު ފެނިއްޖެ ކަމަށާއި ނިއުކްލިއާ މައްސަލަ އަށް ހައްލު ހޯދުމުގެ އެއްބަސްވުން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލަން އެއްބަސްވެފައިވާ ކަމަށެވެ.

އީރާންގެ ފޮރިން މިިނިސްޓަރު ޖަވާދް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ހައްލެއް ހޯދިއްޖެ، (އެއްބަސްވުން) ވަގުތުން އެކުލަވާލަން ފަށަން ތައްޔާރު" ކަމަށެވެ. ޖަރުމަނުގެ ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައި ވަނީ ފަހުގެ އެއްބަސްވުން ގާއިމުކުރާނެ ގޮތުގެ އޮނިގަނޑަކާ މެދު އެއްބަސް ވެވިއްޖެ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ޓްވީޓްކުރައްވާފައި ވަނީ މިއީ ބޮޑު ދުވަހެއް ކަމަށާއި ފަހުގެ އެއްބަސްވުން އެކުލަވާލަން ފެށުމުގެ މަސައްކަތް އަވަހަށް ފަށަންވީ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަޝްވަރާތަަކަށް ފާޑު ކިޔައި ފުރައްސާ ކުރަމުންދާ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވެސް ވަނީ މިކަމާ ބެހޭ ގޮތުން ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއްބަސްވުން ވާންޖެހޭނީ އީރާނަށް ނިއުކްލިއާ މަސައްކަތުގައި މިހާރު ލިބިފައިވާ ގާބިލްކަން ނައްތާލައި ޓެރަރިޒަމާއި ހަރުކަށިކަން ހުއްޓުވޭ އެއްބަސްވުމަކަށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެއްބަސްވުމުގެ ފަހު މަރުހަލާ ފަށަން މަގު ތަނަވަސްވެެގެން ދިޔައީ ނިއުކްލިއާ މައްސަލާގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވުުމުންނެވެ. އަދި ބަދަލުގައި އީރާނުން ވަނީ ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތުގެ ބޮޑު ބައި ދިގު މުއްދަތަކަށް މޮނިޓަކުރުމުގެ ހުއްދަ ދޭން އެއްބަސްވެފައި ކަމަށްވެ އެވެ.

އީރާނުން ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގައި އަސްކަރީ މަގްސަދެެއް ނެތް ކަމަށެވެ. އެމެރިކާ އާއި ހުޅަނގުން އެދެމުން ދަނީ އީރާންގެ ނިޔަތް ސާފުކަން ކަށަވަރުކޮށްދިނުމަށެވެ.